ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި ދައްކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ބަނގުރޫޓުވިޔަ ނުދޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ފައިޞަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށާއި އެމަނިކުފާނާއި މާލީ ވަޒީރު އަދި އެމަނިކުފާނު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލް ގުޅިގެން ކުރައްވާ މަސައްކަތުން ޤައުމު ބަނގުރޫޓުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކައި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.