ރަންކިޔަސް، ރިހިކިޔަސް ކައިވެނި ނުކުރެވޭހައި ހިނދަކު އެއީ ދެމަފިރިން ކަމަކަށް ނުވާނެއެވެ. ދެމަފިރިން ކަމަށް ނުވާހައި ހިނދަކު ކައިވެނިކުރުމުން ހުއްދަވާ އެއްވެސް ކަމެއް ކުރާކަށް ހުއްދައެއް ނުވާނެއެވެ. މިކަމަކީ ހުރިހާ އެންމެންނަށްވެސް ރަނގަޅަށް އެނގޭ ކަމެކެވެ. މައްސަލައަކީ ހޭލުންތެރި ނުވެވޭ ކަމެވެ.
މިޒަމާނަކީ އެމީހަކު ޙާޞިލްކުރަން ބޭނުންވާ ކަމެއް ޙާޞިލްކުރަން ކިތަންމެ ބޮޑު ދޮގެއްވެސް ހަދަން ޖެހިލުން ނުވާ ޒަމާނެވެ. ވީމާ އޮތް ހަމައެކަނި ޙައްލަކީ ހޭލުންތެރިކަން އިތުރުކުރުމެވެ. ތިމާގެ ހިތުގައި ޝައްކު އުފެދޭ ކޮންމެ ކަމެއްގައިވެސް އެހެން މީހުންގެ ގާތުން އަހައި އޮޅުންފިލުވުމެވެ. ނޫންނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.
ތިރީގައި އެވަނީ އަނިޔާވެރިއެއްގެ މަޅީގައި ޖެހެވުމުން އެންމެ ބޮޑު އަނިޔާ ލިބުނު ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ. ވާހަކަ ވިޑާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ.
އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު މާލެ ގެނެސް ގެއަކަށް ކިޔަވަން ބޭލީ ރަށުން އެންމެ ކުޑަމިނުން އޯލެވެލްވެސް އެއިރު ނުހެދޭތީއެވެ. އުމުރުން 14 އަހަރުގައި މާލެ ގެނެސް ބޭލީ ޒުވާން ދެމަފިރިއެއްގެ ގާތަށެވެ. އެގޭ ފިރިހެންމީހާ އާއި ބައްޕައާއި އޮންނަ ގާތްކަމުގެ ތެރެއިންނެވެ. މަހަކު 2000 ރުފިޔާވެސް ދީގެންނެވެ. ފައިސާ ދިންނަމަވެސް ގޭގެ މަސައްކަތްވެސް ކުރަންޖެހެއެވެ.
އެހެންކަމާއިއެކުވެސް ހިތްވަރުކޮށްފައި ކިޔަވަން މަސައްކަތްކުރީމެވެ. އެއިރު ފިރިހެންމީހާ ވެސް އަންހެންމީހާވެސް އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންތައްވެސް ކުރިއެވެ. މައްސަލަ ނުކުންނަންފެށީ ޔުނިވަރސިޓިގައި ކޯސްހަދަންފެށި ހިސާބުންނެވެ.
އެދުވަސްވަރު ދެމަފިރިން އުޅުނީ ކޮންމެވެސް މައްސަލައެއް ޖެހިގެންނެވެ. ވަރަށް ގިނައިން ޒުވާބުކުރެއެވެ. އެދުވަސްވަރު ފިރިހެންމީހާ ބުނީ އަނބިމީހާ ވަރިކުރަން އުޅޭކަމަށާއި އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަމުން ގޮސް ކައިވެނިކުރަން އުޅޭކަން ދައްކައި އަޅުގަނޑުލައްވައި ރަންވެސް ކިޔުއްވިއެވެ.
އެހިސާބުން އަޅުގަނޑުގެ ބޮލަށްވަދެ އެންމެ ބޮޑު ގޯސް ހެއްދުވިއެވެ. އޭނާގެ މަޅީގައި އަޅުގަނޑު ރަނގަޅަށް ޖެއްސުވިއެވެ. އެފަދަ ކަންކަމަށް އައުވެފައި މައުލޫމާތު ނެތުމުން އަޅުގަނޑަށް ނުއެނގުނީއެވެ. އޭނާ ބުނަމުން އައީ ރަންކިޔުމަށްފަހު ގުޅުންހިންގަން ހުއްދަވާނެ ކަމަށެވެ.
ކޮންމެއަކަސް ގުޅުން ހިންގަން ފެށިތާ 3 ވަނަ މަހު ބަލިވެއިންކަން އެނގިއްޖެއެވެ. އެވާހަކަބުނީމާ ބުނީ އަވަހަށް ދަރިފުޅު ވައްޓާލާށެވެ. ކައިވެނިކުރާކަށް އެއްބަހެއް ނުވިއެވެ. ކުރެވުނު ޙަރާމް ކަންތަކުގެ މައްޗަށް އެއަށްވުރެ ބޮޑުފާފައެއް ކުރަން ބޭނުން ނުވުމުން ރަށަށް އަންނަން ނިންމައި ޔުނިގެ ގާތް އެކުވެރިއަކާއި ވާހަކަ ޙިއްޞާކޮށްލީމެވެ.
އޭނާ ބުނީ އެމީހުންގެ ގޭގައި އަޅުގަނޑު ބަހައްޓައިގެން ބަލައިދޭނެކަމަށެވެ. ބަލިވެއިނަސް ކިޔެވޭނެ ކަމަށާއި ޔުނިއަށް ދާން ލަދުގަންނަނަމަ ކޮންމެވެސް ކޮލެޖަކުންވެސް ކޯސް ނިންމިދާނެ ކަމަށެވެ. އޭނާގެ ބަސް ޤަބޫލުކޮށް އެގެއަށް ބަދަލުވީމެވެ.
ބަދަލުވުމުގެކުރިން ރަންކިޔުއްވައި ބޮޑު އޮޅުވާލުމެއްގެ ތެރެއިން މިހައި ބޮޑު ދެރައެއް ދިނީ ކީއްވެތޯ ސުވާލުކުރީމާ ބުނީ ރަން ނުކިޔުއްވާ ކަމަށާއި އަޅުގަނޑާއި އެއްވެސް ގުޅުމެއްވެސް ނުހިންގާ ކަމަށެވެ. ރަންކިޔުއްވީ އަޅުގަނޑު ދަންނަ ބައަކަށް ނުވުމުން އަޅުގަނޑަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތުމުން ޝުކުރުކޮށްލީއެވެ.
ކޮންމެއަކަސް އެކުވެރިޔާގެ ގޭގައި ހުރެ ވަޒީފާއަކަށްދާން ފެށީމެވެ. އަމިއްލަ ކޮލެޖަކަށްގޮސް ކިޔަވަންވެސް ފެށީމެވެ. ވިހައިގަދަވަގެން ވެސް ކޯސްފުރިހަމަ ކުރަން މަސައްކަތްކޮށް ކޯސް ފުރިހަމަކުރީމެވެ. އަދި ފަހުންވެސް ކިޔަވައި މިއަދު އަޅުގަނޑަށްވަނީ ޤާނޫނީ ވަކީލަކަށްވެސް ވެވިފައެވެ. މަސައްކަތްކުރަނީ ލޯފާމެއްގައެވެ. އަޅުގަނޑު ދެކެ ލޯބިވާ ފިރިއަކުވެސް އެބަހުއްޓެވެ.
ނަމަވެސް އަޅުގަނޑަށް ދެރަދިން މީހާވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދިގުމުއްދަތަކަށް އިއްވާފައިވާ ބޮޑު ޙުކުމެއްގައި ޖަލުގައެވެ. އަނބިމީހާ ވަރިވެ އެހެންމީހަކާ ކައިވެނިކޮށްގެން އުފަލުގައި އުޅެމުން އެގެންދަނީ އޭނާގެ ގޭގައެވެ. އޭނާ ޖަލުގެ ތޭރިތަކުގެތެރޭގައެވެ.
ކުރިން އޭނާއަކީ ހަމަގައިމުވެސް މަސްތުވާއެއްޗެތި ބޭނުންކުރާ މީހެއް ނޫނެވެ. ޑީލް ނުކުރާކަމެއް ނުއެނގެއެވެ. ކޮންމެ ގޮތެއްވީނަމަވެސް އަޅުގަނޑަށް އެބޮޑުދެރަދީފައި އޭނާއަށް އުފާވެރިކަމެއް ނުލިބުނެވެ. ދުނިޔޭގައިވެސް ޖެހުނީ ޖަލަށް ވަންނާށެވެ!
އަޅުގަނޑަށް ކުރިމަތިވި މިކަންތަކުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިބާވަތުގެ މަކަރުވެރި ފިރިހެނުންގެ މަޅީގައި ނުޖެހުމަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައެވެ. އަޅުގަނޑަށް އެބޮޑު ދެރަ ލިބުނީ އަޅުގަނޑުގެ ކިބައިގައި އެއިރު އެފަދަ ހޭލުންތެރިކަމެއް ނެތުމުންނެވެ. އެއިރުވެސް އަޅުގަނޑަށް އެނގޭ މިންވަރުން ﷲ އަށް ބިރުވެތިވީމެވެ. ކިތަންމެ ބޮޑު ފަޟީޙަތެއްވާންޖެހުނު ނަމަވެސް އޭނާ ބުނުމުން ދަރިފުޅު ވައްޓާނުލީ އެހެންވެގެންނެވެ. އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑަށް ލިބުނު ހިތްވަރާއި ކާމިޔާބީގެ ސިއްރަކީ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވެ ﷲ އަށް ބިރުވެތިވުން ކަމަށެވެ.
ރިސާލާ / މިއަދުނޫހުގެ ކިޔުންތެރިއެއް