އިތުރުކުރަން ބޭނުންނަމަ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާށެވެ! އަމިއްލަ ބޭނުންތައް ނުފުއްދައި ތިބެގެންވެސް ހޭދަކުރާށެވެ! އެނބުރި އަންނާނީ ހާހުން ލައްކައިން މިލިއަނުން އިތުރުވެގެންކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އެދެމަފިރިންނަކީ، ޚާއްޞަކޮށް އަނބިމީހާއަކީ ކޮންމެ ޙާލެއްގައި އޭނާ ހުރިނަމަވެސް ނިކަމެތިންނަށް އެހީތެރިވުމުގެ އާދަ ކަށީގައި ހިފާފައިހުރި އަންހެނެކެވެ. ދެމަފިރިން އެކުގައި މަގުމަތިން ދަނިކޮށް ފެނުނީ 12 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ކުނިވަށިގަނޑު ހާވާތަނެވެ.
އޭނާއާއި ސުވާލުކުރުމުން ބުނީ އޭނާއަކީ މަންމައާއި ބައްޕަ މަރުވެފައިވާ ކުއްޖެއް ކަމަށެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތުމުން ކައިހަދަނީ ޑަސްޓްބިން ހާވައިގެން ލިބޭ އެއްޗެތި ކަމަށެވެ. އަންހެންމީހާއަށް ވަރަށް އަސަރުކުރިއެވެ. އެވަގުތު އަތުގައި ހުރީ ގޭގެކުލިދައްކަންހުރި ފައިސާކޮޅެވެ. އެހެންކަމާއިއެކުވެސް އަތުގައިހުރި ހުރިހާ ފައިސާއެއް އެކުއްޖާއަށް ޞަދަޤާތްކޮށްފައި ބުނީ އެފައިސާއިން އެއްޗެތިގަނެގެން ކައިބޮއި އުޅުމަށެވެ.
ފިރިމީހާއަށް ބުނެވުނެވެ. "ތިއައީ ކުލިދައްކަން ހުރި ފައިސާ ނޫންހެއްޔެވެ؟" ޖަވާބުގައި އަނބިމީހާ ބުނީ ކަލާނގެ ދެއްވަވާ ނިޢްމަތް މާބޮޑުވާނެކަމަށެވެ. އެއަޑު އެކުއްޖާއަށް އިވުނެވެ. އެހެންވެ މިފައިސާ ހަމަ ދިނީތޯ ސުވާލުކުރުމުން ބުނީ ދިނީ ކަމަށެވެ. އަދި އެކުއްޖާ ހިނގައިގަންނަން އުޅުމުން އަތުގައި ބެލްޓެއް އަޅުވާފައި ބުނީ އެއިގެ ސަބަބުން ޞިއްހަތަށް ފައިދާކުރާނެ ކަމަށެވެ.
އެއިގެ އަހަރުތަކެއް ފަހެވެ. ގޭގެ ކުލި ނުދެއްކިގެން ވަރަށް ދަތިޙާލުގައި އުޅެނިކޮށް ގޭގެވެރިމީހާ ގެ ވިއްކައިލިއެވެ. އަދި ގެ ގަތްމީހާ ގެއާއި ޙަވާލުވާން އަންނާތީ ވަގުތުން ގެ ހުސްކުރަން ބުންޏެވެ. ދާނެ ތަނެއް ނެތުމުން ގެއިން ނުނެރުން އެދި އާދޭސްކުރުމުން ވެސް ބުނީ މިހާރު އެއީ އޭނާގެ ގެއެއް ނޫންކަމަށާއި އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އެވަގުތު ގެގަތް މީހާ ގެއާއި ޙަވާލުވާން އައެވެ. އެމީހާ އެދެމަފިރިންގެ ނަން ކިޔާފައި ބުންޏެވެ. "އެދެމަފިރިން މިހާރު ގެއިން އެބަ ނުކުމެއެވެ." އެނަން އަޑުއިވުމުން ޒުވާނާއަށް ސިހުމެއް ލިބުނެވެ. އަދި އެދެމަފިރިން ދެކެލަން ބޭނުންކަމަށް ބުންޏެވެ.
އެހެންބުނުމުން އެމީހާ ދޮރުގައި ޓަކިޖެހުމުން ނުކުތީ އަނބިމީހާއެވެ. ނުކުމެ ފުރަތަމަވެސް ބުނީ ކުޑައިރުކޮޅެއް ދިނުމަށާއި ފޮށި ތައްޔާރުކޮށްލައިގެން މިނުކުންނަނީ ކަމަށެވެ. ގެގަތް ޒުވާނާއަށް އަންހެންމީހާ އާއިމެދު ޝައްކުވިއެވެ. އަދި ދެރަވެފައި ވާހަކަދައްކަން ފެށުމުން "ކަލެއަށް އަހަރެން އެނގޭތޯ؟" ސުވާލުކުރިއެވެ. ބުންޏެވެ. "ތިއައީ އަހަރެން ޑަސްޓްބިނުން ކާއެއްޗެތި ނަގަނިކޮށް ފެނިގެން ގޭގެކުލި ދައްކަންހުރި ފައިސާ އެކުގައި އަހަރެންނަށް ދިން އަންހެންމީހާ ނޫންހެއްޔެވެ؟" އެހެން ބުނުމާއިއެކު ރޮމުން ދެމީހުންނަށް އޮޅުލައިގަނެވުނެވެ. އަދި އަތުގައި އެދުވަހު އެޅުވި ކަމަރު ދައްކައިލިއެވެ.
