މާލޭގައި 26،000 ޓަނުގެ ފެން އުފައްދާ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރަން މަސައްކަތްކުރާކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ މިމަހުގެ ތެރޭ ނުވަތަ އަންނަ މަހުގެ ތެރޭގައި 26،000 ޓަނުގެ ފެން އުފައްދާ ރައްކާކުރެވޭނެ ނިޒާމެއް މާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.
"މާލޭގައި ފެން އުފެއްދޭވަރާއި ރައްކާކުރެވޭ ވަރާއި ބޭނުންކުރެވޭވަރު މި ހުންނަނީ ގާތްގަޑަކަށް އެއްވަރެއްގައި. އެހެން ހުއްޓާ ބޮޑުކަމެއް ދިމާވެއްޖެނަމަ ވަރަށް ހާލުގައި ޖެހޭ ގޮތެއްގައި މިއޮތީ. ނަމަވެސް ކާރިސާތަކަށް ތައްޔާރުވާން އެބަޖެހޭ. ހުރިހާ ގޮތަކުން ބެލިނަމަވެސް ފެނުގެ ޚިދުމަތުގެ ޔަޤީންކަން މިހާރަށްވުރެ ބޮޑުތަނުން ރަނގަޅު ކުރަންޖެހޭ." މަތީން ވިދާޅުވިއެވެ.
ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ހުޅުމާލެއާއި މާލެއާ ދެމެދު ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ.