ބައިވެރިޔާގެ އެއްވެސް ކުށެއް ނެތްއިރުގައިވެސް މަހެއްހައި ދުވަހުން ފޫހިވާން ކައިވެނިކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޚާއްޞަކޮށް ބަލިވެ އިން އަންހެނަކު، އަޅިލާނެ މީހަކު ނެތި، ވަންނާނެ ތަނެއް ނެތި އެންމެ ކުޑަމިނުން ވިހައި ގަދަނުވަނީސް ވަރިކޮށް ގެއިން ނެރަލަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟
ހިތާމައަކީ މިފަދަ ނިކަމެތި ޙާލަތު ގިނަ ބައަކަށް ކުރިމަތިވާކަމެކެވެ. ތިރީގައިވާ ވާހަކައިން ލިބިލައްވާނެ އެންމެ މުހިންމު ފިލާވަޅަކީ ކޮންމެ ޙާލެއް ޖެހުނަސް ﷲ ތަޢާލާއަށް އިޚްލާޞްތެރި އަޅުންނަށް ހެޔޮ ރަޙްމަތް ލައްވަވާނެކަމެވެ. ދުޢާކޮށް ވާގިއެދެންވީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ވަކީލްކުރާ އަޅުން މާޔޫސް ނުކުރައްވަވާނެ ކަމެވެ.
އަޅުގަނޑުވެސް ކައިވެނިކުރީ މީހަކު ދެކެ ލޯބިވެގެން އަހަރެއްހައި ދުވަހު އުޅުމަށްފަހުގައެވެ. ވަރަށް ގިނަ ވައުދުތައް ދެމީހުންވެސް ވެފައެވެ. ވަރަށް ފޮނި އުންމީދުތަކާއިވެސް އެކުގައެވެ.
ކައިވެނީގެ ދެވަނައަހަރު ފެށުނުތަނާ އެއްރޭ ކުއްލިކަމެއްގައި އޮފީހަށް ނުކުންނަން ޖެހިގެން ނުކުމެފައި އެނބުރި އައުދެވުނު ވަގުތަކީ ފިރިމީހާ. ލޯބިވެރިއަކު ގެއަށް ވައްދައިގެން ގެންގުޅެފައި ދެމީހުން ބައްދައި ދޮންދެމުން ގެއިން ނުކުންނަން އައިވަގުތެވެ.
އެވަގުތަކު އެއްޗެއް ނުބުނަމެވެ. ނަމަވެސް އަންހެންމީހާ ދިއުމުން ބުނީމެވެ. "މިރޭ މިފެނުނީ ދުވަހަކުވެސް ފެނިދާނެ ކަމަށް އުންމީދުކުރި މަންޒަރެއް ނޫނެވެ. އަހަރެން ކިތަންމެ ދެރަނަމަވެސް މައިންބަފައިން މަރުވެ އެކަނިވެ ނިކަމެތިވެފައިހުރިނަމަވެސް ވަންނާނެ ގެއެއް ނެތްނަމަވެސް ދެއަންތބަށް ކައިވެނިކޮށްގެން އުޅޭކަށް ބޭނުމެއް ނޫނެވެ. އެއީ ކުރިން ބުނެނުލައި ތިއަގޮތަށް ކަންތައްކުރީތީއެވެ. ބުނެލިނަމަ ފުދިގެން ހުރީމުހެވެ. ދެން ރަނގަޅީ އަހަރެންނާއިއެކު ކުރިން އުޅުނު ގޮތަށް ލޯބިން ވަފާތެރިކަމާއިއެކު ނުއުޅެވޭނެ ނަމަ ވަރިކޮށްދިނުމެވެ."
އެއިރު ބަލިވެ އިނދެ ބަނޑަށް 6 މަހެވެ. އެހެންކަމާއިއެކުގައިވެސް ފިރިމީހާގެ ޖަވާބު އެނގިލައްވާތޯއެވެ؟ "ކައިވެންޏަށް މަހެއްހައި ދުވަސްވީފަހުން އަހަރެން ކަލޭދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ކަލޭ ދެކެ ލޯބިވެވޭނެ ކަމަކަށް ޤަބޫލެއްވެސް ނުކުރަމެވެ. ވީމާ ތިއައިނީ ވަރިކޮށްފައެވެ. ނުކުމެގެންގޮސް ވަންނާނެ ތަނެއް ހޯދައިގެން އަވަހަށް ނުކުމެގެންދާށެވެ. ގޭގައި ހުރިއްޔާ މިރޭ ތިއަ ފެނުނު މަންޒަރު މާދަންރޭވެސް ފެންނާނެއެވެ."
އަޅުގަނޑު ﷲ އަށް ހަމްދުކުރީމެވެ. އެއީ ގިނަ ދަރިންތަކެއް ނުލިބެނީސް ފިރިމީހާގެ ޙަޤީޤަތް ލޮލަށް ދެއްކެވީތީއެވެ. އަދި ދުވަސްވެ ގައިބާރު ނުދަނީސް ދެވަނަ ދިރިއުޅުމެއް ފަށަން މަގުފަހިވީތީއެވެ. އެހެންވެ ފިރިމީހާ ޢާއި އެއްވެސް ޝަކުވާއެއް ނުކޮށް ފޮށްޓަށް އެއްޗެތިއަޅަންފެށީމެވެ.
އެއްޗެތި އަޅައި ނިމުމުން ވުޟޫކޮށްލައި 2 ރަކްޢަތް ނަމާދެއްކުރީމެވެ. ސަޖިދައިގައި އޮވެ ހެޔޮގޮތެއް މިންވަރުކުރެއްވެވުން އެދިދުޢާކުރީމެވެ. ނަމާދު ނިމިގެންވެސް ދުޢާކުރީމެވެ.
ފޮށި ސިޑިންބާލަންޖެހުނީވެސް އަމިއްލައަށެވެ. ފޮށި ހިފައިގެން ހިނގައިގަތީ ދާނެ ވަކިތަނެއް ހިތުގައި އޮވެގެނެއް ނޫނެވެ. ކޮންމެވެސް ތަނަކަށް ދިއުމުގެ އުންމީދުގައެވެ. ފޮށިދަމަމުން ދާންޖެހުމުން ވަރަށް އަވަހަށް ވަރުބަލިވިއެވެ. އެހެންވެ މަޖީދީ މަގުން އޯޑިއޯން ކުރިމަތީ ސަރަހައްދުން ޕޭވްމަންޓްގައި މަޑުކޮށްލީމެވެ.
އެވަގުތު ކާރެއް އައިސް މަޑުކޮށްލާފައި ބިއްލޫރި ތިރިކޮށްލުމުން ބަލައިލިއިރު ބޮސްގެ އަނބިމީހާ އެވެ. މެޑަމް ސުވާލުކުރުމުން އަޅުގަނޑަށް ޖަވާބެއް ނުދެވުނެވެ. ރޮވުނީއެވެ. މެޑަމް ކާރުން ފައިބައި ފޮށި އަމިއްލައަށް ގެންގޮސް ޑިކީއަށް އަރުވާފައި އަޅުގަނޑު ގޮވައިގެން ދިއައީ އެމީހުންގެ ގެއަށެވެ.
ސުވާލުކުރުމުން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނުމުން މެޑަމް ފޯނެއްކޮށްފައި ބުނާއަޑު އިވުނެވެ. "އާންޓީ! ވަރަށް އަވަހަށް މިގެއަށް އާދެވިދާނެތަ؟-- އާނ އަވަސްކޮށްލާތި!" ބުނެފައި ބޭއްވީއެވެ.
އިރުކޮޅަކުން ބޮޑު ދައިތަ އައުމުން އަޅުގަނޑު ދައްކާފައި އަޅުގަނޑުގެ ވާހަކަތައް ކިޔައިދީފައި ބުންޏެވެ. "ރަޝީދާ ގެންގޮސް ތިގޭގެ ކޮޓަރިއެއްގައި ބައިންދާށެވެ! ރަޝީދާގެ ކަންކަން ބަލަހައްޓާނީ އަހަރެންނެވެ. އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދޭށެވެ. ރަޝީދާއަކީ ފިރިމީހާއަށް މަސައްކަތްކޮށްދޭ ވަރަށް ހީވާގި މުވައްޒިފެކެވެ. މައެއް ބަފައެއް ނެތް އެކަނިވެރިއެކެވެ. މާބަނޑު އަންހެނެކެވެ. މިފަދަގޮތަކަށް ޙާލެއްގައި ޖެހުމުން އެހީތެރިވުމަކީ އަހަރެމެންކުރަންޖެހޭނެ ކަމެކެވެ."
އެހެންބުނެފައި ކޮންމެވެސް ވަރަކަށް ބޮޑުދައިތައަށް ފައިސާދިންތަންވެސް ފެނުނެވެ. އަދި އަޅުގަނޑަށް ފައިސާދޭން އުޅުމުން އެކައުންޓުގައި މުސާރައިން ބައެއް އަދި އެބަހުރިކަމަށް ބުނުމުންވެސް ބުނީ "އަހަރެމެންދެމަފިރިންގެ ބެލެނިވެރިކަމުގެދަށުގައި ހުންނަންވާނީ އުޚުތެއްގެ ގޮތުގައެވެ. މުސާރަ ބަހައްޓާށެވެ. މިފައިސާއިން ޚަރަދުކުރާށެވެ. މިއީ އިޚްލާޞްތެރި މުވައްޒިފެއްގެ އިތުރުން، މާބަނޑު އަންހެނަކަށް އަހަރެމެން ދެމަފިރިން ކުރާ ޞަދަޤާތެކެވެ."
ބޮޑުދައިތަގެ ދެމަފިރިންނަކީ ވަރަށް ހެޔޮބައެކެވެ. އެހެންވެ ދެރަވެ އެކަނިވެފައި އިންނާކަށް ވަގުތެއް ނުދެއެވެ. އެދެމަފިރިންގެ ފިރިހެންދަރިފުޅުގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އެގޭގައި ހުރެއެވެ. ބައްޕަހުރީ ކިޔަވަން މެލޭސިޔާގައެވެ. ކުއްޖާގެ މަންމަ ވަނީ ވަރިވެގެން ގޮސްފައެވެ. އޮފީހުން އައުމަށްފަހު އެކުއްޖާ ގޮވައިގެން އުޅޭތީ ފޫހިވާނެ ވަގުތެއްވެސް ނުވެއެވެ.
ވިހައިގެން ލީވްގައި ހުއްޓާ އެމީހުންގެ ފިރިހެން ދަރިފުޅު އަތުވެއްޖެއެވެ. އެއިރު އޭނާގެ ދަރިފުޅު އަޅުގަނޑަށް ކިޔަނީ މަންމައެވެ. ކުއްޖާ އޭނާގެ ބައްޕައަށް އަޅުގަނޑު ތަޢާރަފްކޮށްދިނީވެސް މަންމަގެ ގޮތުގައެވެ.
އޭނާ އައިތާ މަހެއްހައި ދުވަސްފަހެވެ. ބޮސް އާއި މެޑަމް އަޅުގަނޑުގެ ދަރިފުޅު ދެކެލުމަށާއި ބޮޑުދައިތަމެންނާ ބައްދަލުކުރަން އައި ރެއެކެވެ. ކައިނިމިގެން ސިޓިންގރޫމްގައި ތިބެފައި އެކަކު އަނެކަކަށް ސަމާސާކުރަމުން ކުއްޖާގެ ބައްޕަ ބުންޏެވެ. "ޕެންޑިންގ މައްސަލައެއް އެބަ އޮތެވެ. އެއީ ޒުހޫގެ މަންމަ މިގޭގައި އުޅޭކަމަށް ޒުހޫ އެބަބުނެއެވެ. އެހެންވެ ޒުހޫ ހޯދި މަންމަ ޒުހޫގެ މަންމަ ކަމަށް ހެދުމުގެ މައްސަލައެވެ. ދޯ ޒުހޫ-" އެހެން ބުނާ އިރަށް ޒުހޫ އައިސް އަޅުގަނޑުގެ އުނގަށް ވަދެއްޖެއެވެ. އެންމެންވެސް އެކަމަށް ތާއިދުކޮށް ހޭންފެށިއެވެ.
މެޑަމް ބުންޏެވެ. "ޒުހޫ ހޯދި މަންމަ ޒުހޫދެކެ ލޯބިވާވަރަށް ޒުހޫގެ މަންމަގެ ކުޑަދަރިފުޅު ދެކެ ޒުހޫގެ ބައްޕަވެސް ލޯބިވާންޖެހޭނެ. އިންޞާފުވެރިވާނީ އޭރުން!"
އިތުރަށް އެވާހަކައެއް ނުދައްކައެވެ. ލޯބިވެގެން އުޅޭކަށްވެސް ނުހަދައެވެ. އަނެއް ދުވަހު ހަވީރު ރަންކިޔުއްވަން މީހުން ގެނެސްފިއެވެ. ހަފްތާއެއްފަހުން ކައިވެނިކޮށްފިއެވެ. އެކައިވެނީގައި މިހާރު 11 އަހަރުވީއެވެ. ﷲ އިރާދަފުޅާއިއެކު ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ހަމައެކަނި ފިރިމީހާގެއެއް ނޫނެވެ. މުޅި ޢާއިލާގެވެސް ލޯބި ލިބިގެންނެވެ. ފިރިމީހާއަށް ބޮސް މިހާރުވަނީ އޭނާގެ ވިޔަފާރިން ޙިއްޞާއެއްވެސް ދީފައެވެ. ދެމަފިރިންވެސް މަސައްކަތްމިކުރަނީ އެކުގައެވެ. ތަނުގެ 2 ވެރިންގެ ގޮތުގައެވެ.
ދެން ކުރީގެ ފިރިމީހާގެ ވާހަކަވެސް ބުނެލަންވާނެތާއެވެ! އަޑުއިވޭގޮތުން ދިރިއުޅެން ނުއެނގުމުން ދަރަނިވެރިވެ މައިންބަފައިންގެ ކިބައިން ވާރުތަވީ ބިންކޮޅުވެސް ވިއްކާލާފައި ގޮސް މިހާރު އުޅެނީ އައްޑޫގައެވެ. އައްޑޫންވެސް 3 އަންހެނަކާ ކައިވެނިކޮށްފި ވާހަކައާއި އެންމެފަހުން ކައިވެނިކުރީ އޭނާއަށްވުރެ 10 އަހަރު ދޮށީ އަންހެނަކާ ކަމަށް އަޑުއިވެއެވެ. އެކަމަކު މިހާރުވެސް ހުރީ އަންތބަކު ނެތިކަމަށްވެސް އަޑުއިވެއެވެ.
އަޅުގަނޑު މާގިނަ ވާހަކަތަކެއް ބުނާކަށް ނެތީމެވެ. އަނބިމީހާ މާބަނޑުހާލުގައި ބާކީކޮށް ވަރިކޮށްލާފައި ނެރެ އެއްލައިލާ ފިރިހެނުންނަށް ޢިބްރަތަކަށް ފުދޭނެކަމަށް ހީކުރަމެވެ. ﷲ ގެ މަގުގައި ތިބިނަމަ މާބަނޑު އަންހެނުން ނިކަމެތި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ
މާބަނޑު ޙާލުގައި އޭނާ މަގުމައްޗަށް ދެމައިން އެއްލާލުންވީ އަޅުގަނޑަށް ލެއްވެވި ބޮޑުވެގެންވާ ރަޙްމަތަކަށެވެ. އަދި ކީއްހެއްޔެވެ؟ އަޅުގަނޑަށް ދެއްކެވީ އަނިޔާވެރިންނަށް އާދޭސްކޮށް ސަލާންޖހުމުގެ ބަދަލުގައި ކޮންމެ ޙާލަތެއްގައިވެސް ﷲ އަށް ދުޢާކޮށް އާދޭސްކުރުމުގައި ހުރި ފައިދާއެވެ. އަޅުގަނޑު އޭނާއަށް އާދޭހެއް ނުކުރަމެވެ. ދުޢާކޮށް ވަކީލްކޮށްފައި މަގުމައްޗަށް ނުކުތީ ހާދަ ނިކަމެތިކަން ބޮޑު ޙާލުގައެވެ. ނަމަވެސް ވަގުތުން ކަންކަން ހިންމަވައިދެއްވެވި ގޮތް ނިކަން ދެކިބަލާށެވެ!
- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް