މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 49.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ 49.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު ނަމަވެސްސާފު ފައިދާ ވަނީ 4.32 ބިލިއަން ރުފިޔާއިން 2.33 ބިލިއަން ރުފިޔާއަށް ދަށްވެފައިކަމަށެވެ. އަދި ކުންފުނިތަކުގެ ހިންގުންތެރިކަމަށް ބަލާއިރު 2023 ވަނަ އަހަރު 18 ކުންފުނި ގެއްލުމުގައި ހިންގިއިރު އޭގެ ތެރޭގައި ގިނައީ ސަރުކާރުން މާލީ އެހީ ދީގެން ހިންގާ ކުންފުނިތައް ކަމަށެވެ.
ޕީސީބީގެ މިރިޕޯޓުގައި ވާގޮތުން ސަރުކާރުގެ ކުންފުނިތަކަށް ގިނަ ޢަދަދެއްގެ މުވައްޒަފުންވެސް ނަގާފައިވެއެވެ. އެގޮތުން އެންމެ ގިނަ ޢަދަދަށް މުވައްޒަފުން އިތުރުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި، އެޗްޑީސީ، ސްޓެލްކޯ އަދި އެމްޓީސީސީއަށެވެ.
މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި 31 ކުންފުނި އޮތެވެ. އޭގެތެރޭގައި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ 20 ކުންފުނި ހިމެނެއެވެ.