ޢިބްރަތްތެރި ވާހަކަ: މިއީ މިޙާލުގަ އުޅެންޖެހިފައިވާ އަނބިން އެމީހުންގެ ފިރިންނަށް ޙިއްޞާކޮށްލުން މުހިންމު ވާހަކައެއް! އިޞްލާޙްވެދާނެ އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޢިބްރަތްތެރި ވާހަކަ: މިއީ މިޙާލުގަ އުޅެންޖެހިފައިވާ އަނބިން އެމީހުންގެ ފިރިންނަށް ޙިއްޞާކޮށްލުން މުހިންމު ވާހަކައެއް! އިޞްލާޙްވެދާނެ އަގުހުރި ފިލާވަޅެއް!

ތިރީގައިވާ ވާހަކައއިން 2 ކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ރަނގަޅު އެކުވެރިންގެ ގެންގުޅެ، އެމީހުން ދޭ ނަޞޭޙަތް ޤަބޫލުކުރުމުގެ ހުރި ފައިދާއެވެ. ދެވަނަ ކަމަކީ އިޞްލާޙްވާން މަސައްކަތްކޮށްފިނަމަ އެކަން ކާމިޔާބުކުރެވޭނެ ކަމެވެ. 

3 ވަނަ ކަންތައް ޤަޞްދުގައި ފަސްކޮށްލީއެވެ. އެއީ ހިލޭ މީހުން (އަންހެނުންވެސް އަދި ފިރިހެނުންވެސް) ގެންގުޅެނީ ހަމައެކަނި ބައިވެރިޔާ ގޯސްވެގެން ނޫންކަމާއި އެކަން ކުރެވޭ އެންމެ ބޮޑު އެއްސަބަބަކީ ހިތް ޠޯހިރުކުރަން މަސައްކަތް ނުކުރެވޭތީ ކަމެވެ. އަދި ތިމާގެ ހަވާނަފްސް ކޮންޓްރޯލްކުރަން މަސައްކަތް ނުކުރެވޭތީ ކަމެވެ. 

އެއީ ވަރަށް ގާތް 2 އެކުވެރިންނެވެ. ދެމީހުންނަކީވެސް ވިޔަފާރިވެރިންނެވެ. ދިރިއުޅެން ކުރާ މަސައްކަތުގައިވެސް ދެމީހުންގެ ވަރަށް އެއްގޮތް ސިފަތަކެއް ހުރެއެވެ. ނަމަވެސް ޒަވާޖީ ޙަޔާތުގައި ދެމީހުން ވަރަށް ތަފާތެވެ. 

އެކަކީ އޭނާގެ އަނބިމީހާ ނޫން އަންހެނަކަށް ލޯބީގެ ގޮތުން ބަލާލަންވެސް ބޭނުންވާ މީހެއް ނޫނެވެ. އަނެކަކީ އަނބިމީހާއަށް ޚިޔާނާތްތެރިވުމުގައި ހައްދުފަހަނައަޅާފައިވާ މީހެކެވެ. އަނބިމީހާއަށް ވަފާތެރިމީހާ އޭނާގެ އަނބިމީހާގެ ރަނގަޅު ކަމުގެ ވާހަކަތަކާއި އޭނާދެކެ ވަރަށް ލޯބިވާވާހަކަ ވަރަށް ގިނައިން ދައްކައެވެ. ނަމަވެސް ޚިޔާނާތްތެރިވާ މީހާ އެބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. 

ކޮންމެއަކަސް އެއްދުވަހަކު ކޮފީއެއްގައި ތިބެގެން ޚިޔާނާތްތެރިވާ މީހާ ބުންޏެވެ. "މިބާވަތުގެ ވާހަކައެއް ކުރިންނެއް ނުދައްކަމެވެ. އެކަމަކު އެކުވެރިޔާގެ ޚިޔާލަކަށް އަހާލަން ބޭނުމެވެ. އަހަރެންގެ އަނބިމީހާ ވަރަށް ރަނގަޅެވެ. ވަކިކަމަކުން ނޫނެވެ. ހުރިހާ ކަމަކުންވެސް ވަރަށް ރަނގަޅެވެ. އެކަމަކު އަހަރެންނަށް ހިލޭ އަންހެނުން ގެންގުޅެވެއެވެ. އެހެންވެ ފާފަނުކުރަންވެގެން މިއުލެނީ 2 އަންތބަށް މީހަކާ އިންނަން ކަމަށެވެ. އެކުވެރިޔާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟" 

އެކުވެރިޔާ ޖަވާބުގައި ބުންޏެވެ. 

"އަނބިމީހާ އެހައި ރަނގަޅުއިރުވެސް ހިލޭ އަންހެނުންގެ ބޭނުންކުރާހިތްވާ މީހަކު 2 ވަނަ އަންތބަކު ހޯދިއްޔާ ވަކި މަޑުން ހުރެވޭނެ ހެއްޔެވެ؟ އެއިރުން ޖެހޭނީ 2 އަނބިންނަށް ޚަރަދުކުރަމުން އަނެއްކާވެސް ހަމަ ހިލޭ އަންހެނުންގެ ފަހަތުން ދުވެ ޚަރަދުކުރާށެވެ! އެކުވެރިޔާ ފަދަ ފިރިހެނުންނަށް އޮތް ހަމައެކަނި ގޮތަކީ ކޮންމެ ދުވަހަކު ކައިވެންޏެއް ކުރުމެވެ. އެދުވަހަކު ސެޓްކުރަން ބޭނުންވާ އަންހެނަކާއި ކައިވެނިކޮށްފައި އެރޭ ނިދާފައި ތެދުވެ ވަރިކުރާނީއެވެ. ނަމަވެސް މިއީވެސް އަދި ޙައްލެއް ނޫނެވެ. އެއީ އެބާވަތުން ކުރާ ކައިވެނި ހުއްދަ ނޫންކަމަށް ޢިލްމުވެރިން ވިދާޅުވާތީއެވެ. ކައިވެންޏަކީ ދެމީހަކު އެކުގައި ދިރިއުޅެން ބޭނުންވެގެން ކުރާ ކަމެކެވެ. 

އެކުވެރިޔާގެ ތިއަ ނުބައި ދިރިއުޅުން އިޞްލާޙްކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ނިކަން އަނބިމީހާއާއިއެކު ނިކަން ރަނގަޅަށް ބަނދެވިބަލާށެވެ! އެއީ އަނބިމީހާ އާއިއެކު ގިނަ ވަގުތު ހޭދަކުރުމެވެ. އޮފީހަށް ދަމުންވެސް ގެންދާށެވެ. ބޭރަށްދަމުންވެސް ގެންދާށެވެ. އަބަދު އަނބިމީހާ ގާތުގައި ބަހައްޓާށެވެ. 

އަދި އަބަދުވެސް އަނބިމީހާގެ ރީތިކަމާއި ރަނގަޅުކަން ހިތްމައްޗަށް ގެންނާށެވެ. ތިމާއަށް މިއުޅެވޭ ގޮތަށް އަނބިމީހާ އުޅޭނަމަ ތިމާ ހިތްދަތިވާނެވަރުވެސް ހިތްމައްޗަށް ގެންނާށެވެ. 

އެކަމުން ކުރާނެ އެންމެ ބޮޑު އެއް ފައިދާ ބުނަން ހެއްޔެވެ؟ ކަލެއަށް ﷲ ދެއްވަވާ ފައިސާ، ޙަރާމްކަންކަމަމަށް ޚަރަދުނުކުރުމަކީ އެއިގައި ބަރަކާތް ލައްވަވައި ތަނަވަސްކަން އިތުރުވާނެ ކަމެކެވެ. އެއިރުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. އަހަރެން މިކިޔައިދިނީ އަހަރެން ޤަބޫލުކޮށް ޢަމަލުކުރާ ގޮތެވެ. އަހަރެންނަށް މިހާބާރަށް ކުރިއަށް މިދެވެނީ މިކަންކަމުގައި މިގޮތަށް ބާރަށް ހިފަހައްޓާތީއެވެ." 

ކޮންމެއަކަސް އެކުވެރިޔާ ދިން ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރަން މަސައްކަތްކުރިއެވެ. ފުރަތަމަކޮޅު އުނދަގޫތަކެއްވިއެވެ. ނަމަވެސް ދުވަސްކޮލަކުން ހޭނިއްޖެއެވެ. އިތުރު އަންހެނުންނަށް ބޭނުންވުން ހުއްޓިއްޖެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ފިރިމީހާގެ ވާހަކައެވެ. އޭނާ އިޞްލާޙްވާން މެދުވެރިވި ގޮތެވެ. އުންމީދަކީ އޭނާއަށް އުޅެވުނު ފަދައިން އުޅެވޭ ފިރިންނަށް ފިލާވަޅަކަށްވުމެވެ. އިން ޝާ ﷲ 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން