ޢިބްރަތްތެރި ވާހަކަ- މަޖުބޫރުވެގެން ތުއްތުއިރު މަގުމައްޗަށް ދޫކޮށްލި ދަރިފުޅު ބޮޑުވެ ތަނަވަސްކަންލިބުނުފަހުން މަންމައާ ބައްދަލުވުން- އަސަރުން ފުރިފައިވާ ހާދިސާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
ޢިބްރަތްތެރި ވާހަކަ- މަޖުބޫރުވެގެން ތުއްތުއިރު މަގުމައްޗަށް ދޫކޮށްލި ދަރިފުޅު ބޮޑުވެ ތަނަވަސްކަންލިބުނުފަހުން މަންމައާ ބައްދަލުވުން- އަސަރުން ފުރިފައިވާ ހާދިސާއެއް!

ދަރިން ލިބި ދަރިން ބެލެން ނެތި ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ދަރިން މަގުމައްޗަށް އެއްލައިލުމަކީ ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ. އެކަން އެގޮތަށް ނުކުރަނީ މުޖުތަމަޢު ކުޑަވުމުން މަންމައަކީ ކާކުކަން ދެނެގަނެވޭނެތީކަމަށްވެދާނެއެވެ. އެހެންކަމާއިއެކުވެސް ވިހާފައި ދަރިން ކޮންމެވެސް މީހަކަށް ދިނުމުގެ ޘަޤާފަތް ރާއްޖޭގައިވެސް އެބައޮތެވެ. ސަރުކާރަށް ނަގައިގެން ބަލަންޖެހޭ ކުދިންގެ ޢަދަދުވެސް އަންނަނީ ގިނަވަމުންނެވެ. 

މިކަމަކީ މިހާރަށްވުރެ ތަންކޮޅެއް ބޮޑަށް އެކަމަށް މަސައްކަތްކޮށްގެން އެކަން ޙައްލުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. 

ދަރިން ދޫކޮށްލަން ޖެހުމަކީ ހެޔޮލަފާ މައިންނަށް ވަރަށް އަސަރުކުރާ ކަމެކެވެ. ތިރީގައި އެވަނީ އެފަދަ ޙާދިސާއެއްގެ ވަރަށް އަސަރުގަދަ ވާހަކައެކެވެ.   

ޢުމުރުން 20 އަހަރުގައި ކައިވެނިކޮށް ބަލިވެއިންތަނާ ފިރިމީހާ އޭނާ ވަރިކޮށްލާފައި ހިނގައްޖެއެވެ. ބަލިވެއިނުމުން ދިމާވި މައްސަލަތަކާއި ގުޅިގެން ވަޒީފާވެސް ގެއްލުނެވެ. އެހެންވެ ދަރިފުޅު ލިބުމުން ގެންގުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން ކުއްޖާ ޒީނަތްތެރިކޮށް ވަށިގަނޑަކަށް ލައިގެން ގެންގޮސް މަގުމަތީގައި ބެހެއްޓިއެވެ. 

ބުންޏެވެ! "ދަރިފުޅާއެވެ! ދަރިފުޅު ދޫކޮށްލާފައި މަންމަ މިދަނީ އެއްގޮތަކަށްވެސް އެކަންކުރަން ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް ދަރިފުޅެ ބެލޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. ހެޔޮލަފާ ތަނަވަސް ދެމަފިރިއަކު ދަރިފުޅު ބެލުމަށް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ. އަބަދުވެސް ދަރިފުޅަށްޓަކައި ދުޢާކުރާނަމެވެ. މަންމައަށް ތަނަވަސްކަމެއް ލިބުނު ދުވަހަކުން ދަރިފުޅާއި ބައްދަލުކޮށް ލޯބިދޭނަމެވެ. އިން ޝާ ﷲ" 

އޭނާ އުޅުނީ ރަނގަޅު ދެމަފިރިއަކު ކުއްޖާ ނަގާތަން ބަލަން ތަންކޮޅެއް ދުރުގައި ހުންނާށެވެ. އެހެންވެ އެހެން ބުނެފައި ހިނގައިގަތްތަނާހެން ދެމަފިރިއަކަށް ކުއްޖާ ފެނިގެން އޭނާ ހުއްޓުވައިފިއެވެ. ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެމީހުން އޭނާ އާއި އިތުރަށް ސުވާލުކުރަން ފެށުމުން ނަން ބުނެފައި ދުވެފިލީއެވެ. އެދެމަފިރިން އެކުއްޖާ ނަގައިގެން ގެންދިއައެވެ. އަމިއްލަ ދަރިއަކު ފަދައިން ބަލައިބޮޑުކުރިއެވެ. 

ކުއްޖާގެ މަންމައަށް ވަޒީފާއެއް ލިބި ހަމަޖެހިލެވުމުން ދަރިފުޅު ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ފެންނާނެ ގޮތެއް ނުވިއެވެ. އެހެންވެ ދެމައިންނަށް ބައްދަލެއް ނުވެވުނެވެ. 

އޭނާ ދިރިއުޅެމުން އައީ އެކަންޏެވެ. އުމުރުން 50 އަހަރާއި ގާތްވެފައި ހުއްޓާ ބަލިވެއުޅެން ޖެހުމުން ވަޒީފާ ގެއްލުނެވެ. އަތްމަތިދަތިވިއެވެ. އެހެންވެ އުޅޭގޭގޭގެ ކުލިވެސް ނުދެއްކި މަސްތަކެއް ފާއިތުވުމުން ގޭގެވެރިފަރާތުން ގެ ވިއްކައިލިއެވެ. 

ގެގަނެގެން ގެއަށް ދިރިއުޅެން އައީ ޒުވާން އަންހެންކުއްޖެކެވެ. އެއިރުވެސް އޭނާ އެގޭގައި އުޅެއެވެ. ދެމީހުން ވާހަކަ ދައްކާލާފައި ނުކުމެގެންދާނެ ތަނެއް އެބަހުރިތޯ ސުވާލުކުރުމުން ބުނީ ދާނެ ތަނެއް ނެތްކަމަށެވެ. މަހެއްހައި ދުވަހު ގޭގައި ބަހައްޓައިފިނަމަ ދާނެތަނެއް ހޯދިދާނެތޯ ސުވާލުކުރުމުން ބުނީ ނުހޯދޭނެކަމަށާއި ބޭނުންވަނީ މަގުމަތީގައި އުޅެން މިހާރުން މިހާރަށް ގެއިން ނުކުންނަން ކަމަށެވެ. 

އެކުއްޖާއަށް އޭނާ ނެރެލާކަށް ނުކެރުނެވެ. ބުނީ ގޭގައި މަޑުކުރުމަށެވެ. ކިތަންމެ ގިނަ ދުވަހަކު ގޭގައި ހުރިނަމަވެސް މައްސަލައެއް ނެތްކަމަށެވެ. އެހެން ބުނުމުން އަންހެން މީހާ އެކަން ޤަބޫލުކޮށް ދެއަންހެނުން އެކުގައި ގޭގައި އުޅެން ފެށިއެވެ. އެކުއްޖާ އަންހެން މީހާއަށް އެހީތެރިވެދެއެވެ. ކާންދެއެވެ. ބޭނުންތައް ފުއްދައިވެސް ދެއެވެ. 

އެގޮތަށް އުޅުމުގެ ތެރޭގައި އަންހެން މީހާ އެކުއްޖާގެ މައިންބަފައިންނަކީ ކޮންބައެއްތޯ ސުވާލުކުރުމުން ނަންބުނުމުން އަންހެން މީހާގެ މޫނަށް ގޮތްތަކެއްވިއެވެ. އަދި އެއީ ހަމަ ކަލޭގެ މައިންބަފައިންތޯ ސުވާލުކުރުމުން ބުނީ ނޫން ކަމަށެވެ. "އަހަރެންގެ މަންމަ އަހަރެން ވަރަށް ކުޑައިރު މަގުމައްޗަށް އެއްލައިލީމާ ހޮވި ދެމީހުން އެއީ."   

"އެއްލައިލި މަންމަ އަކީ ކާކުކަން އެނގޭތޯ؟" ސުވާލުކުރުމުން ބުނީ އެއީ ވަރަށް ނުބައި އަންހެނެއް ކަމަށާއި ދުވަހަކުވެސް ލޮލަށްވެސް ފެނިފައިނުވާކަމަށެވެ. އެގޮތަށް ބުނުމުން އަންހެންމީހާއަށް ވަރަށް އަސަރުކުރިއެވެ. އެއީ މަންމައަކީ ވަރަށް ނުބައި އަންހެނެއްކަމަށް ބުނުމުންނެވެ. 

"މަންމަގެ ފޮޓޯއެއް އެބައޮތްތޯ؟" ސުވާލުކުރުމުން ކުއްޖާ ފޯނު ހާވާލާފައި ދިއައީ ސިއްސައިގެންނެވެ. އަންހެން މީހާ އާއި މަންމަގެ ފޮޓޯ އާއި ވައްތަރުކަމުންނެވެ. ފޮޓޯ ދައްކައިލިއެވެ. އެފޮޓޯއަކީ ކުއްޖާ އެއްލައިލި ވަގުތު ފެނުނު ދެމަފިރިން ނަގާފައިވާ އޭނާގެ ފޮޓޯއެކެވެ. 

އެހިސާބުން މިއީ ދަރިފުޅުކަން ޔަޤީންކުރެވުމުން އޭނާއަކީ އެނުބައި މަންމަކަމަށް އެއްބަސްވިއެވެ. އަދި ކަންކަން ހިނގައިދިއަގޮތް ކިޔައިދިނެވެ. އެގޮތަށް ކަންތައް ކުރަންޖެހުނީ އެހެންގޮތެއް ނެތުމުން ކަމާއި ވަޒީފާއެއް ލިބުމުން ދަރިފުޅު ހޯދަން މަސައްކަތްކުރިކަމަށްވެސް ބުންޏެވެ.

ދެން އައީ އެންމެ އަސަރުގަދަ ވަގުތުކޮޅެވެ. ދެމައިން އޮޅުލައިގަތެވެ. ރޯން ފެށިއެވެ. އެކަކު އަނެކަކަށް ބޮސްދޭން ފެށިއެވެ. ދަރިފުޅު ހަމަވަގުތުން މަންމައަށް މާފުވެސްކުރިއެވެ. "ބުންޏެވެ. ބައްޕަ ނިޔާވިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމަންމަ ދުނިޔޭގައި އެބައިނެވެ. 2 މަންމަ ލިބުނީއެވެ."

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ވާހަކައިން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ފުރަތަމަ ކަމަކީ މަންމަ ދަރިފުޅު މަގުމައްޗަށް ދޫކޮށްލި ޙާލަތަށް ބަލައިފިނަމަ އެކަމަކީ ކޮށްގެންވާނެ ކަމެއް ނޫންނަމަވެސް އެއީ އެއުމުރުގައި އެފަދަ ޙާލެއްގައި ޖެހިއްޖެނަމަ ކުރެވިދާނެ ކަމެކެވެ. 

އެންމެ ބޮޑުކަމަކީ ދެމައިންނަށް ފަހުން ބައްދަލުވެވުން އެދި އޭނާ ކުރި ދުޢާ ޢިޖާބަކުރެއްވެވިކަމެވެ. އެކަން އެގޮތަށް މިންވަރުކުރެއްވެވި ސަބަބަކީ ވަޒީފާ ލިބުމުން ދަރިފުޅު ހޯދަން މަސައްކަތްކުރިކަމެވެ. ހަމަ އެގޮތަށް ބަލާއިރު އޭނާ ދަރިފުޅު ދޫކޮށްލީ ފިރިހެނުން ހޯދަން ދުވުން ފަދަ ނުބައި ނިޔަތެއްގައިނަމަ އޭނާއަށް ފިރިއަކުވެސް ލިބުނީސްކަމަށް ޤަބޫލުކުރެވޭތީއެވެ. 

ވީމާ މިވާހަކައަކީ އަޅުގަނޑަށް ވަރަށް ގިނަ ފިލާވަޅު ލިބުނު ވާހަކައަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. އަޅުގަނޑަށް ބޮޑަށް ކުށްވެރިކުރެވުނީ ބަލިވެ އިނުމުން އެއްލާލާފައި ދިއަ ފިރިމީހާއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ އެކުއްޖާއަށް އެޙާލުގައި ޖެހުނީ ބައްޕަ އެގޮތަށް ކަންތައް ކުރުމުން ކަމަށެވެ. ކިތަންމެ ގިނައިން މިފަދަ ވާހަކަތައް ލިޔުނަސް އެފަދަ ބައްޕައިންނަށް އެއްވެސް އަސަރެއް ނުކުރާނެކަންވެސް އެނގެއެވެ. 

އަޅުގަނޑަކީވެސް އަހަރު ދެކޮޅު ދެދަރިން ވިހޭތަނުން ވަރިކޮށް އެއްލާލާފައި ދިއުމުން ވަރަށް ނިކަމެތިޙާލުގައި އުޅެންޖެހުނު އަންހެނެކެވެ. 2 ދަރިން މީހަކަށް ނުދެވުނީ ހަމަ ކިރިޔާއެވެ. 2 ދަރިންނަށްޓަކައި ޤުރްބާންވީތީ މިއަދު މިއުޅެނީ އެކުދިންގެ އެހީތެރިކަމުގައި ވަރަށް އުފފަލކުގައެވެ. އިން ޝާ ﷲ   

- ޙަރީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން