ރޭގަނޑުގެ ވަގުތުގައިވެސް ސީޕްލޭން އޮޕަރޭޝަން ކުރިއަށްގެންދެވޭގޮތަށް، ދިއްލާފައި އޮންނަ ވޯޓަރ ރަންވޭއެއް އެޅުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަހަރުގެ ވިންޓަރ ސުޕަރ ޕީކް ސީޒަން އަންނަންވާއިރަށް ސީޕްލޭން އޮޕަރޭޝަނަށް ބަދަލުތަކެއް ގެނައުމަށް އަމާޒުހިފާފައިވާކަމަށާއި އެގޮތުން އެންމެ ބޮޑު އާމާޒެއްގެގޮތުގައި ކަނޑައަޅާފައިވަނީ، ރޭގަނޑު ދަތުރުކުރެވޭނެ ގޮތަށް ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްކަމަށެވެ.
މިހާރު ސީޕްލޭން ޚިދުމަތް ދެނީ، ފަތިހުން ފެށިގެން، އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މިގޮތަށް ޚިދުމަތް ދެނީ، ރާއްޖޭގައި ރޭގަނޑު ސީ ޕްލޭނަށް ޖެއްސޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތުމުންނެވެ.
1990ގެ އަހަރުތަކުގައި ފެށި ސީ ޕްލޭންގެ ޚިދުމަތުގައި މިހާރު 60 އަށްވުރެ ގިނަ ސީޕްލޭން ބޯޓު ބޭނުންކުރެއެވެ.