ދަނޑުމަތީގައި ހިނގަމުންދިއަ 2 އަންހެންކުދިންނެވެ. ވަރަށް ދުރަށް ދެވިފައި ހުއްޓާ ބިންމަތިން ފެނުނީ ފައިސާގެ ނޫޓެކެވެ. އެއް ކުއްޖަކު ބޭނުންވީ އެ ނަގާށެވެ. އަނެއް ކުއްޖާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ ބިންމަތީގައި އޮތްނަމަވެސް ނަގަން ޖެހޭނީ އަހަރެމެންގެ އެއްޗެއް ކަމަށެވެ. ނަމަވެސް އެބަސް ޤަބޫލުނުކޮށް އަނެއް ކުއްޖާ އެނޫޓް ނެގީއެވެ.
ނަގައިގެން ހިނގައިގަންނައިރަށް އަނެއް ނޫޓު ފެނިއްޖެއެވެ. ފެންނަ ނޫޓުތައް ނަގަމުން ނަގަމުން ގޮސް ޖަންގަލިތެރެއަށްވެސް ވަދެވިއްޖެއެވެ. ވަދެވުނުތަނާ މާގިނަ ނޫޓުތަކެއް ފެނިގެން ނަގަން އިށީންތަނާ މީހަކު އައިސް ނަގައި ކޮނޑަށްލައިގެން ދުއްވައިގެންފިއެވެ. ދުވަމުން ގޮސް ވަރަށް ގަސްބޯ ސަރަހައްދަކަށް ގެންގޮސްފައި ދެމީހަކުވެގެން މަސައްކަތްކުރީ ރޭޕްކުރާށެވެ.
ނަޞީބު ރަނގަޅުކަމުން އެމަންޒަރު ސެކިޔުރިޓީ ބަލަހައްޓާ މީހަކަށް ފެނިގެން ދުވެގޮސް އަންހެންކުއްޖާ ސަލާމަތްކުރީއެވެ. އެކަން އެގޮތަށް މެދުވެރިނުވިނަމަ އޭނާ ރޭޕްކުރެވުނީހެވެ.
މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް މިއީ މިއަދު އަހަރެމެން ކޮންމެ އަންހެނަކުވެސް ވިސްނާލަން ވަރަށް މުހިންމު ވާހަކަކޮޅެކެވެ. މަސްބާނަން އެން އުކާހެން އަހަރެމެންގެ ވަށައިގެން ފައިސާއުކާނެއެވެ. އަގުބޮޑު ކެއުންތަކާއި ކޮފީވެސް އުކާނެއެވެ. އެކަންކަމަށް ދަހިވެތިވެއްޖަނަމަ ޖެހުން ގާތީ ހަމަ އެކުއްޖާއަށް އެޖެހުނު ޙާލެވެ.
އެކުއްޖާއަށްވެސް ފައިސާގެ ނޫޓުތައް ފެންނަން ފެށުމުން ދަހިވެތިކަން ކޮޅުންލީއެވެ. ގިނައިން ހޮވޭވަރަކަށް ދަހިވެތިކަން ބޮޑުވަމުންގޮސް އެންމެފަހުން ޖަންގަލިތެރެއަށްވެސް ވަދެވުނީއެވެ. ވަދެ ގޮތަކަށް ޝިކާރަވެސް ކުރެވުނީއެވެ. ފައިސާއަށް ދަހިވެތިވެވޭނަމަ ކަންކަން މެދުވެރިވަމުންދާނީ ހަމަ އެގޮތަށެވެ. ލިބޭވަރަކަށް ދަހިވެތިކަން އިތުރުވާނެއެވެ. ގިނައިން ބޭނުންވާނެއެވެ. އެންމެފަހުން ވެއްޓޭނީ ހަމަ ގެއްލުމާއި ހަލާކުގެތެރެއަށެވެ.
އަޅުގަނޑު ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ބަލައިގެން އުޅުނު ކުއްޖަކަށް ކަންކަން ދިމާވިގޮތް ކިޔައިދޭނަމެވެ. ކޮވިޑުގެ ޙާލަތާއި ގުޅިގެން އޭނާގެ މުސާރަ 9000 ރުފިޔާއިން 7000 ރުފިޔާއަށް ކުޑަވިއެވެ. އެއީ އެންމެ 2000 ރުފިޔާގެ އުނިވުމެކެވެ.
އެކުވެރިޔާއަށް ލިބުނު ކުޑަކުޑަ އުނިކަން އުނިކަން ފޫބައްދަން ފިރިހެނުންގެ އަތުން ފައިސާ ހޯދަން ފެށިއެވެ. މަޑުމަޑުން އެކަން ދެވިހިފައި ކުރިއަރަމުން އައިސް 2 އަހަރުވެ ހަމަމުސާރަ ލިބެންފެށުމުން ވެސް ލިބޭވަރު މަދުވެ އޭނާ މިހާރުވަނީ ވަޒީފާ ދޫކޮށްލައިފައެވެ. މިހާރު އަދާކުރާ ވަޒީފާއަކީ ފިރިހެނުންގެ އަތުން ފައިސާހޯދުމެވެ.
މަރުވާނެކަންމަތިން ހަނދާނެއް ނެތެވެ. މިކެވެނީ ޙަރާމް ކަންކަން ކޮށްގެން ހޯދާ ފައިސާކަން ޤަބޫލެއް ނުކުރެވެއެވެ. ވީމާ ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދާނަމަ ކޮންމެ މީހަކަށްވެސް މެދުވެރިވާނީ މިފަދަ ގޮތެކެވެ. ދުނިޔޭގައި އުފާކުރެވިދާނެއެވެ. ނަމަވެސް މަރުވުމުން ދެން އޮތީ ނަރަކައިގެ ހޫނެވެ.
އަނެއް ކުއްޖެއްގެ ވާހަކަވެސް ބުނެލާނަމެވެ. ވިހި ފަންސަވީސްހާސް ރުފިޔާ ލިބެމުން އައި ހަމަ އަންހެން މުވައްޒިފުންގެ މުސާރަ އެންމެ 3000 ރުފިޔާއަށް ކުޑަވެގެންވެސް ދިއައެވެ. ނަމަވެސް އެކުއްޖާ ހަމަ ރިވެތިގޮތުގައި ކެތްތެރިވެލީއެވެ.
އަޅުގަނޑުގެ މިހާރުގެ ޢުމުރަކީ 63 އަހަރެވެ. ވަރަށް ދަތިޙާލުގައި އުޅުނީމެވެ. 2 ދަރިންނަށް އެއްއިރު ކާންދީގެން އެކަނިވެރިމައެއްގެ ގޮތުގައިވެސް އުޅުނީމެވެ. ނަމަވެސް ކެތްތެރިވުމުން މިއަދު އަޅުގަނޑަކީ 2 ދަރިންވެގެން ފްލެޓެއް ގަނެދީފައި ބައިންދާފައި އިން މަންމައެކެވެ. ކުދިން އުޅެނީ ގެހަދައިގެން ގޭގައެވެ. ހުޅުމާލޭގެ މާޙައުލު ރަނގަޅުވީމާ އަޅުގަނޑު ހުޅުމާލޭގައި އުޅެން ފްލެޓެއް ގަނެދިނީއެވެ. ފިރިމީހާ އާ އަޅުގަނޑުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ދެބެއިންނެވެ. މިއަށްވުރެ ބޮޑު ތަނަވަސްކަމެއް ލިބޭނެތޯއެވެ؟ ކޮންމެ ހަފްތާ ބަންދެއްގައި މާމަކުދިން ގެނެސްދީ އެންމެން އެކުގައި އުޅެމެވެ. މިއަސްވުރެ ބޮޑު އުފާވެރިކަމެއް ލިބޭނެތޯއެވެ؟
އަޅުގަނޑުގެ ވާހަކަކޮޅު ވާހަކައަކަށްވުރެ ބޮޑަށް ބުރަމިކުރީ ނަޞޭޙަތަކަށެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެކަމަށް ހީކުރަމެވެ.
- މަރްޔަމް މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް