އޮންލައިންކޮށް ނަގާ އިމްތިހާނުތައް މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރަމުންދާކަމަށް އެމްކިޔުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ފިޒާނާ ރަޝީދު ވިދާޅުވީ އޮންލައިންކޮށް ނަގާ އިމްތިހާންތައް ރަނގަޅަށް މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މި މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އޮންލައިންކޮށް ނަގާ އިމްތިހާންތައް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭކަމުގެ ޝަކުވާ، އެމްކިޔުއޭއަށް ލިބޭކަމަށެވެ. އަދި މިކަންކަން ރަނގަޅުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު މިހާރު މަޝްވަރާކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
"އޮންލައިންކޮށް އިމްތިހާންތައް އަދި ކޯސްތައް ކުރިއަށްނުގެންދެވޭނެ ދާއިރާތަކެއް އެބަހުރި. މީގެ އިތުރުން އެކި ކޯސްތަކުގެ ޕްރެކްޓިކަލް ބައިތަކެއް އޮންލައިންކޮށް ކުރިއަށްނުގެންދެވޭނެ. އެހެންނަމަވެސް ބްލެންޑެޑްކޮށް ނުވަތަ އޮންލައިންނާއި ފޭސް ޓު ފޭސްކޮށް ކޯސްތައް ކުރިއަށްގެންދެވޭނެ. އެއީ އަޅުގަނޑު ޤަބޫލުކުރާ ކަމެއް." ފިޒާނާ ވިދާޅުވިއެވެ.
ފިޒާނާ ވިދާޅުވީ މިހާރު އޮންލައިންކޮށް ނަގާ އިމްތިހާންތަކަށް އެކްރެޑިޓޭޝަން ދިނުމުގެ ހުއްދަ ދެނީ ކޯސް ހިންގާ ތަނުން އިމްތިހާން ނެގުމަށް އޮންނަ ނިޒާމު އެމްކިޔުއޭއިން ވަރަށް ގާތުން ބެލުމަށްފަހު ކަމަށެވެ.