ޢިބްރަތްތެރި ވާހަކަ: އަޚްލާޤްގައި ކުރީގެ ރީތިކަން ހުރީމާ އަނބިމީހާގެ ދަރަޖަ ވިސްނި ޤަދަރުނުކުރާ ފިރިއަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ޢިބްރަތްތެރި ވާހަކަ: އަޚްލާޤްގައި ކުރީގެ ރީތިކަން ހުރީމާ އަނބިމީހާގެ ދަރަޖަ ވިސްނި ޤަދަރުނުކުރާ ފިރިއަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

ވިހެއުމުން އަނބިންގެ ބޭރުފުށުގެ ސިފަ ހުތުރުވާ ވާހަކައަކީ އަނބިމީހާ ވަރިކޮށް އެއްލައިލަން ބޭނުންވުމުން އަނިޔާވެރިން ދައްކާ ބަހަނާއެކެވެ. އެއީ ޙަޤީޤީ ސަބަބެއް ނޫނެވެ. ހެޔޮލަފާ ފިރިން އެމީހުންގެ އަނބިން ވިހައި ސިފަ ބަދަލުވާވަރަކަށް އިތުރަށް ލޯބިވާނީއެވެ. ޤުދްރަތުގެ ނިޒާމުގައި އެކަން އޮތީ އެގޮތަށްކަން އެމީހުންގެ ދިރިއުޅުމުން އެނގޭނެއެވެ. 

ބޭރުފުށުގެ ސިފައަކީ ބަދަލުވާނެ އެއްޗެކެވެ. އެއީ އެއްވެސް މީހެއްގެ އަތުގައި ކޮންޓްރޯލް އޮންނަ ކަމެއް ނޫނެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ސިފަ ބަދަލުވާނެއެވެ. ލަހުން ނަމަވެސް އަވަހަށް ނަމަވެސް އެއީ ނުވެ ނުދާނެ ކަމެކެވެ. އެކަން ޤަބޫލުނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. ޤަބޫލުނުކުރާ ކަމަށް ހެދެނީއެވެ. 

ތިރީގައިވާ ވާހަކައިންވެސް އެކަންކަން އެނގިލައްވާނެއެވެ. ވަރިކޮށް އެއްލައިލި ދުވަހު ސިފަ ވަރަށް ހުތުރެވެ. ކޮޅުކެހި ލިބި ނިކަމެތިވުމުން ނުލާހިކު ރީތިވެ ފަހަތުން ދުވަން ލަދެއް ނުގަތެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. ކިޔެވީ މާލޭގެ ގެއެއްގައި ހުރެއެވެ. ގެއަށް އަގުދައްކަމުން އަދި ގޭގެނޯކިރީވެސް ކުރަމުންނެވެ. ކިޔަވައި ނިމިގެން ރަށަށް ފުރަން ތައްޔާރުވަމުންދަނިކޮށް ފިރިހެނަކު އަހަރެންނަށް ގުޅަންފެށިއެވެ. ލޯބިވާތީ ކައިވެނިކުރަން ބޭނުން ކަމަށްބުނެއެވެ. 

އޭނާގެ ވާހަކަތައް ޤަބޫލުކޮށް ކައިވެނިކުރީމެވެ. އޭނާއަކީ ކުޑަ ނަމަވެސް އަމިއްލަ ގެދޮރުމާލޭގައި ހުރި މީހެކެވެ. ދިރިއުޅެމުންދިއައީ އޭނާގެ ބައްޕަގެ ގެއިން އޭނާއަށް ލިބިފައިވާ ފްލެޓެއްގައެވެ. ދެމީހުންވެސް ވަޒީފާ އަދާކުރަމުއެވެ. 

ކައިވެނީގައި ދެ ދަރިން ލިބުނުތަނާ ގޭގައި ގެންގުޅެން އަންހެންކުއްޖަކު ގެނެސްދިނެވެ. ލުއިފަސޭހަކަމެއްވެސް ލިބުނެވެ. ބުނީ ކިޔަވައިދޭށާ މަހަކު 1500 ގެ މުސާރައަކަށް ގެނައި ކުއްޖެއް ކަމަށެވެ. 

ޙަޤީޤަތް އެނގުނީ އެއްދުވަހު ދެމީހުން ބަދިގެތެރޭގައި ބައްދައި ދޮންދީ ހަދާތަން ފެނުމުންނެވެ. އެކަމަށް އެއްޗެއް ބުނުމުން ބުންޏެވެ. "ނުރުހޭނަމަ ނުކުމެގެންދާށެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ." އެއަޑުއިވުމުން ރޮވެން ފެށުމުން ބުނީ ރުއިމުގެ ބޭނުމެއް ނެތްކަމަށާއި 2 ދަރިން ލިބުމުން ސިފައަށް އައިސްފައިވާ ބަދަލުތަކުން މުޅިން ފޫހިވެއްޖެކަމަށެވެ. 

ކުރިއަސަރު ބޮޑުކަމުން އަނގައިން ނުބުނެ ދިއައީއެވެ. ކޮޓަރިއަށްވަދެ ވަރަށް ގިނައިރު ރުއީމެވެ. ނުކުމެގެންދާނެ ތަނެއް ނެތުމުން ރަށަށްދާން ނިންމައި އަނެއް ދުވަހު ވަޒީފާއިން ވަކިވާން ސިޓީލީމެވެ. 

އަޅުގަނޑު ވަޒީފާއަދާކުރަނީ އަންހެނަކު ހިންގާ ކުންފުންޏެއްގައެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތްގުޅުމެއް އޮވެއެވެ. އެހެންވެ ސިޓިލީތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގެންގޮސް ކެނޑެންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ކަންކަން މެދުވެރިވެފައިވާ ގޮތް ކިޔައިދިނީމާ ބުނީ ރަށަށްދާން ނުޖެހޭނެ ކަމަށެވެ. އޭނާގެ ގޭގައި ކުއްޔަށްދޭ ފްލެޓެއް މިވަގުތު ހުރީ ހުހަށްކަމަށާއި އެތަނަށް ބަދަލުވުމަށެވެ. އަދި ދެވަނަ ޙަޔާތެއް ފެށިގެން ނުކުންނަން ބޭނުންވަންދެން ކުއްޔަކާއި ނުލައި އެތަނުގައި އިނދެވޭނެ ކަމަށެވެ. 

އަޅުގަނޑު އެތަނަށް ބަދަލުވެ އެކަނި ދިރިއުޅެން ފަށައި ފިރިމީހާގެ ގާތުން ވަރިވީމެވެ. އެކަނި 2 އަހަރު ދުވަހު އުޅުނުފަހުން މެޑަމް ދެއްކި މީހަކާއި ކައިވެނިކޮށްގެންވެސް އުޅުނީ ހަމައެތަނުގައެވެ. އެއީ މެޑަމް ބޭނުންވި ގޮތެވެ. 

ދެވަނަ ކައިވެންޏަށް 2 އަހަރުވީއިރު އިތުރު ދަރިއަކުވެސް ލިބި 3 ދަރިން ހަމަވެއްޖެއެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. އަހަރެންގެ ދެދަރިންނަށްވެސް ވަރަށް ހެޔޮމީހެކެވެ. ދީނަށް އަމަލުކުރަން ވަރަށް ލޯބިކުރާ މީހެކެވެ. 

ފިރިމީހާ އޭނާގެ މަންމަ ބަލިވެގެން ރަށަށަށްގޮސްވީ ދުވަސްކޮޅެކެވެ. އެއްދުވަހަކު ހަވީރު މީހަކު އައިސް ބެލްޖެހުމުން ހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. ގެއަށް ވަންނަން އުޅުމުން ހުއްޓުވީމެވެ. ހުއްޓުވުމުން ފުރަތަމަވެސް އެދުނީ މާފަށެވެ. ބުނީ ކުރެވުނީ ވަރަށް ބޮޑު ކުށެއްކަމަށާއި އަނބިމީހާ ބޭވަފާތެރިވެގެން ވަރިކޮށްފިން ކަމަށެވެ. އަޅުގަނޑާއިއެކު އުޅުނުއިރު އަޅުގަނޑު ދައްކައިދިން ތެދުވެރިކަމުގެ އަގު މިހާރު ވަޒަންކުރާކަމަށެވެ. މިހާރު ބޭނުންވަނީ އަލުން ކައިވެނިކޮށް 2 ދަރިންނާއިއެކުގައި އުޅެން ކަމަށެވެ. 

އަޅުގަނޑާއި ދެދަރިންދެކެ ވަރަށް ލޯބިވާ ފިރިއަކު އެބަހުރިކަމަށާއި އޭނާގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރާންކަމަށް ބުނުމުން ރޯންފެށިއެވެ. އިތުރުވާހަކަ ނުދައްކައި ދޮރުލައްޕަން އުޅެންފެށުމުން ބުނީ 2 ދަރިން ދެކެލަން ބޭނުން ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "5 އަހަރުފަހުން ނަމަވެސް 2 ދަރިން ތިބިކަން ހަނދާންވިކަމަށްޓަކައި އުފާކުރަމެވެ. ނަމަވެސް ފިރިމީހާ ނެތި ގެއަކަށް ނުވައްދާނަމެވެ. ފިރިމީހާ އެނބުރި އައުމުން އަންގައިލާނަމެވެ." 

އެހެންބުނުމުން އެނބުރިދާން ހިނގައިގަތުމުން "އެއަންހެން މީހާއާއިއެކު އުޅުނީމަ ކަލޭގެ ސިފަ މިހާރު ހާދަހުތުރުވެއްޖެ" ކަމަށް ބުނަން ހިތަށް އެރިއެވެ. އެއީ 2 ދަރިން ލިބުނީމަ އަޅުގަނޑުގެ ސިފަހުތުރުވެ މަލާމާތްކޮށްފައިވާތީއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ ދޮރުލެއްޕީއެވެ. 

ދެން ފޮނުވަންފެށީ ލޯބީގެ މެސެޖުތަކެވެ. ނުފޮނުވަން ބުނުމުންވެސް ހުއްޓާނުލުމުން ފޯނު ބްލޮކްކޮށްލީއެވެ. ދެވަނަ ކައިވެނީގައި މިހާރު 17 އަހަރުވީއެވެ. އިރާދަފުޅުން ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައި ހިތްހަމަޖެހިގެން ތިބެއެވެ. މެޑަމްގެ އެހީތެރިކަމާއިވެސް އެކު ފްލެޓެއް ގަނެގެން ހުޅުމާލޭގައެވެ. އަދިވެސް ވަޒީފާ އަދާކުރަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތެވެ. ވިހަނީ ފިރިމީހާގެ ދަރިންނެވެ. ވިހެއިމަ ސިފައަށް ބަދަލު އައިމަ އަނބިމީހާ ކަމަކު ނުދެއެވެ. އެފަދަ ފިރިންނަށް ބުނެލަން އޮތް އެއްވާހަކައަކީ ރޮބޮޓުންނާއި ކައިވެނިކޮށް ދަރިން ހޯދުން ރަނގަޅުވާނެއެވެ. އެއިރުން ސިފަ ބަދަލެއް ނުވާނެއެވެ. އަންހެނުން ކަމަށްވާނަމަ ސިފައަށް ކޮންމެވެސް ބަދަލުތަކެއް އަންނާނެއެވެ. 

ދެން ބުނެލަން ބޭނުންވަނީ ކުރީގައި ހުރި ރީތިކަން ސިފައިގައި ނެތް ނަމަވެސް އަޚްލާޤްގައި ކުރީގެ ރީތިކަން ހުރީމާ އަނބިމީހާގެ ދަރަޖަ ވިސްނި ޤަދަރުނުކުރާ ފިރިއަކަށް ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.

 

- އުނޫޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް.   

މިއަދު އޮންލައިން