އަންނަ އޮގަސްޓްމަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިޢުލާން:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސް އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.
ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ހރ އެކްސަލަންސީ މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް މިއަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މިގޮތުން، މިދަތުރުގެ ބައެއްގެ ގޮތުގައި ޗައިނާ (ސިޝުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްއެއް 6 އޯގަސްޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިރީގައި އެވާ ދާއިރާތަކުން ސިޝުއާން ޕްރޮވިންސްގެ ވިޔަފާރިތައް މި ކޮންފަރަންސްގައި ބައިވެރިވުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދެއްވާފައެވެ.
· ދަނޑުވެރިކަން
· މޭވާ އަދި ތަރުކާރީ ސަޕްލައި ކުރާ ފަރާތްތައް
· ކާބޯތަކެތި އުފެއްދުމާއި، ޕްރޮސެސް ކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާއި ބެހޭ ވިޔަފާރި
· ކޮންސިއުމާ ގުޑްސް އަދި ހޯލްސޭލް ވިޔަފާރި
· ފަތުރުވެރިކަމާއި ބެހޭ ދާއިރާ
މި ކޮންފަރެންސްގައި މަތީގައިވާ ދާއިރާތަކުން ސިޝުއާންގެ ވިޔަފާރިތަކާ ބައްދަލުކޮށް ނެޓްވާރކް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. ވީމާ، މި ދާއިރާތަކުން ޒިޔާރަތް ކުރާ ކުންފުނިތަކާ އަދި ސިޝުއާން ޕްރޮވިންސް ގެ އިސްފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޝައުޤުވެރިކަން ހުރި ދިވެހި ވިޔަފާރިތަކުން 18ޖުލައި 2024 ގެ 14:00 ގެ ކުރިން އެކަން ބަޔާންކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ އޮންލައިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށައެޅުއްވުމަށް އެދެމެވެ. ކޮންފަރަންސްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމު ތިރީގައިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ކޮންފަރަންސްގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމުގައި ތަނުގެ ޖާގައަށް ބަލައި ސިޝުއާން އިން އަންނަ ވިޔަފާރިތަކާ އެންމެ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ.
https://forms.office.com/r/6Hg5iPr2ua?origin=lprLink
އަދި މި ކޮންފަރަންސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333181 ނުވަތަ 3333182 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.