ޖޫން2024 ގައި މީރާއަށް 2.05 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %26.8 އިތުރު އަދަދެކެވެ. އަދި، ޖޫން 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.8 މަދު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީ.އެސް.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި އިންކަމް ޓެކުހުގެ ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، ޖޫން 2024 ގައި އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އައް ބަދަލެއް އައިސް ފައި ނުވާތީ، ޖޫން 2023 އާއި އަޅައިބަލާއިރު ޖޫން 2024 ގައި އިންކަމް ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމަތު ދެއެވެ.
ޖޫން 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ ދަށްވެފައިވަނީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ މަދުވުމެވެ. މީގެ ސަބަބަކީ ގިނަ ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑީގެ ކުރިން ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ބޭންކް އިންކަމް ޓެކުހުގެ ފައިސާ ދައްކާފައިވާތީއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީ.އެސް.ޓީއިން ލިބިފައިވާ އާމްދަނީ އަންދާޒާ ކޮށްފައިވާ އަދަދާއި އަޅައިބަލާއިރު ވަނީ ދަށްވެފައެވެ.
ޖޫން 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 36.49% ނުވަތަ 748.48 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 30.69% ނުވަތަ 629.47މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 343.39މިލިއަން ރުފިޔާ (16.74%)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 81.59 މިލިއަން ރުފިޔާ (3.98%)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 81.56މިލިއަން ރުފިޔާ (3.98%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 166.67މިލިއަން ރުފިޔާ (%8.12) ލިބިފައިވެއެވެ.