ދެން އެޒުވާނާ ގޭގެވެރިމީހާގެ ކިބައިން އެދުނީ ޑަބަލްތަޅުދަނޑިތަކަށެވެ. ތަޅުދަނޑިތައް ދިނުމުން އަންހެންމީހާގެ އަތަށްލައިދީފައި ބުންޏެވެ. "ގެކަލޭމެންނަށެވެ. އަހަރެންގެ ހަދިޔާއެކެވެ. އަދި އިތުރުން ދެން ޙާލުވެސް ބަލާނަމެވެ. އެހީތެރިވެސްވާނަމެވެ. އަހަރެން މަގުތަކުން ދުއްވާއިރުވެސް ކަލޭމެން ދެމަފިރިން ފެނޭތޯ ބަލަމެވެ. ނުފެނުނީއެވެ."
އެދެމަފިރިން އެދުވަހު ދަތިޙާލުގައި ތިބެކުރި ޞަދަޤާތުގެ ފައިދާ ދުނިޔޭގައިވެސް ފެނުނީއެވެ. ގެއަކާއި މުސްކުޅިވެ ފަޤީރުޙާލުގައި ތިއްބައި ބަލައިދޭނެ ދަރިއަކުވެސް ލިބުނީއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ އިތުރުންވެސް އެތައް ބައަކު ވާނީ އަޅުގަނޑު މިއުޅެނީ ޢިލްމްވެރިން ދެއްވަވާ ފަދަ ބޮޑު ދީނީ ދަރުސެއްދޭކަށް ނޫނެވެ. ނަމަވެސް އަޑުއަހާށެވެ. މިއުޅެނީ އެނގޭ މިންވަރަކުން ނަޞޭޙަތެއް ދޭންބޭނުންވެގެންނެވެ.
އެއީ ނިކަމެތި ފަޤީރުންނަށް ޞަދަޤާތް ދިނުމާއިބެހޭބެހޭ ގޮތުންނެވެ. ހައިހޫނުކަންމަތީގައި ތިބޭ ޔަތީމްކުދިންނަށް އެހީތެރިވުމާއިބެހޭގޮތުންނެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ޞަދަޤާތްކުރުމަކީ އެމީހާގެ ހުރިހާ ބޭނުންތަކެއް ފުއްދާފައި އިތުރަށް އަތުގައި ފައިސާހުރިނަމަ ކުރަން އޮތް ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތްކަމެއް ނޫނެވެ. ބަލައި ހޯދައިފިނަމަ މިފަދަ އެތައް ކަންތައްތަކެއް ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.
އަޅުގަނޑު ހަނދާންހުންނަން ފެށިއިރު މަންމަ އުޅުނީ ބައްޕައަކު ނެތި ވަރަށް ނިކަމެތިޙާލުގައެވެ. 3 ދަރިންނަށް ކާނެ އެތިކޮޅެއް ހޯދައިދެވެނީވެސް ގޭގޭގައި ނޯކިރީކޮށްގެންނެވެ. ޑަސްޓްބިން ނޫން ނަމަވެސް އެގޭގޭގައި ބާކީވާ އެތިކޮޅު ގެއަށް ގެނެސްގެންނެވެ. އެޙާލުގައި އުޅެނިކޮށް މަންމައާއި ބައްދަލުވި ހަމަ ފަޤީރު މީހަކު ﷲ އަށްޓަކައި މަންމައާއި ކައިވެނިކޮށް އަޅުގަނޑުމެންނަށް އޭނާގެ ފެންވަރުން އެހީތެރިވެދީ ބަލައި ބޮޑުކޮށްދިނެވެ. ފަހުން މަންމަގެ ކިބައިން އެނގުނު ގޮތުގައި ކާނެ އެއްޗެތި މަދުވުމުން އޭނާ ނުކައިހުރެވެސް އަޅުގަނޑުމެންނަށް ކާންދިނެވެ.
އަޅުގަނޑުމެން ވަޒީފާއަދާކުރަންފެށިތަނާހެން އޭނާއަށް ސްޓްރޯކެއްޖެހި ވާގިނެތުނެވެ. އިރާދަކުރެއްވެވީތީ އޭނާ ބަލައިދިފައިވާނީ ޤިޔާމަތް ދުވަހުންވެސް އޭނާ އަޅުގަނޑުމެންނަށް ޝުކުރުވެރިވާނެ ފެންވަރުގައެވެ.
އެހެންވެ މިވާހަކަ ކިޔާފައި ވަރަށް އަސަރުކުރީތީ، ދޮންބައްޕަގެމަތިން ވަރަށް ބޮޑަށް ހަނދާންވީތީ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ.
- ރަޝާދު / މިއަދުނޫހުގެ ކިޔުންތެރިއެއް