އަލީ އިހްސާން ފިރާގު
ސްޓްރޯކް ޖެހެނީ ސިކުނޑިއަށް ލޭ ފޯރުކޮށްދިނުން ބަންދުވުމުންނެވެ. ނުވަތަ މަދުވުމުންނެވެ. ސިކުނޑީގެ ޓިޝޫތަކަށާއި، ސެލްތަކަށް ބޭނުންވާ އޮކްސިޖަން އާއި ނިއުޓްރިއެންޓްސް ލިބުން ބަންދުވުމުގެ ސަބަބުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ސިކުނޑީގެ ސެލްތައް މަރުވާންފަށައެވެ.
ސްޓްރޯކު ޖެހިއްޖެނަމަ އަވަސް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަވަހަށް ފަރުވާ ހޯދުމަކީ ސިކުނޑިއަށް ލިބޭ ގެއްލުންތަކާއި އެހެނިހެން އުނދަގޫތަކުން ސަލާމަތްކޮށްދޭނެ ކަމެވެ. ހަމައެހެންމެ އަވަސް ފަރުވާ ދެވިއްޖެނަމަ ސްޓްރޯކް ޖެހުމުގެ ސަބަބުން މީހާ ނުކުޅެދޭ ހާލަތަށް ދިޔުމުން ރައްކާތެރި ކުރެވެއެވެ.
ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބު
ސްޓްރޯކް ޖެހުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބެއްވެއެވެ. އެއީ ލޭހޮޅިއެއް ބެދުމާއި ލޭ ހޮޅިއެއް ފަޅައިގެން ދިޔުމެވެ. ލޭހޮޅިއެއް ބެދުމުގެ ސަބަބުން ސިކުނޑިއަށް ލޭ ދިޔުން މަނާވުމުން ޖެހޭ ސްޓްރޯކްއަށް އިސްކެމިކް ސްޓްރޯކް (ischemic stroke) އޭ ކިޔައެވެ. ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ޖެހޭ ސްޓްރޯކްއަށް ހެމޮރެޖިކް ސްޓްރޯކް (hemorrhagic stroke) އޭ ކިޔައެވެ.
ލޭ ހޮޅި ބެދިގެން ޖެހޭ ސްޓްރޯކް އަކީ އެންމެ އާންމުކޮށް ފެންނަ ވައްތަރެވެ. މި ބާވަތުގެ ސްޓްރޯކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތައް ހަނިވެ ބެދުމުގެ ސަބަބުން ސިކުނޑިއަށް ލޭ ދައުރުކޮށްދިނުން ދަށްވުމުގެ ސަބަބުންނެވެ. މިހެން ދިމާވަނީ ލޭ ހޮޅިތަކުގައި ސަރުބީ ހިފައި ހަނިވުމުގެ ސަބަބުންނެވެ. ނުވަތަ ލޭހޮޅިތަކުގައި ލޭގަނޑުވުން (blood clots) ނުވަތަ ހަށިގަނޑުގެ އެހެން ހިސާބެއްގައި ގަނޑުވެފައިވާ ލޭކޮޅެއް ނެއްޓިގެން އައިސް ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތަކުގައި ތާށިވުމުގެ ސަބަބުންނެވެ.
ހެމޮރެޖިކް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ދިޔުމުން ނުވަތަ ސިކުނޑީގެ ލޭ ހޮޅިއަކުން ލޭ ލީކުވުމުގެ ސަބަބުންނެވެ. ހެމޮރެޖިކް ސްޓްރޯކް ޖެހުމަށް މެދުވެރިކުރާ ބައެއް ސަބަބުތަކުގެ ތެރޭގައި ތިރީގައި މިދަންނަވާ ސަބަބުތައް ހިމެނެއެވެ.
·ލޭގެ ޕްރެޝަރު މައްޗަށް ދިޔުން
·ލޭ ދިޔާ ކުރާ ބޭސް (anticoagulants) މާ ގިނައިން ބޭނުން ކުރުން
·އެކްސިޑެންޓް ފަދަ ޓްރައުމާއެއްގެ ސަބަބުން
·ލޭހޮޅިތަކުގެ ފާރުގައި ޕްރޮޓީން ޖަމާވުމުގެ ސަބަބުން ލޭ ހޮޅިތަކުގެ ފާރު ބަލިކަށިވުން (cerebral amyloid angiopathy)
ރިސްކު ފެކްޓާތައް
ރިސްކުފެކްޓާރ (risk factor) އޭ ބުނާ ބަހުގެ މާނައަކީ ބައްޔެއް ޖެހުމުގެ ފުރުސަތު އިތުރު ކުރުވާ ކޮންމެ ކަމެކެވެ. ނުވަތަ ކޮންމެ ސަބަބެކެވެ. ސްޓްރޯކް ޖެހުމަށް މެދުވެރި ކުރާ ސަބަބުތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ސަބަބުތަކާއި، ބައެއް ކަހަލަ ސިއްހީ މައްސަލަތަކާ ގުޅިފައިވާ ސަބަބުތަކެވެ. ސްޓްރޯކް ޖެހުމަށް މެދުވެރިވާ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ސަބަބުތަކުގެ ތެރޭގައި
· ބަރުދަން އިތުރުވުން ނުވަތަ ފަލަވުން
· ހެލިފެލިވެ ނޫޅުން ނުވަތަ ކަސްރަތުކޮށް ނޫޅުން
· ރާބުއިން
· ކޮކެއިން (cocaine) އަދި މެތަމްފެޓަމިން (methamphetamine) ފަދަ މަސްތުވާތަކެތި ބޭނުންކުރުން
ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސިއްހީ މައްސަލަތަކާ ގުޅިފައިވާ ސަބަބުތަކުގެ ތެރޭގައި
· ލޭ މައްޗަށް ދިޔުން
· ދުންފަތުގެ އިސްތިއުމާލު ކުރުން
· ކޮލެސްޓްރޯލް މަތިވުން
· ހަކުރު ބަލި
· ހިތުގެ ބަލިތައް
· އާއިލާ ތެރޭގައި ސްޓްރޯކް ޖެހިފައިވާ މީހެއް ހުރުން
· ކޮވިޑް 19 އިންފެކްޝަން
ރައްކާތެރިވުން
އިސްވެ ބަޔާން ކުރެވުނު ރިސްކު ފެކްޓާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ތިމާގެ ކިބައިގައި ހުރިނަމަ އެކަންތައް ކޮންޓްރޯލް ކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ އެކަންތަކުން ދުރުވެ ހުރުން ވަރަށް މުހިންމެވެ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން ބައެއް ރިސްކު ފެކްޓާތައް މިސާލަކަށް ވަކި ޖިންސަކަށް ނިސްބަތްވުން، އުމުރުން ދުވަސްވުން ފަދަ ކަންތައްތަކަކީ އަޅުގަނޑުމެންގެ ކޮންޓްރޯލްގެ ދަށުގައިވާ ކަންތައްތަކެއް ނޫނެވެ.
ހަމައެހެންމެ ސިއްހީ ހިދުމަތްތެރިން ދެއްވާ އިރްސާދާއި ލަފަޔާ އެއްގޮތަށް އަމަލުކުރުމަކީ ވެސް ވަރަށް މުހިންމުކެމެވެ. މިއާއެކު ދުޅަހެޔޮ ދިރިއުޅުގެ ވައްޓަފާޅިއެއް ޚިޔާރު ކުރުމަކީ ސްޓްރޯކް އާއި އެނޫންވެސް ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެވެ.