ތިނަދޫ ސިޓީގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެރަށުގައި ޤާއިމްކޮށްފައިވާ ފެން ހިންދުމުގެ ނިޒާމު ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ސޮއިކުރި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ ސަޢުދު ޢަލީއެވެ.
ގދ.ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލީ ވުޒާރާ މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި މަޝްރޫޢުގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑްއެވެ.
ފެން ހިންދާ ނިޒާމެއް ތިނަދޫގައި ޤާއިމްކުރީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށްކަމަށެވެ.