ޤައުމު މި ދަތި ހާލަތަށް ދިޔައީ މަރުކަޒީ ބޭންކާއި، މާލީ އިދާރާތަކުގެ އިރުޝާދުތުތަކަށް ކުރީ ސަރުކާރުން އަހަމިއްޔަތުކަމެއް ނުދިނުމުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް މިހެން ވިދާޅުވެފައިވަނީ އޭނާ މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނިކޮށެވެ.
ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލަ ބަލަމުން ދަނީ މާލިއްޔަތު ކޮމިޓީންނެވެ. މިއަދު ތާވަލު ކުރި ބައްދަލުވުމަށް ވެސް ހާޝިމް ހާޒިރުވެފައި ނުވަނީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް ހާޝިމް ވަނީ ވަކި ކުރަން އުޅޭ މައްސަލައިގައި ލިއުމުން ޖަވާބުދާރީވެ ރިޕޯޓެއް ފޮނުވާފައެވެ. އެ ރިޕޯޓުގައި ހާޝިމް ވިދާޅުވީ ރާއްޖޭގައި އިގްތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައި ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ބައިނަލްއަޤުވާމީ މާލީ އިދާރާތްތަކުން ދެމުން ދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަމެއް ދީފައި ނެތުމުގެ ސަބަބުން ކަމަށެވެ.
އަދި މިޤައުމު މި ދަތި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި މަސައްކަތްތަކެއްކުރަން ޖެހިފައިވާކަމަށާއި، މިކަމަށް އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވިއެވެ.