ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހީން ހަރަކާތްތެރިވާ ޢަދަދު މަދުކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
ޝަފީޢު މިހެންވިދާޅުވީ ވިލާ ކޮލެޖްގެ ޑިސްކަވަރ ހޮސްޕިޓަލިޓީ ކޯހުގެ ފަސްވަނަ ބުރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެެެ.
ޝަފީޢު ވިދާޅުވީ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފުރުސަތުތައް އޮތް މިންވަރުން އަދިވެސް ދިވެހީން މިދާއިރާގައި ހަރަކާތްތެރިވާ ޢަދަދު މަދުކަމަށާއި އެހެންކަމުން އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަމަށް ހައްލު ގެނައުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ޝަފީޢު ފާހަގަކުރެއްވިއެވެ.
ވިލާ ކޮލްޖެގައި ދަސްވެނިވި ދަރިވަރުންނާ މުޚާޠަބުކުރައްވާ ޝަފީޢު ވިދާޅުވީ "މިއީ ކުރިއެރުން އޮތް ދާއިރާއެއް މިރޮނގު ޚިޔާރުކުރީތީ ދަރިވަރުންނަށް ޝުކުރު އަދާކޮށް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަން. އަދި އެއްވެސް ހިސާބެއްގައި ތަޢުލީމާއި ތަމްރީން ހޯދުމަށް ލިބޭ ފުރުސަތު ދޫކޮށް ނުލުމަށް ނަސޭޙަތްދެން" ކަމަށެވެ.