ދައުލަތުގެ ޚަރަދުތަކުން 4.4 ބިލިއަން ރުފިޔާ ކުޑަކުރެވިފައިވާކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
މިކަމާގުޅިގެން މާލީ ވުޒާރާއިން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ޖޫންމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުތައް ހުރީ 17.8 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުތައް ހުރީ 22.2 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 4.4 ބިލިއަން ރުފިޔާ ވަނީ ކުޑަކުރެވިފައެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ރިކަރަންޓު ޚަރަދު ނުވަތަ ދައުލަތް ހިންގުމުގެ ޚަރަދު ހުރީ 14.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ޚަރަދު ހުރީ 15.3 ބިލިއަން ރުފިޔާގައެވެ.
މާލީ ރިޕޯޓުގައިވާގޮތުން ކެޕިޓަލް ޚަރަދުތައްވެސް ވަނީ ވަރަށް ކުޑަކުރެވިފައެވެ. އެގޮތުން މިއަހަރުގެ ޖޫންމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ޚަރަދުތައް ހުރީ 3.6 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދުތައް ހުރީ 6.9 ބިލިއަން ރުފިޔާގައެވެ.
ސަރުކާރުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.