ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ.
މިކަމާގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވާ މަޝްރޫއެއްގެ މުގާބިލުގައި ރަށްރަށާއި ބިންބިމާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބޭނެ ކަމަށްވެސް އެ ވުޒާރާ އިން ވިދާޅުވިއެވެ.