އަބަދުވެސް ހިނިތުންވެގެން ހުންނަވާ، އެންމެންނަށް ހިތް ހިތްހެޔޮ، ދީލަތި ޙުސައިން ޝަރީފް ކުއްލި ގޮތަކަށް ނިޔާވުން- ގިނަ ބައަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
އަބަދުވެސް ހިނިތުންވެގެން ހުންނަވާ، އެންމެންނަށް ހިތް ހިތްހެޔޮ، ދީލަތި ޙުސައިން ޝަރީފް ކުއްލި ގޮތަކަށް ނިޔާވުން- ގިނަ ބައަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް!

އަޅުގަނޑަކީ ވަޤުތު ހުންނަގޮތުން ސައި، ކޮފީއަށް ދިއުން ވަރަށް މަދު މީހެކެވެ. ޚާއްޞަކޮށް ދުވާލުގެ ވަޤުތުތަކުގައެވެ. ނަމަވެސް މިއަދު ހަވީރު އިނދެވުނީ ސައިމޭޒުދޮށުގައި އައިޖީއެމްއެޗްގެ ކެންޓީނު ބޭރު ސަރަޙައްދުގައެވެ. އެއީ މިޚަބަރު އެންމެ އެންމެ ހޫނުކަންމަތީގައި ލިބެންކަމަށްވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ކުއްލިއަކަށް ފެނުނީ އަޙްމަދު ޝަރީފްއެވެ. އަތުން އިޝާރާތްކޮށްލުމުން ގާތަށް ދިއުމުން ކަރުނައަލަމުން ބުނީ ކުއްލި ގޮތަކަށް ބޭބެ، ޙުސައިން ޝަރީފް ނިޔާވި ވާހަކައެވެ. ހުރެވުނުތަން ނުވެސް އެނގުނެވެ. ޙުސައިން އަކީ އަވަށްޓެރިންގެ ތެރެއިން ޚާއްޞަ އަވަށްޓެރިއެކެވެ. ވަރަށް ގާތް މިތުރެކެވެ. އެކުގައި ވަޒީފާގައިވެސް އުޅެވުނެވެ. 

ޙުސައިން ޝަރީފަކީ އަބަދުވެސް ހިނިތުންވެގެން ހުންނަވާ އެންމެމެންނަށް ހިތްހެޔޮ، ދީލަތި ބޭފުޅެކެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަތުމުގެ ކުރިން ވަނީ ސުވަރުގެއިން 2 ގަނޑު ހޯއްދަވައިފައެވެ. އިން ޝާ ﷲ. އަދި ގެންދެވީވެސް ކުރިން އަޅުއްވާފައިވާ 2 މިސްކިތުގެ ތެރެއިން އިބްރާހީމީ މިސްކިތް ތަޅާލައި އަލުން ޒަމާނީ ފެންވަރަށް އަޅަން މަސައްކަތްކުރައްވަމުންނެވެ. އެއިގެ އިތުރުންވެސް އިތުރު މިސްކިތެއް އަޅުއްވަންވެސް ވަނީ ނިންމަވައިފައެވެ. 

ކުއްލި މަރެކެވެ. ބެލެވެނީ ހާޓްއެޓޭކެއް ކަމަށެވެ. 

 

 

ޙުސައިން ޝަރީފަކީ ޢާއިލާގެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ހެޔޮކޮށް ކަންކަން ކުރައްވާ ބޭފުޅެކެވެ. އެއްބަނޑު ހުރިހާ ކުދިންގެ ބައްޕަގެ މަޤާމް އެންމެ ފުރިހަމައަށް ގެންދެވީ އަދާކުރައްވަމުންނެވެ. އެކަންކަން ވަރަށް ގާތުން ދުށުމުގެ ނަޞީބްވަނީ ލިބިފައެވެ. 

ޙުސައިން ޝަރީފުގެ ފެށުމަކީ ރިޒޯޓެއްގެ އާދައިގެ ވަޒިފާއެއް ނަމަވެސް މިއަދު އޭނާއަކީ ރިޒޯޓްތައް ހުރި، މިހާރުވެސް އިތުރު ރިޒޯޓްތައް ތަރައްޤީކުރައްވަމުން ގެންދަވާ އިންވެސްޓަރެއްގެ އިތުރުން ފުޅައުދާއިރާއެއްގައި ވިޔަފާރިކުރައްވާ ވިޔަފާރިވެރިއެކެވެ. ނިކަމެތިންގެ އިތުރުން ހުރިހާ މުވައްޒިފުންގެ ހިތުގެ ލޯބި ހޯއްދަވައިގެން ހުންނެވި އެންމެންގެ އަޚެކެވެ. 

ޙުސައިން ޝަރީފްގެ ބައްޕާފުޅަކީ ބާޑީގޭ މުޙައްމަދު ދީދީއެވެ. މަންމާ ފުޅަކީ ހ. މިރިހި މަރްޔަމްފުޅެވެ. ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް ފާރޫޤް އަދި އިބްރާހީމް ޝަރީފް (މިހާރު އެމްއޭސީއެލް ޝަރީފް) އަކީވެސް ޙުސައިން ޝަރީފްގެ އަޚުންނެވެ. 

އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ހެޔޮ ދުޢާ އަބަދުވެސް ޙުސައިން ޝަރީފަށް ލިބިމުންދާނެއެވެ. އިން ޝާ ﷲ. މާތް ﷲ ޙުސައިން ޝަރީފްގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވަވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށިއެވެ. އާމީން.  

- ޢަބްދުއްލަޠީފް

ޙުސައިން ޝަރީފްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިއަދު (15 ޖުލައި) ގެ ޢިޝާނަމާދަށްފަހު އިސްލާމީ މަރުގައެވެ. ފަސްދާނުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ. 

 

މިއަދު އޮންލައިން