އެކޮމޮޑޭޝަން ބްލޮކްގެ ކަންކަން ނިންމާނީ ކައުންސިލުން އެއްބަސްވާނަމަ: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެކޮމޮޑޭޝަން ބްލޮކްގެ ކަންކަން ނިންމާނީ ކައުންސިލުން އެއްބަސްވާނަމަ: ވަޒީރު އިޙްސާން

ބިދޭސީ މަސައްކަތްތެރިންނަށް އެކޮމޮޑޭޝަން އަޅަން ޕްރޮޕޯސަލް ލިބުނުނަމަވެސް އެކަން ކުރާނީ ކުންފުނީގެ ހުށަހެޅުންތައް އިކޮނޮމިކް ކައުންސިލަށް ލިބުމުން، އެކަންކަމަށް އެ ކައުންސިލުން އެއްބަސްވާނަމަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ ޕްރޮޕޯޒަލެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ހުށަހެޅުން ހުށަހަޅާފައިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަޓައިލްޒް އިން ކަމަށެވެ.

އެކަމަކު މިއީ އަންސޮލިސިޑެޓް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް 1 މާޗް 2024ގައި ލިބެނީ އަންސޮލިސިޓެޑް ޕްރޮޕޯސަލްއެއް. މެލޭޝިއާގެ އަޓްލްޒިއާ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެއް އެ ކުންފުނިން އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވަނީ ނެޝަނަލް މައިގްރެންޓް ވޯކާޒް ޑޯމިޓޮރީސް. އެއީ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި މިކިޔާ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން އެކަމަޑޭޝަންގެ ބްލޮކްސްތަކެއް އެޅުމުގެ ވާހަކަ. ވަޒީރު އަލީ އިޙްސާން

އެ ކުންފުނީގެ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 60،000 މީހުންގެ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ހުށަހަޅާފައިވެއެވެ. އެއީ މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ތިލަފުށީގައެވެ.

އެތަނުގައި އޭޓީއެމް، ކްލިނިކް، ލޯންޑްރީ، ބަދިގޭގެ އިތުރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމާއި އަދި އެތަނުގައި އުޅޭ ބިދޭސީންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ސޮފްޓްވެއާ ސިސްޓަމެއް ވެސް ސަރުކާރަށް ދޭނެ ކަމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލުގައިވެއެވެ.

މިނިސްޓަރ ވިދާޅުވީ އެ ޕްރޮޕޯޒަލް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓް މޯލްޑިވްސްއަށް އިވޭލުއޭޓް ކުރަން ފޮނުވީ މޭމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން އިވޭލުއޭޓް ކުރުމަށްފަހު އިންވެސްޓް އިން ރައީސް އޮފީހަށް ޕްރޮޕޯޒަލް ފޮނުވާފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރީ ޖޫން މަހުގެ 11 ވަނަ ދުވަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ އެއްބަސްވުމަކާ ހިސާބަށް ދިއުމަށްޓަކައި އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފައިކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން