ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އާންމު ހާލަތު ގޯސްވެފައިވީ ނަމަވެސް ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިކަމާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖެ އަށް އަނބުރާ ގެންނަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ކަމަށެވެ. އެ މީހުން ކިޔަވާ ސްކޫލުތައް ބަންދުކޮށްފައިވާތީ، އަނބުރާ ރާއްޖެ އަށް އަންނަން ބޭނުން ވެގެން ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ދަރިވަރުން ބަހުގައި ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގެ ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ބަންގްލަދޭޝްގައި ތިބި އެހެން ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިވަގުތު ބަންގްލަދޭޝްގައި ކަރފިއު އިޢުލާންކޮށްފައިވުމުން އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުންނާއި ދިވެހި ހައި ކޮމިޝަނުން ދެއްވާ އިރުޝާދާއި އެއްގޮތަށް ބޭރަށް ނުކުމެ ނޫޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހައި ކޮމިޝަނަށް ގުޅުމަށް މިބަޔާނުގައިވަނީ ޚާރިޖީ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.