1.6 މިލިޔަން ރުފިޔާގެ ސިނގިރޭޓް ރާއްޖެއަށް ވަގަަށް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ، މި ފަހުން ސިނގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯއިން ވެސް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަން ކުރި މީހުން ހޯދުމަށްޓަކައި އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ ކާގޯއިން ވެސް ހަމަ ސިނގިރޭޓު، އަތުލައިގަތިން. އަޅުގަނޑުމެން އޭތި، ކުޑަކޮށް އެއްބައި އެއްޗެހި ދޫވެސް ކޮށްލިން. މިހާރު އެއީ ޕޮއިންޓުން ކެޕްޗާކޮށްފިއްޔާ އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ ކޮން ބައެއްގެ ހިއްސާވާ އެއްޗެއް ކަމެއް. އެ ހިސާބުން އެ ކަންތަކުގައި އެ ވަގުތު އެތާ އުޅޭ މީހުން އެކަނި އަޅުގަނޑުމެންނަށް އެނގޭނީ." މާނިޢު ވިދާޅުވިއެވެ.
މި މައްސަލާގައި ސަސްޕެންޑްކުރީ ސްކޭން ކުރާ މެޝިން ކައިރީ ހުރި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށް މާނިޢު ވިދާޅުވިއެވެ.
ވަގަށް ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކުގެ ލަފާ ކުރެވޭ މާކެޓް ވެލިއު އަކީ 1.6 މިލިޔަން ރުފިޔާ ކަމަށްވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވެފައެވެ.