ޢިބްރަތްތެރި ވާހަކަ: ދެއަނބިން ތިބިކަމާ ދެއަނބިންނަށް ދަރިން ތިބިކަން ސިއްރުކޮށްގެން ޢުމުރު ހޭދަކޮށްލި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޢިބްރަތްތެރި ވާހަކަ: ދެއަނބިން ތިބިކަމާ ދެއަނބިންނަށް ދަރިން ތިބިކަން ސިއްރުކޮށްގެން ޢުމުރު ހޭދަކޮށްލި މީހެއްގެ ވާހަކަ-

ތަނަވަސްކަން ހުރިނަމަ އިތުރު އަނބިން ހޯދުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ކަންކަން ސިއްރުކުރާތީއެވެ. ކައިވެނިކޮށްގެން އުޅެމުންވެސް އަންތބަކު ނެތަކަމަށް ބުނެ އޮޅުވައިލާތީއެވެ. އެފަދަ ކަންކަމުގެ ސަބަބުން އެތައް ބައަކަށް ނުތަނަވަސްކަމާއި ހިތްދަތިކަން ކުރިމަތިވާތީއެވެ. 

ތިރީގައިވާ ވާހަކައަކީ އެފަދަ ޙާދިސާއެއްގެ ވާހަކައެކެވެ. 

އަޅުގަނޑުގެ ބައްޕައަކީ އެއްގޮތަކަށްވެސް ޢާއިލާއަށް ވަގުތުދެވޭ މީހެއް ނޫނެވެ. އަބަދުވެސް އުޅެނީ މަސައްކަތުގައި ބޭރުގައެވެ. ދަތުރުކުރުމުގައެވެ. އެހެންވެ މަންމަ ވަރަށް ދެރަވެފައި ޝަކުވާތައް ކުރެއެވެ. ބައްޕަގެ ޖަވާބަކަށްވަނީ ފައިސާ ހޯދަންޖެހޭތީ ބުރަކޮށް މަސައްކަތްކުރަން މަޖުބޫރުވަނީ ކަމަށެވެ. 

އެހައި މަދު ވަގުތުކޮޅެއްދޭއިރުވެސް އަޅުގަނޑު ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެހެންވެ މަންމަގެ އެފަދަ ޝަކުވާތަކުގެ އަޑުއިވޭތީ މަންމަދެކެ ވަރަށް ރުޅިއާދވެއެވެ. ބައެއްފަހަރު މަންމަ ހިތްހަމަނުޖެހޭފަދަ ބަސްތައް ބުނެވެއެވެ. އަދި ބައްޕަދެކެވާލޯބި އައީ އިތުރުވަމުންނެވެ. 

ކޮންމެއަކަސް އުމުރުން 16 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. ކިޔަވަންވެސް ފޫހިވިއެވެ. ޓެސްޓްތަކުން ލިބޭ މާކްސް ދަށްވެގެންދިއުމުން މަންމަ ވަރަށް ދެރަވިއެވެ. އެހެންވެ އަޅުގަނޑަށް ނަޞޭޙަތްދެމުން ބައްޕަ ދުނިޔެއަށް ދެން އަނބުރައި ނުގެނެވޭނެ ވާހަކަ ބުނުމުން އަޅުގަނޑު ވަރަށް ރުޅިގަދަވިއެވެ. އެވަގުތު މަންމައަށް ބުނެވުނެވެ. "ބައްޕައަކީ ދޮގުވެރިއެކެވެ. މަކަރުވެރިއެކެވެ." 

އެހެންބުނުމުން ވަކިން ބޮޑަށް ރުޅިގަދަވެ މަންމައާއި ދިމާއަށް ހުތުރުބަހެއްވެސް ބުނެވުނެވެ. ދޮގުވެރިއަކީ މަންމަކަމަށްވެސް ބުނެވުނެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. މިއީ ދުވަހަކުވެސް ދަރިފުޅު ގާތު މަންމަ ދައްކަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ ކިޔެވުން ހަލާކުވެ، މަންމައާއިމެދު ތިއަހައި ބޮޑަށް ނަފްރަތު އުފެދުނީމާ މަޖުބޫރުވެގެން މިކިޔައިދެނީއެވެ. 

ބައްޕަ ގެއަށް ނުވަދެ އަހަރެމެންނާއިއެކު ވަގުތު ހޭދަނުކުރީ މަސައްކަތް ބުރަވެގެނެއް ނޫނެވެ. ދަތުރުކުރީ ފައިސާ ހޯދާކަށް ނޫނެވެ. ބައްޕަގެ ދޮށީ އަނބިމީހާއަށް ޒިޔާރަތްކުރާށެވެ! އިރުއިރުކޮޅުން ފުރައިގެން އެދަނީ އެމީހުންގެ ގާތަށެވެ. 

މަންމައާއި ކައިވެނިކުރުމުގެ ކުރިން ބައްޕަވަނީ ކައިވެންޏެއް ކޮށްފައެވެ. އެކައިވެނީގައި ވަނީ 3 ދަރިންވެސް ލިބިފައެވެ. އެކަމަކު މަންމަ އާއި ކައިވެނިކުރިކަން އެޢާއިލާއަށް ބައްޕަވަނީ ސިއްރުކޮށްފައެވެ. އަދިވެސް އެމީހުންނަށް އެނގުނުކަމެއް ނުއެނގެއެވެ. މަންމައަށްވެސް އެކަން އެނގުނީ ބައްޕަ ނިޔާވުމުގެ އެއްދުވަސްކުރިން ބައްޕަ ކިޔައިދިނީމައެވެ. މާފަށް އެދުނީމައެވެ. ބައްޕަ އެދުނުފަދައިން ބައްޕައަށް މާފުކުރީމެވެ. އެއީ މަންމަ މާފުނުކުރުމުގެ ސަބަބުން ބައްޕައަށް އެއްވެސް ފާފައެއް ލިބެން ނުއެދޭތީއެވެ." 

ކިޔައިދީ ނިމުނުއިރު މަންމައަށް ގިސްލަގިސްލާފައި ރޮވެއެވެ. އެވާހަކަތައް އަޑުއިވުމުން މަންމަގެ މައްޗަށް ވަރަށް ބޮޑަށް ހަމްދަރުދީ އުފެދުނެވެ. އަދި ޙަޤީޤަތް ނުއެނގިހުރެ ބުނެވިފައިވާ ބަސްތަކަށާއި ކުރެވިފައިވާ ކަންކަމަށް މާފަށް އެދުނީމެވެ. މަންމަގެ ހިތް ހަމަޖައްސައިދޭން ކުރެވުނުހައި ކަމެއް ކުރީމެވެ. ނަތީޖާއެއްގެ ގޮތުންގެ ދެމައިންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިއައެވެ. 

އަޅުގަނޑު ކިޔަވައި ނިމުމުން މަންމަ އެރަށަށް އަޅުގަނޑު ގެންދިއައެވެ. މީހުން ގާތު އަހައި އޮޅުންފިލުވައިގެން ދޮންމަންމަ ހޯދިއެވެ. އަދި އަޅުގަނޑު ދެއްކިއެވެ. ދޮންމަންމަ ހުރީ ބޮޑު ޙައިރާންކަމެއްގައެވެ. ބުނާނެ އެއްޗެއް ނުއެނގިފައެވެ. ދޮންމަންމަގެ 3 ދަރިންވެސް ދައްކައި 4 ބެއިންނަކީ އެއްބަފާ ކުދިންކަމުގައި ބުނެދިނެވެ. އެހިސާބުން ދެ ޢާއިލާގެ މެދުގައި ގާތް ގުޅުމެއް އުފެދިގެންދިއައެވެ.

އެންމެ ދެރަވީ އަހަރެމެން މާލޭގައި އުޅެނީ ކުޑަކުޑަ ކޮޓަރިއެއްގައިކަމަށްވެފައި ދޮންމަންމައަށް ބޮޑު ގެއެއް އަޅައިދީފައިހުރިކަން އެނގުމުންނެވެ. ނަމަވެސް ހިތްބުރަކަމެއް ނުބާއްވައި ބައްޕައަށް މާފުކުރީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ 2005 ވަނަ އަހަރު ހިނގިކަމެއްގެ ވާހަކައެވެ. އަޅުގަނޑު ފިރިހެނުންގެ ކިބައިން އެދެން ބޭނުންވަނީ އަޅުގަނޑުގެ ބައްޕަ ފަދައިން ސިއްރުން ކައިވެނިކޮށް ކަންކަން އޮޅުވާނުލުމަށެވެ. އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ ބައްޕަދެމުން އައި މަދު ފައިސާކޮޅުންވެސް ކަންކަން ހަމަޖައްސައި އަޅުގަނޑަށް ބޭނުންވާ ކަންކަންކޮށްދީ ސްކޫލަށް އަޅުގަނޑު ގެންގޮސް ގެނެސްދީ ހުރިހާ ބުރަތަކެއް އުފުލި މަންމައަށް ނިކަމެތިވާ ގޮތަށް ބަސްތަކެއް ބުނެވުނީތީއެވެ. މަންމައަށް ނަފްރަތުކުރެވުނީތީއެވެ. 

ދެވަނަ އަންތބަކު ހޯދަން ބޭނުންވިނަމަވެސް އޮޅުވާނުލައި އެކަންކުރެވޭނެ ނޫން ހެއްޔެވެ؟ ކޮންމެ ކަމެއްވެސް ކުރަން އޮންނަ ރީތި ގޮތުގައި ނުކޮށް އެންމެ ނުބައި ގޮތަށް ކުރަނީ ކީއްވެގެން ހެއްޔެވެ؟ 

- އިލްހާމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން