2010 ގެ ފަހުން ހިއްކި ބިންތަކުގެ ތެރެއިން އަސާސީ ޚިދުމަތް ގާއިމުކުރެވިފައިވަނީ އެންމެ ދެ ތަނެއްގައި ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތޔުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ 2010ގެ ފަހުން ހިއްކި ބިންތަކުގެ ތެރެއިން އަސާސީ ޚިދުމަތް ގާއިމުކުރެވިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ހއ. ދިއްދޫކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އިތުރު އެއްވެސް ތަނެއްގައި އަސާސީ ޚިދުމަތްތައް މިހާތަނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
"ދައުލަތުން ވަރަށް ބޮޑެތި ޚަރަދުތައް ކޮށްފައި ހިއްކާފައި ހުރި ބިންތަކެއް. ޚަރަދުކޮށްފައި އޭގެ އެއްވެސް ފައިދާއެއް ނުވެ ހުރި ތަންތަން މިއީ. އެހެންވެ އެތަންތަން ބޭނުން ހިފޭ ތަންތަނަށް ހެދުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް. އެއަށް އަޅުގަނޑުމެން މިހާރު އަގުތަކާ އެއްޗެހި ހެދިފައިހުރީ. އެއަށް ދެން ބޭނުންވާ ފަންޑިން ހޯދުމުގެ މަސައްކަތާއި ކުރިއަށް ގެންދާނެގޮތެއް އަޅުގަނޑުމެން މިދަނީ ބަލަމުން،" އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.