ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކުރިމައްޗަށް ހިލޭ އަންހެނުން ގެނެސް ގޭގަ ގުޅުން ހިންގަމުންދިއަ މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކުރިމައްޗަށް ހިލޭ އަންހެނުން ގެނެސް ގޭގަ ގުޅުން ހިންގަމުންދިއަ މީހަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

ކިޔުންތެރިޔާ ވިދާޅުވެފައިއެވަނީ ހަމަ ރަނގަޅަށެވެ. ބައެއް މީހުންނަށް ތަނަވަސްކަން ލިބުމުން އެތަނަވަސްކަން ތިމާއަށް ދެއްވެވީ ﷲ ކަމާއި އެފައިސާ ޚަރަދުކުރާ ގޮތް ﷲ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރަން ބޭނުންނުވަނީއެވެ. އަނބިމީހާ ފަޤީރު ނަމަވެސް ފަޤީރު މީހާވެސް އުފެއްދެވީ ﷲ ކަމާއި އޭނާގެވެސް ހިތެއް އޮންނާނެކަންވެސް ޤަބޫލުކުރަން ބޭނުން ނުވަނީއެވެ. ޒިނޭކުރާއިރަށް ގައިގަ ހުޅު ނުހިފިނަމަވެސް މަރުވެ ވަޅުލެވުމާއިއެކު އަލިފާނުން ފިހެންފަށާނެކަން ޤަބޫލުވެސް ނުކުރެވެނީއެވެ. 

މިފަދަ ނުބައި މީހުންނަށްވެސް ﷲ ތަޢާލާ ފުރުޞަތު ދެއްވަވައެވެ. އެއައްފަހު ހިއްޕަވަތެވެ. ކަސްތޮޅު އަޅުއްވަވަތެވެ. ނިކަމެތި ކުރައްވަވަތެވެ. އެކަންކަން ތިރީގައިވާ ވާހަކައިން ރަނގަޅަށް އެނގިލައްވާނެއެވެ.  

އަޅުގަނޑު ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށިތަނާ އެކުވެރިއަކު އެއީ ވަރަށް ރަނގަޅު މީހެއްކަމަށް ބުނެ ތަޢާރަފްކޮށްދިން މީހަކާއި ކައިވެނިކުރީމެވެ. އެކުވެރިޔާއަށް ބަހެއް ބުނާކަށް ނެތީމެވެ. އެކުވެރިޔާ ދެއްކިނަމަވެސް ކައިވެނިކުރީ އެކުވެރިޔާ ބުނި ބަހުގެ އިތުރުން އޭނާ ދެއްކި ވާހަކަތަކާ ކުރި ހުވާތައް ޤަބޫލުކުރެވިގެންނެވެ. އަޅުގަނޑު ހިތްދަތިވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ލޯބިން އެކުގައި އުމުރު ހޭދަކުރާނެ ކަމަށް އެތައް ފަހަރަކު ހުވާކުރިފަހުންނެވެ. 

އެހެނަސް ކައިވެނިކޮށް 3 ވަނަ މަހު މީހާ ބަދަލުވާން ފެށިއެވެ. 7 ވަނަ މަހު އަޅުގަނޑުކުރިމަތީގައި ހިލޭ އަންހެނުންނަށް ފޯނުކުރަން ފަށައިފިއެވެ. އަހަރު ނުވަނީސް ގެއަށް އަންހެންކުދިން ގެންނަން ފަށައިފިއެވެ. 

އޭނާ ހީކުރީ އަޅުގަނޑު ޒުވާބުނުކޮށް ގައަށް ބޮލަށް ނާރައި ހުންނަނީ ހިތެއް ނެތީމައި ކަމަށެވެ. އަދި އަޅުގަނޑަކީ ފަޤީރު ޢާއިލާއެއްގެ އަންހެނަކަށްވުމުން އޭނާގެ ތަނަވަސްކަމަށް ފުދިގެން ހުންނަނީހެންނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އަޅުގަނޑު ދިއައީ އިސްތިޚާރާކުރަމުންނެވެ. ވަކިވުމުގެ ވަޤުތު އަދި ނުޖެހޭ ކަމަށް ޤަބޫލުކުރެވޭތީ މަޑުންހުރީއެވެ. 

އެހިތްދަތިކަމުގައި 2 އަހަރު ހޭދަކުރީމެވެ. ކޮންފަދަ ބޮޑު ހިތްދަތިކަމެއްގައިތޯއެވެ. ހިލޭ އަންހެނުން ގެނެސް ގޭގެ ކޮޓަރިއަކަށް ވައްދަނީ އަޅުގަނޑު ކުރިމަތީގައެވެ. އަޅުގަނޑަށް ބަލައިލެވިއްޖެނަމަ ބުނާނީ ބައިވެރިވާން ބޭނުންނަމަ އަންނާށެވެ. 

ކެތްތެރިވާން އަޅުގަނޑަށް ހިތްވަރުލިބެނީ ﷲ ގެ ހަޟްރަތުންނެވެ. ކުރާ އަޅުކަމާއި ދުޢާއިންނެވެ. އަޅުގަނޑުގެ ޢަޒުމަކަށް ހަދައިގެން ހުރީ ހިތްދަތިވާތީ ވަކިނުވުމަށެވެ. އިސްތިޚާރާއިން މަގެއް ފެންނަންދެން ކެތްތެރިވުމަށެވެ. 

ކައިވެނީގެ 3 ވަނަ އަހަރު ވަރިވީމެވެ. އެއީ ވަރިވުމުގެ ވަގުތު ޖެހިއްޖެކަމަށް ވިސްނުމުންނެވެ. އިތުރު އެއްވެސް ވާހަކައެއްވެސް ނުދައްކަމެވެ. އެދުނީ ހަމައެކަނި ވަރިކޮށްދިނުމަށެވެ. ނަޞީބަކުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ. ވަރިކޮށްދިނުމުން އެނބުރި މައިންބަފައިންގެ ގާތަށް ދިއައީއެވެ. އެއީ މީގެ 4 އަހަރު ކުރިއެވެ. 

ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތްފުޅުން އަޅުގަނޑަށް މާގިނަ ދުވަހަކު އެކަނި ހުންނާކަށް ނުޖެހުނެވެ. އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގެ ވެރިމީހާގެ އަނބިމީހާ ކުއްލި ގޮތަކަށް ނިޔާވުމުން ކުޑަދުވަސްކޮޅަކު އެކަނި ހުރެފައި އޭނާ ބޭނުންވީ އަޅުގަނޑާއި ކައިވެނިކުރާށެވެ. އޭނާ އަޅުގަނޑަށްވުރެ ދޮށީ 7 އަހަރެވެ. އެކަމަކަށް ނުބަލަމެވެ. އޭނާގެ އަޚްލާޤާއި ތަޤްވާވެރިކަން ޔަޤީންކުރެވޭތީ އެއްބަސްވެ ކައިވެނިކުރީއެވެ. 

އޭނާވީ އަޅުގަނޑަށާއި އަޅުގަނޑުގެ މައިންބަފައިންނަށްވެސް ވަރަށް ހެޔޮ މީހަކަށެވެ. ހަނީމޫނަށްވެސް ދިއައީ އަޅުގަނޑާއި އޭނާ އާއި ދެމީހުންގެ މައިންބަފައިން ގޮވައިގެން ޢުމުރާއަކަށެވެ. 

ނިންމާލަމުން ދަންނަވާލަން އޮތީ ކުރީގެ ފިރިމީހާގެ ވާހަކައެވެ. ގޮތް ނުއެނގޭ ބައްޔެއްގައި އިންޑިއާގައި ފަޤީރުންނަށް ހިލޭ ބޭސްކޮށްދޭ ހޮސްޕިޓަލެއްގައި އަހަރުދުވަސްވަންދެން އެކަނި އޮތުމަށްފަހު މިހާރުވަނީ ނިޔާވެފައެވެ. ނުސީދާކޮށް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު އޭނާ ނިޔާވީ އެއިޑްސްބަލީގައެވެ. ދަރަނި ބޮޑުވެ ސަލާމަތް ނުވެވިގެން ދުނިޔޭގައި ހުރެ އޭނާ ވަނީ އޭނާގެ މަންމަގެ ގެއިން ލިބުނު ބިންކޮޅާއި ހިންގި 2 ފިހާރަވެސް ވިއްކާލައިފައެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. ފިރިމީހާ އެގޮތަށް އުޅެން ފެށިފަހުން އަޅުގަނޑާއިއެކު ރެއެއް ނުކުރެއެވެ. ފުރަތަމަކޮޅު އަޅުގަނޑަށް އުނދަގޫތަކެއްވިއެވެ. ނަމަވެސް ފަހުން ހޭނިއްޖެއެވެ. އޭނާ ހިތުން އެގޮތަށް ކަންތައްކުރީ އަޅުގަނޑު ދެރަކޮށް ހިތުގައި ޖައްސުވަންކަމަށްވެދާނެއެވެ. ނޫންނަމަ ފުދޭވަރަށް ޒިނޭކުރާތީ އަޅުގަނޑުގެ ކިބައިން ބޭނުންނުވަނީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އަޅުގަނޑާއިއެކު އެއްވެސް ގުޅުމެއް ނުހިންގިކަން ވެގެންދިއައީ އަޅުގަނދަށް ލެއްވެވި ވަރަށް ބޮޑު ރަޙަމަތަކަށެވެ. ނޫންނަމަ އަޅުގަނޑަށްވެސް ޖެހުނީހީ ހަމަ އެބަލީގައި ދުނިޔެ ދޫކުރަން ނޫންތޯއެވެ؟ 

ނިޔާވެފައިވާ މީހަކަށް ބުރަބަސްތަކެއް އެހާގިނައިން ބުނާކަށް ނެތީމެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ލިބުނު އަނިޔާގެ ކުޑަމިންވަރެކެވެ. ޢިބްރަތަށްޓަކާ ކޮންމެހެން ކިޔައިދޭންޖެހޭ މިންވަރަށެވެ. އަޅުގަނޑުގެ އެދުމަކީ އަނބިމީހާ ފަޤީރުވި ނަމަވެސް ފަޤީރު މީހާވެސް އުފެއްދެވީ ﷲ ކަމާއި އޭނާގެވެސް ހިތެއް އޮންނާނެކަން ޤަބޫލުކުރުމެވެ. ތަނަވަސްކަން ދެއްވަވަނީ ﷲ ކަމާއި އެފައިސާ ޚަރަދުކުރާ ގޮތް ﷲ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރަން ބުނެލުމެވެ.

 

- ޒަހުރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން