ތެދުވެރިވާންވީ އަދި އަމާނާތްތެރިވާންވީވެސް ވަކިމީހަކަށް ނޫނެވެ. އެންމެންނަށެވެ. އެއީ ދެމަފިރިން ކަމަށްވުމަކީވެސް އަމާނާތްތެރިނުވާން ދެއްކޭނެ ޢުޛުރެއް ނޫނެވެ. އަމާނާތްތެރިނުވުމުން އެކަމުގެ ނުބައިކަން މިދުނިޔޭގައިވެސް ކޮނޑުޖަހައިގެން ހިނގަންޖެހޭ މީހުން މަދެއް ނޫނެވެ.
ތިރީގައިވާ ވާހަކައަށް ބަލާއިރު ފިރިމީހާއަށް އިތުބާރުކޮށް އަތުގައި ހުރި ހުރިހާ ފައިށާއެއް ފިރިމީހާއާއި ޙަވާލުކުރުމުން ބޭވަފާތެރިވިއެވެ. ފައިސާކޮޅަށް ވެރިވެގަތެވެ. އަދި ލިބުނު ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުރި ކުއްޖަކަށްވުމުން އެފަދަ ކުއްޖަކު ވިހެއީތީ އަނބިމިހާއަށް ފުރައްސާރަކުރިއެވެ. ވަރިކޮށް ފޮނުވައިލިއެވެ. މިހުރިހާ ކަންކަން އޭނާއާއި އަރައި ހަމަކޮށް ޖެހުނު ޙާލު ވާހަކައިން ވިދާޅުވެލައްވާށެވެ!
އަހަރެމެން ދެމީހުން އެކަކު އަނެކަކު ލޯބިވީ ސްކޫލްގައި ކިޔަވަމުންނެވެ. ކައިވެނިކުރީ ކިޔަވައިނިމި ވަޒީފާ އަދާކޮށް އެކަށީގެންވާ އަދަދެއްގެ ފައިސާ ޖަމާކުރުމަށްފަހުގައެވެ. އެއީ ދަތިޙާލެއްގައި ނުޖެހި ދެމީހުން އުފަލުގައި އެކުގައި ދުވަސްތައް ހޭދަކުރުމުގެ އުންމީދުގައެވެ.
ކައިވެނިކުރިތާ ކުޑަދުވަސްކޮޅެއްފަހުން ފިރިމީހާ ބޭނުންވީ ދެމީހުންގެ އެކައުންޓުގައި ހުރި ފައިސާ އެއްކޮށްލައި ވިޔަފާރިއެއް ފަށާށެވެ. އެކަމަށްވެސް އެއްބަސްވީމެވެ. ކުރި އިތުބާރުބޮޑުކަމުން އެއްވެސް ލިޔުމެއްވެސް ނުލިޔެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ފިރިމީހާގެ އެކައުންޓަށް ޓްރާންސްފަރކޮށްލަދިނީމެވެ.
ދެން ކުރިމަތިވީ ދަރިއަކު ހޯދުމުގެ މައްސަލައެވެ. ޑޮކްޓަރުން ބުނަނީ އަޅުގަނޑުގެ ކަންތައްތައް ހުރިގޮތުން ބަލިވެ އިނދެ ވިހެއުމަކީ ވަރަށް ރިސްކްބޮޑު ކަމެއްކަމަށެވެ. ނަމަވެސް ފިރިމީހާ ދަރިއަކަށް ބޭނުންވާވަރުބޮޑުކަމުން އޭނާގެ ހިތްހަމަޖެހުމަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އިނދެ ބަލިވެ އިނދެ ވިހެއީމެވެ. ވަރަށް ބަލިޙާލުގައި އުޅެމުންނެވެ. އެހެނަސް ފުރާނަ ސަލާމަތްވިއެވެ. މާޝާ ﷲ
ދަރިފުޅަށް 4 އަހަރުގައި ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭކަން އެނގުމުން ވަރަށް ދެރަވެ ރޮއި އާދޭސްކުރުމުން ބުނީ ދެން އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށެވެ. އެހެންބުނެފައި އެއިރުކުރަމުން އަި ކަންތައް ހުއްޓައިލިއެވެ. 2،3 މަސް ފަހުން އަނެއްކާ އެހެން ލޯބިވެރިއަކު ހޯދިއެވެ. އެފަހަރުވެސް ފަޅާއެރުމުން ބުނީ ދެން ނުކުރާނެ ކަމަށެވެ. 3 ވަނަ ފަހަރު ފަޅާއެރުމުންވެސް އެއްބަހެއް ނުވިއެވެ. ނަމަވެސް ލޮލުން ދެކެ އަތުން ހިފައި ކުރިމައްޗަށް އެރުމުން އަޅުގަނޑު ހެދީ އޭނާއަށް ފާރަލާ ގޮތެއް ނެތް އަންހެނަކަށެވެ.
3 ވަނަ ކަންތައް ފަޅާއެރިތާ 5 ވަނަ ދުވަހު ވަރިކޮށްފިއެވެ. ވަރިކުރުމުން ބުނީމެވެ. ވިޔަފާރި ފެށިއިރު ކެޕިޓަލުގައި ކަލޭގެ ފައިސާއަށްވުރެ ގިނަވާނީ އަހަރެންގެ ފައިސާއެވެ. ވީމާ ލިބުނު ފައިދާއަށް އެންމެ ރުފިޔާއެއް ނުދިން ނަމަވެސް އަހަރެންގެ ފައިސާކޮޅު އަނބުރާދޭށެވެ. ޖަވާބަކަށްވީ ކައިވެނިކޮށްތިބޭއިރު އެކަކު އަނެކަކަށްދޭ އެއްޗެއް އަނބުރާ ދޭންނުޖެހޭނެ ކަމަށް ބުނުމެވެ. އެފައިސާ ދިނީ ދެމީހުން އުފަލުގަ އެކުގަ އުޅެން ވިޔަފާރިކުރަން ކަމަށްވެފައި އެއްބަސްވުން މިއަދު ނެތިދިއުމުން އަނބުރާ ދޭންޖެހޭނެ ކަމަށް ބުނުމުން ބުނީ އެފައިސާ ބޭނުންނަމަ ފުލުސްއޮފީހަށްދާށެވެ.
އެހެންވެ އަޅުގަނޑަށް ގެއިން ނުކުންނަންޖެހުނީ ހުސްއަތާއެވެ. ހަމައެކަނި ގެންދަން ލިބުނީ ނުކުޅެދުންތެރިކަންހުރި ދަރިފުޅެވެ. އެންމެ ދެރަވީ އެހައި ބޭނުންވެގެން ދަރިއަކު ވިހައިދޭށޭ ބުނީމާ ވިހަންއެނގުނީވެސް ނުކުޅެދޭ ދަރިއެއްކަމަށްބުނީތީއެވެ. ހަމަގައިމުވެސް ބަލިކުއްޖަކު ވިހާކަށް އެއްވެސް މައަކު ބޭނުމެއް ނުވާނެއެވެ. އެވަރުވެސް ނޭނގި އެމަލާމާތްކުރީ ދަރިފުޅު ދެއްވެވި ފަރާތަށެވެ. އެހެންވެ އެބަހަކަށް ރައްދެއް ނުދެމެވެ.
އެނބުރިދާންޖެހުނީ މައިންބަފައިންގެ ގާތަށެވެ. ޢާއިލާއިން އަޅުގަނޑަށް މަރުޙަބާކިޔެވެ. އެހީތެރިކަން ފޯރުކޮށްދިނެވެ. އެހެންވެ ހިތްވަރުކޮށްފައި އަނެއްކާވެސް ވަޒީފާއަދާކުރަންފެށީމެވެ. އަލުން ދިރިއުޅުމެއް ފެށުމުގެ އުންމީދުގައެވެ.
އަޅުގަނޑު މަސައްކަތްކުރީ ކުންފުންޏެއްގެ އިމްޕޯރޓްސް މެނޭޖަރެއްގެ މަޤާމުގައެވެ. ވަޒީފާއަދާކުރާތާ 3 އަހަރުވީތަނާ ކުންފުނީގެ މިސްރާބުބަދަލުކުރަން ނިންމިއެވެ. މުދައު އެތެރެކުރުމުގެ ބަދަލުގައި ރިޒޯޓެއް ތަރައްޤީކުރަން ބޭނުންވެގެންނެވެ.
ކުންފުނީގެވެރިން އަޅުގަނޑަށް ވަރަށް ރަނގަޅު ފުރުޞަތެއް ދިނެވެ. އެއީ ކުންފުންޏަށް އެތެރެކުރަމުން އައި ބާވަތްތައް އަޅުގަނޑުގެ އަމިއްލަނަމުގައި އެތެރެކޮށް ވިޔަފާރިކުރުމުގެ ފުރުޞަތެވެ. އަދި އެކުންފުނިތަކަށް އަޅުގަނޑަކީ އިތުބާރުކުރެވޭ މުވައްޒިފެއްކަންވެސް އަންގައިދިނެވެ.
އަތުގައި ހުރި ފައިސާކޮޅު މަދުކަމުން މާލީ ގޮތުން އެހީތެރިވެދޭނެ ބައިވެރިއަކު ހޯދައިގެން މަސައްކަތްފެށީއެވެ. 2 އަހަރުތެރޭގައި ހަމަޖެހިލެވޭވަރުވުމުން ގެންގުޅުނު މުވައްޒިފުންގެ ތެރޭގައި ހުރި ވަރަށް ތެދުވެރި، އަޚްލާޤް ރަނގަޅު މުވައްޒިފަކާއި ކައިވެނިކުރީމެވެ. އެކައިވެނީގައި މިހާރު 20 އަހަރުވީއެވެ. ދޮށީ ދަރިފުޅަށް ބޭސްފަރުވާކުރުމުން ދަރިފުޅުގެ ހުރި ނުކުޅެދުންތެރިކަންވެސް ފިލައިފިއެވެ. މިއަދު ދަރިފުޅު މަސައްކަތްކުރަނީ އަޅުގަނޑާއިއެކުގައެވެ. އިތުރު 2 ދަރިންވެސް ލިބިއްޖެއެވެ. އިން ޝާ ﷲ
ކުރީ ރޯދަމަހު އެއްދުވަހަކު ދަރިފުޅުގެ ބައްޕަ އޮފީހަށް އައެވެ. ދަރިފުޅަށް ބައްޕަގެ ފޮޓޯ ދައްކާތީ ބައްޕަ އެނގުނެވެ. ބައްޕައަކަށް ދަރިފުޅެއް ނުއެނގުނެވެ. ދަރިފުޅު ގާތުބުނީ ސާދުނާ ކިޔާ އޭނާގެ ދަރިއަކު އެތަނުގައި އުޅޭނެ ކަމަށާއި އައީ ދަރިފުޅާ އަދި ދަރިފުޅުގެ މަންމަ އާއި ބައްދަލުކޮށްލަން ކަމަށެވެ. އެވަގުތު ދަރިފުޅުއަޅުގަނޑަށް ގުޅައި މަންމާއޭ ނުބުނެ "ޕްލީޒް ކަމް" ބުނީމާ އަޅުގަނޑު ދިއައިރު ކުރިމަތީގައި އޭނާ އިނެވެ.
އަޅުގަނޑު ފެނުމުން ސުވާލުކުރީ ދަރިފުޅު ސާދުނާ ކޮބައިތޯއެވެ. ޖަވާބުގައި ބުނީމެވެ. ނުކުޅެދޭ ކުއްޖާ އޮންނާނީ އެނދުގައި ނޫންހެއްޔެވެ؟ ނުކުޅެދުންތެރިކަން ނެތް ކުއްޖަކު ވިހަން ނޭނގުނީމާ ވާނީ އެހެން ނޫންހެއްޔެވެ؟ އެހެން ބުނުމުން އެކްޓްތަކެއް ޖައްސާފައި ބުނީ "މިއައީ ވަރަށް ބޮޑު ކަމަކު. ލަދުވެސްގަނޭ ބުނަން. ދެރަވެސްވޭ. އެކަމަކު ދެން އެހެން ގޮތެއް ނެތީމާ މިބުނަނީ. އަހަރެންގެ ގެއަކީ ސާދުނާގެވެސް ގެއެއްނު؟ މިއުޅެނީ ލޯނު ނުދެއްކިގެން ގެ ނީލަންކިޔަން އުޅޭތީ ފައިސާކޮޅެއް ދީފާނަންތޯ އަހާލަންވެގެން. ދޭނެ ހަމައެކަކުވެސް ނުވި!"
އެހިސާބަކުން ކެތެއް ނުކުރެވުނެވެ. ބުނީމެވެ. "މީހުން ބުރަ މަސައްކަތުން އެއްކުރާ ފައިސާކޮޅު ޖަހައިގަނެގެން ވިޔަފާރިކުރީމާ ދެންވާނެ ގޮތް ތިއޮތީވެނިމިފަ. އެއްވެސް ފައިސާއެއް ބޭނުމިއްޔާ ފުލުސްއޮފީހަށްދޭ. ކަލޭ ބުނީމެއްނު އެމީހެއްގެ ޙައްޤު ފައިސާ ހޯދަން ދާންޖެހޭނެ ތަނަކީ ފުލުސް އޮފީހޭ. އޯކޭ ދެން ހަމަ އެދުވަހުގެ ހިތި ހަނދާންތައް ކަލޭ ފެނުނީމަ އާވީތީ ބުނެވުނީ. ސޮރީ ފޮދެޓް. ދެން ތިއަބުނީ އެއީ ސާދުނާގެ ގެއޭ. ކޮބާ ފަހުން ކުރި 3 ކައިވެނީގަ ލިބިފަ ތިބި 4 ދަރިން.؟ ސާދުނާއަކީ 5 ވަނަ ދަރިފުޅެއްނު؟ ވީމާ ދަރަނި ހުރިހާ ދަރިންނަށް ހަމަހަމައަށް ބަހާލަންވީނު؟ ޖެހޭވަރު އެނގުނީމާ އެވަރުދީފަ ގަތުން ވޯތުކަމަށްވާނަމަ ސާދުނާއަށްވާ ބިންކޮޅު ސާދުނާއަށް ގަނެދީފާނަން. ނޫނީ މާލޭގެ ބިމުގެ އަގުން އަގުކޮށްފަ ވިއްކާ ސާދުނާއަށް! އެކަމަކު ފައިސާދޭނީ ގެ އާ ގޯތި ސާދުނާއަށް ރަޖިސްޓްރީކޮށްދީފަ ކަލެއާ ކަލޭގެ ލޯބިލޯބި އަނބިމީހާ އާދަރިން ގެއިން ނުކުމެފަ ގެ ހުސްކޮށްދިނީމަ. އެކަމަށް ލިޔަންޖެހޭ ލިޔުމުގަ ސޮއިކޮށް ކޯޓުގަ ރަޖިސްޓްރީކުރެވުނީމަ ވަގުތުން ފައިސާދޭނަން. އޯކޭނު!"
"ދެން އެހެން ގޮތެއް ނެތްދޯ؟" އެހީމަ ބުނީމެވެ. "ނޫނެކެވެ. ވަންދޮރު އެހުރީއެވެ. އަވަހަށް ނުކުމެގެންދާށެވެ!" ފިރިމީހާ ތެދުވެ ހިނގައިގަތުމުން ދަރިފުޅު ބުންޏެވެ. "މޮމް! ޔޫއާއަ ރިއަލް ވިމަން." އެއަޑު އިވުމުން ވާހަކަ މިދެއްކުނީ ދަރިފުޅާއިކަން އެނގުމުން ދަރިފުޅަށް ބަލައިލިއެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތުން މިހާރުވަނީ ގޯތި ވިއްކާލައިފައެވެ. އެމީހުން އުޅެނީ ކުއްޔަށެވެ. އަޅުގަނޑުގެ މަންމަގެ ގެއިން ލިބުނު ބައި އެހުރީ ހަދައިފައެވެ. ސާދުނާ އުޅެނީ އޭނާއަށް ވަކިން ގަނެދިން 1000 އަކަފޫޓުބިމެއްގައި ގެއަޅައިގެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ އެއްވެސް ޙާލެއްގައި ބޮޑާވުމުގެ ގޮތަކުންނޫނެވެ. މިގޮތަށް ކަންކަންކުރާ ފިރިންނާއިމެދު ކަންކަންކުރަން އަޅުގަނޑަށް ފެންނަ ގޮތް ކިޔައިދޭށެވެ. އަޅުގަނޑު އަމަލުކުރީ ކަންކަންކުރަން އަޅުގަނޑަށް ފެނުނު ގޮތަށެވެ. ކިޔުންތެރިން އަމަލުކުރާނެ ގޮތް ކިޔުންތެރިން ނިންމާށެވެ!
- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް