ކަސްޓަމްސްގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
ކަސްޓަމްސްގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި!

މިއަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 134 ވަނަ އަހަރީ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސްގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ކަސްޓަމްސްގެ މައި ބިލްޑިންގ ކުރިމަތީގައި މިއަދު 06:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ކަސްޓަމްސްގެ މިނިސްޓަރ އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް ޢަލީ އިޙްސާންއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު އާއި ކަސްޓަމްސްގެ އެންމެހާ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކަށް ފޮނުއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ކަސްޓަމްސްއިން ދޭ ޚިދުމަތަކީ ފަސޭހަ ޚިދުމަތެއް ނޫންކަމަށާއި، ރައްޔިތުންނާއި ގާތުން ޚިދުމަތް ދެމުންދާއިރު އަބަދުވެސް ސަލާމަތީ ކަންކަން ކަށަވަރުކުރަމުން ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ. ހަމަ މިއާއެކު، ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާންވާނީ، ކަސްޓަމްސް އިން ޤަބޫލުކުރާ ހަމަތައްކަމަށްވާ؛ "އިންޓެގްރިޓީ"، "ރެސްޕެކްޓް"، "ކޮމިޓްމަންޓް"، "އެމްޕަތީ" އަދި "ވިޖިލިޓީ" ގެ ހަމަތަކުގެ މަތިންކަމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ޔުނިފޯމް އެޅި ހުރިހާ މުއައްސަސާތަކުން ޚިދުމަތްދިނުމުގައި އިންޓެގްރިޓީ ހިފެހެއްޓުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާ، އެކަން ކަށަވަރު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތްވާ ގޮތުގެ މަތީން ކަސްޓަމްސްއިން ދެވޭ ޚިދުމަތްތަކަކީ އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކެއްކަމުގައި ހެދުމަށް، ކަސްޓަމްސްގެ ޚިދުމަތްތަކަށް ގެނެވުނު މުހިއްމު ބަދަލުތައް ފާހަގަކުރައްވާ، އެކަމަށްޓަކައި ކަސްޓަމްސްގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު މުވައްޒަފުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ސިޔާސަތާއި އެއްގޮތަށް އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދޭކަމަށާއި، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި، ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ބޯޑަރު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ކަސްޓަމްސުން ކުރަމުންގެންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު އަދި ދިވެހި ފުލުންގެ ޚިދުމަތަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އިސްވެ މި ދުޢާ ވިދާޅުވެދެއްވީ އައްޝައިޚް ޢިއްޒުއްދީން ޢަދުނާން އެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފައެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށިފައިވަނީ 18 ޖުލައި 1890 ގައެވެ. 

މިއަދު އޮންލައިން