ޢިބްރަތްތެރި ވާހަކަ: ދައްތަގެ ފިރިމީހާ ޖަހައިގަތް ކޮއްކޮ ވަރިކުރީމާ އަނބުރާ އާދޭސްކުރަމުން ދައްތަ ގާތަށް ދާންޖެހުނު ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ޢިބްރަތްތެރި ވާހަކަ: ދައްތަގެ ފިރިމީހާ ޖަހައިގަތް ކޮއްކޮ ވަރިކުރީމާ އަނބުރާ އާދޭސްކުރަމުން ދައްތަ ގާތަށް ދާންޖެހުނު ގޮތުގެ ވާހަކަ

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ކިތަންމެ ވަރަކަށް ހިތް އެދުނަސް އަދި ކައިވެނިކުރާނެ މީހަކު ނުލިބިފައި ހުރިނަމަވެސް ރަޙިމުގެ ގުޅުން ކެނޑޭނެފަދަ ކައިވެންޏެއް ނުކުރާށެވެ! ކޮށްފިނަމަ އެމީހެއްގެ ކަރުބުޑުގައި ލޭރަހަ ލާންޖެހުން ވަރަށް ގާތްވާނެއެވެ."  

ތިރީގައި އެވަނީ އެބަސް އެއީ ޙައްޤު ތެދު ބަހެއްކަމާއި އަގުހުރި ނަޞޭޙަތެއްކަން އެނިގެންދާ ވާހަކައެކެވެ.  

އަޅުގަނޑުމެންގެ ތިބެނީ 2 ބެއިންނެވެ. 2 އަންހެންކުދިންނެވެ. ދޮށީ އަޅުގަނޑެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. އެހެންވެ ކޮއްކޮވެސް ބަލަނީ އަޅުގަނޑެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ދެބެއިންވެސް ދިރިއުޅެނީ އެގޭގައެވެ.  

ކައިވެންޏަށް 5 އަހަރުވެފައިވަނިކޮށް އެއްރޭ ބޭރުން އާދެވުނުއިރު ކޮއްކޮއާއި ފިރިމީހާ ތިބީ އަހަރެމެން ނިދާ އެނދުގައެވެ. ލޯބިކުރަނިކޮށް ފެނުމުން ލަދެއްވެސް ނުގަތެވެ. ކޮއްކޮ ބުނީ އެކަމާއި ރުޅި ނައިސް މަޑުން ހުރުމަށެވެ. "ދައްތަ ގެއިން ނެރެނުލާ ބަހައްޓާފައި ހުންނަނީވެސް އަހަރެން އެދިގެން އަހަރެމެން ދެމީހުން ލާންގެންގުޅޭ ހެދުންވެސް ޝެއާކުރަމެއްނު؟ ވީމާ މިއީ އެހާބޮޑު ކަމަކަށް ނުހަދާ ރީތިކޮށް ދަރިފުޅު ގޮވައިގެން ގޭގަ އުޅުނީމާ ރަނގަޅުވާނެ!"  

ބަސްތައް އަމުނައިލިލެއް ފަސޭހަވެފައި ތަރުތީބު ރަނގަޅުކަމުން އެއީ ކުއްލިއަކަށް ބުނެލި ބަސްތަކެއް ނޫންކަމާއި ކުރިންސުރެ ބުނަން ތައްޔާރުވެގެން ހުރި ބަސްތަކެއްކަން އެނގުނެވެ. އެތަނުން ބައެއް ޢިބާރާތްތަކަކީ ދެބެއިން އެކުގައި ތިބެގެން ބެލި ފިލްމެއްގައި ހިނގި ހަމަ މިފަދަ ކަމެއްގައި ކޮއްކޮ ބުނި ވާހަކަތަކާއި ވަރަށް އެއްގޮތް ވާހަކަތަކެކެވެ. ދެރަވީ އެފިލްމު ނިމިގެންދިއައިރު ކޮއްކޮއަށް ޖެހުނު ޙާލާއިމެދު ވިސްނައިނުލީތީއެވެ.  

އެހެންވެ އެއްވެސް ބަހެއް ނުބުނަމެވެ. ޒުވާބެއްވެސް ނުކުރަމެވެ. ﷲ އަށް ވަކީލްކޮށް އެހިސާބުން ނިންމައިލީއެވެ.  

ބޮޑުދައިތަ ޢާއި ގުޅާފައި ދުވަސްކޮޅަކު އެގޭގައި ބަހައްޓައިދިނުން އެދުމުން ބޮޑު ދައިތަ އެކަންކޮށްދޭން އެއްބަސްވިއެވެ. އެހެންވެ އަނެއްދުވަހު ފިރިމީހާ ކޮއްކޮއަށް އެކުގަ ހަދިޔާކޮށްފައި ވަރިވެ ދަރިފުޅު ގޮވައިގެން ނުކުމެގެންދިއައީއެވެ.  

ދަރިފުޅު ބަލައިދޭން ބޮޑުދައިތަ އެއްބަސްވުމުން ވަޒީފާއެއް ހޯދައިގެން މަސައްކަތްކުރަންފެށީއެވެ. ލިބޭ މުސާރައިން ބައެއް ބޮޑުދައިތަމެންނަށްވެސް ދެމެވެ. އެފަދަ ގޮތަކަށް އުޅެމުން އަންނަނިކޮށް ބައްދަލުވި ހެޔޮލަފާ މީހަކާ ކައިވެނިކުރީމެވެ. އޭނާއަކީ އެހާ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވަރަށް އަޚްލާޤް ރަނގަޅު، ހިތްހެޔޮ، ތަޤްވާވެރިއެކެވެ ކައިވެނިކުރުމަށްފަހު ފިރިމީހާގެ އަށް ބަދަލުވީއެވެ.  

ދެވަނަ ކައިވެނީގައި އަހަރުވީތަނާ ކޮއްކޮ ގުޅާފައި ބުނީ އޭނާ ވަރިކޮށްލާފައި އޭނާއަށްވުރެ ޒުވާން ކުއްޖަކު ގެއަށް ގެނެސްފިކަމަށެވެ. ގެއިން ނުކުންނަންވެސް ބުނެފިކަމަށާއި ގުޅީ ހަދާނެ ގޮތެއް ނެތިގެން ކަމަށެވެ.  

ފިރިމީހާ އާއި މަޝްވަރާކުރުމުން އަހަރެމެންގެ ގެއަށް ގެންނާކަށް އެއްބަހެއް ނުވިއެވެ. ފިރިމީހާ ބުނީ އިބިލީހުގެ ބަހަށް ނުހެއްލޭ މީހުންވެސް އިންސާނުންގެ ބަހަށް ހެއްލެވޭ ކަމަށެވެ. ވީމާ ކޮއްކޮފަދަ އަންހެނަކު ގެއަށް ގެނައުން ރަނގަޅުނުވާނެ ކަމަށެވެ. އެހެން ބުނުމުން ކޮންމެ ގޮތަކަށް ކޮއްކޮ ކަންކަން ކޮށްފައި އޮތްނަމަވެސް އެއީ ކޮއްކޮކަމަށްވުމުން އަނެއްކާވެސް ބޮޑުދައިތަ ގާތުގައި ބުނެގެން އެގެގައި ބެހެއްޓީއެވެ. ބޮޑުދައިތަމެންނަކީ ފަޤީރުންކަމަށްވުމުން ފައިސާގެ އެހީތެރިކަން އަހަރެމެން ފޯރުކޮށްދޭ ގޮތަށެވެ. އެހެންގޮތަކަށް ބުނާނަމަ ކޮޓަރިއެއް ކުއްޔަށް ހިފާފައެވެ.  

ކޮއްކޮއަށް ލިބުނު ފިލާވަޅާއިއެކު ތައުބާވެ ތަޤްވާވެރިވުމުން ފިރިމީހާ ކޮއްކޮއަށް ހެޔޮލަފާ ފިރިއަކު ހޯދައިދިނެވެ. ދެމަފިރިން ލޯބިން ދިރިއުޅެން ފެށުމުން އަނެއްކާވެސް ކޮއްކޮ ގެއަށް ގެނެސް އެކުވެރިކަމާއިއެކު ލޯބިން ގުޅުންތައް ބާއްވަން ފެށީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަކޮޅު ޙިއްޞާ މިކުރަނީ މި ކަމަކީ ހަމަ އަޅުގަނޑަށްދިމާވިފަދައިން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މައްސަލައަކަށްވާތީއެވެ. ރާއްޖެއަކީ އަންހެނުން ނުވަތަ ފިރިހެނުން މަދުވެގެން ކައިވެނިކުރާނެ މީހަކު ނުވެގެން ތިބެންޖެހޭ ޤައުމެއް ނޫނެވެ. ތަނަވަސްކަމުގެ ދަހިވެތިކަމުގައިވެސް ނުވަތަ އެހެން ސަބަބަކާއިހުރެ ނަމަވެސް ރަޙިމުގެ ގުޅުން ކެނޑޭފަދަ ކަންކަން ކުރަން ހެޔޮވެދާނެ ހެއްޔެވެ؟ ވަގުތީ އުފަލަކަށްޓަކައި އަޚާގެ އަނބިމީހާ ނުވަތަ އުޚުތާގެ ފިރިމީހާ އަތުލައިގަންނައިރު ހާލުގައި ޖެހި ނިކަމެތިވެދާނެ ދުވަހެއް، އަޚާގެ ނުވަތަ އުޚުތާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދުވަހެއް އަތުވެދާނެކަމަށް ވިސްނައިލުން ރަނގަޅުވާނެ ނޫންތޯއެވެ؟

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން