ލޯބިވާކަމަށް ހެދިގެން އަންހެންކުދިން ޝިކާރަކުރަމުންދިއަ ޒުވާނަކަށް އެންމެ މުހިންމުވީ ވަޤުތު އޭނާގެ ހިތުގައި "ހުޅުރޯވެ" ހިތް ކުދިކުދިވުން- މަކަރުވެރިންނަށް މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ލޯބިވާކަމަށް ހެދިގެން އަންހެންކުދިން ޝިކާރަކުރަމުންދިއަ ޒުވާނަކަށް އެންމެ މުހިންމުވީ ވަޤުތު އޭނާގެ ހިތުގައި "ހުޅުރޯވެ" ހިތް ކުދިކުދިވުން- މަކަރުވެރިންނަށް މުހިންމު ފިލާވަޅެއް!

ޒުވާނަކު އޭނާގެ ލޯބިވެރިޔާ ހޯދަން ދިއައީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ތަނަވަސްކަން ހުރުމާއިއެކު ސީދާ ގޮތުންނާއި ނުސީދާގޮތުން ދިއައީ ބޮޑެތި ޚަރަދުތަކެއްވެސް ކުރަމުންނެވެ. 

އެކަމަސް މަސައްކަތްކުރަމުންދިއައިރުވެސް އޭނާ ދިއައީ އޭނާގެ މަޅީގައި އަންހެންކުދިން ޖައްސުވައި އެކުދިން ޝިކާރަކުރަމުންނެވެ. ބޮޑެތި މަކަރުތައް ހަދައި އޮޅުވާލުމުގެ ތެރެއިން އެކުދިންގެ ބޭނުން ކުރަމުންނެވެ.   

ކޮންމެއަކަސް ޒުވާނާއަށް އޭނާ ކުރަމުން ދިއަ މަސައްކަތްތަކުގައި ކުރިއެރުން ލިބި އޭނާގެ ހިތުގެ ރާނީ އާއި ގުޅުން ބަދަހިކުރެވި ބައްދަލުކުރެވޭ ހިސާބަށް ދިއުމުން އަގުބޮޑު ރެސްޓޯރަންޓެއްގައި ކައެމަކުން ބައްދަލުކުރަން ނިންމިއެވެ. ގަޑި ޖެހުމުގެ 15 މިނިޓް ކުރިން ހޮޓަލަށް ގޮސް ލޮބީގައި ހުއްޓައި ހިތުގެ ރާނީ އަންނަތަން ފެނުމުން ވަރަށް ރަނގަޅަށް ތައްޔާރުވެލައިގެން ހުއްޓައި ހިތުގެ ރާނީ އައިސް ދާދިގާތުގައި ހުއްޓުނެވެ. 

އެވަގުތު ކުއްލިއަކަށް ކުރިމައްޗަށް އެރި އަންހެންކުއްޖަކު ރޮމުން ބުންޏެވެ. "ތިއައީ ކޮންފަދަ ބޮޑު އަނިޔާވެރިއެއް ހެއްޔެވެ؟ އަހަރެންދެކެ ލޯބިވަމެވެ ބުނެ ހައްދައިގެން އަހުރެންގެ އެންމެ އަގުބޮޑު ތަރިކަ ފޭރިގަތުމަށްފަހު އެއީ ނުވެސް ހިނގާ ކަމަކަށް ހަދައިގެން ތިއަހުންނަނީއެވެ. ގުޅިޔަސް ފޯނުވެސް ނަގަނީއެއް ނޫނެވެ." 

އެވަޤުތު ޒުވާނާ ބޭނުންވީ އަވަހަށް އޭނާގެ ކިބައިން ސަލާމަތްވުމަށެވެ. އެހެންވެ ވަރަށް ދެރަވެލާފައި ޒުވާނާއަށް ބުނެވުނެވެ. "މާފްކުރާށެވެ!" ޖަވާބުގައި އަންހެންކުއްޖާ ބުންޏެވެ. "މަކަރުން ނިކަމެތި އަންހެންކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމަށްފަހު ބުނަން އޮތް ބަހަކީ މާފުކުޜާށެވެ ކަމަށް މިއަދު ހަދައިލެވިދާނެއެވެ. ނަމަވެސް އެކަން އަލިފާނަށްވުރެ ހޫނުކޮށް ތިބާއާއި ބައްދަލުކުރާނެ ދުވަހެއް އަންނާނެކަން ދަންނާށެވެ." އެހެން ބުނެފައި ރޮމުން އަންހެން ކުއްޖާ ހިނގައި ގަތެވެ. 

އެއިރު އެވާހަކަތައް އަޑުއަހަންހުރި ޒުވާނާގެ ހިތުގެ ރާނީ ޒުވާނާގެ ކުރިމައްޗަށް އަރާފައި ބުންޏެވެ. "އަހަރެންނަށްވެސް މާފުކުރާށެވެ! ނަމަނަމަ ދެން ގުޅަންވެސް ބައްދަލުކުރަންވެސް މަސައްކަތްނުކުރާށެވެ! ފުދިއްޖެއެވެ. މާބޮޑަށްވެސް ފުދިއްޖެއެވެ." އެހެން ބުނެފައި މަޑުވެސް ނުކޮށް ދިއައީއެވެ. 

ޒުވާނާއަށް އެވަޤުތު އިޙްޞާޞްކުރެވުނީ އޭނާގެ ހިތުގައި ހުޅުރޯވެ އަނދަނީކަމަށެވެ. އެހެންވެ ބުނާނެ އެއްޗެއްވެސް ނުއެނގި އަނގަބަންދުވެފައި ހުރެވުނީއެވެ. 

މިއީ އަޅުގަނޑު ބެލި ފިލްމެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. މިއީ ޙަޤީޤަތަކަށްވީނަމަވެސް އަދި ނުވިނަމަވެސް މިބާވަތުގެ ކަންކަން ހިނގަނީ މަދަކުން ނޫނެވެ. ލޯބިވާކަމަށް ހެދިގެން މަކަރުހަދަމުން ދުވާނަމަ މިފަދަ ކަންކަން ކުރިމަތިވެ ހިތުގައި ހުޅުރޯވާނެކަމާއި އެކަމުގެ ސަބަބުން ކުރަންޖެހޭނެ ހިތާމަ ވަރަށް ބޮޑުވާނެކަން ކޮންމެ ފިރިހެނަކުވެސް އަދި އަންހެނަކުވެސް ޤަބޫލުކުރަމާ ހިނގާށެވެ. 

- ފާއިޒާ / ނިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން