ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ތަނަވަސްކަން އަތުލައިގަންނަން ނުބައި ބޭސްތައް ކާންދެމުންދިއަ އަނބިމީހާ ބާކީވެ ގޭގަ ގެންގުޅު ނޯކަރު ކުއްޖާއަށް ހުރިހާ އުފާތަކެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ތަނަވަސްކަން އަތުލައިގަންނަން ނުބައި ބޭސްތައް ކާންދެމުންދިއަ އަނބިމީހާ ބާކީވެ ގޭގަ ގެންގުޅު ނޯކަރު ކުއްޖާއަށް ހުރިހާ އުފާތަކެއް ލިބުނު ގޮތުގެ ވާހަކަ-

ހެޔޮލަފާ ތަނަވަސް ބައިވެރިއަކާއި ކައިވެނިކުރެވި އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދުމީހަކަށެވެ. ހިތާމައަކީ އެމަދުމީހުންގެ ތެރޭގައި ތިމާ ހިމެނުމުންވެސް ޝުކުރުވެރިވާން ނުއެނގޭ މީހުން ތިބޭކަމެވެ. އަމިއްލަ އެދުން ނަގައި ކޮނޑަށް ލައިގެން އުޅެން ބޭނުންވާ މީހުން ގިނަވާ ކަމެވެ. ތިރީގައިވާ ވާހަކައަކީ އެފަދަ މީހުންނަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އިން ޝާ ﷲ 

އޭނާއަކީ ޒުވާނެއް ނަމަވެސް އެންމެ ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކައިވެނިކޮށްގެން 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ދަރިއަކު ހޯދަން ވަރަށް މަސައްކަތްކުރެވުނެވެ. ބޭސްފަރުވާވެސް ކުރެވުނެވެ.  

ކަންތައް ދިމާވިގޮތުން ހިތުގެ މައްސަލަތައް ފެށިއްޖެއެވެ. ހަކުރުމައްޗަށްދާން ފަށައިފިއެވެ. ވަރުބަލިވާވަރުން ގިނައިރު އޮށޯވެ އޮންނަން ޖެހިއްޖެއެވެ. އެކަން އޭނާގެ އަނބިމީހާއަށްވީ ވަރަށް ބޮޑުކަމަކަށެވެ. ދުވަސްކޮޅަކުން ފޫހިވެ ގިނަ ވަގުތު ގެއިން ބޭރުގައި އުޅެންފަށައިފިއެވެ.  

އޭނާއަށް ގަޑިންގަޑިއަށް ބޭސްކާންދިނުމާއި އެހެންވެސް ޚިދުމަތްކޮށްދިނުމަކީ ގޭގައި ގެންގުޅޭ ނޯކަރު އަންހެން މީހާއަށް ކޮށްދޭންޖެހޭ ކަމަކަށްވިއެވެ. ކަންކަން ކުރަންވާގޮތް ކިޔައިދީފައި އަނބިމިހާ ނުކުމެގެންދަނީއެވެ. އެކަމުގެ ސަބަބުން ފިރިމީހާ އާއި ނޯކަރު އަންހެންކުއްޖާއާއި ދެމީހުން ވާހަކަދައްކާނެ ވަގުތު އިތުރުވަމުން އައެވެ.  

ނޯކަރު އަންހެންކުއްޖާވީ ވިޔަފާރީގެދާއިރާއިން މާސްޓަރސްހަދައިގެންހުރި ކުއްޖަކަށެވެ. އެކަން އެނގުމުން އެހައިމޮޅަށް ކިޔަވާފައި ގެއެއްގެ ނޯކަރަކަށް އުޅެންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ޖަވާބުގައި ކިޔައިދިނެވެ. "ވަރަށް ގިނަ ތަންތަނަށް ސިޓީލީމެވެ. ނަމަވެސް ފަޤީރުވީމާ ވަޒީފާއެއްދޭނެ މީހަކު ނުވީއެވެ. ލިބުނީ މިވަޒީފާއެވެ. މިއީ މިންވަރުފުޅުކަމަށްބަލައި މިހުރީ ޝުކުރުކޮށްގެންނެވެ."  

އަންހެންކުއްޖާގެ ފެންވަރުބެލުމުގެ ގޮތުން އޮފީހުގެ ވަރަށް ބޮޑެތި މަސައްކަތްތައްވެސް އޭނާއާއި ހަވާލުކުރަމުން ގެންދިއައެވެ. އެމަސައްކަތްތައް އޭނާ ވަރަށް ފުރިހަމައަށް ކުރެއެވެ. ބައެއް ފަހަރު ކުންފުންޏަށް ބޮޑެތި ގެއްލުންތައް ލިބޭނެ ގޮތަށް ހުންނަ ރިޕޯޓްތަކުން އެކަންކަން ފާހަގަކޮށް ބޮސްއަށް ދައްކައިދެއެވެ. އެކަންކަމުގެ ފައިދާވެސް ކުންފުންޏަށް ކުރެއެވެ. މިކަންކަން ހިނގަމުން އަންނަކަން އަނބިމީހާއަކަށް ނުއެނގެއެވެ.  

ދުވަސްކޮޅަކުން ހަކުރުމަތިވެ ލޯއަނދިރިވާން ފެށިއެވެ. އަނބިމީހާ އޭނާ ގޮވައިގެން ޑޮކްޓަރަށްވެސް ދެއެވެ. އެންމެ މަޝްހޫރު ޑޮކްޓަރުންގެ ގާތަށްވެސް ގެންދެއެވެ. ނަމަވެސް ރަނގަޅެއް ނުވެއެވެ. ދެލޯ އައީ މަޑުމަޑުން ފުސްވަމުންނެވެ. ފުސްވަމުން އައިސް ލިޔެފައި ހުންނަ އެއްޗެތި ނުކިޔޭވަރަށް އަނދިރިވިއެވެ.   

އެޙާލުގައި އުޅެނިކޮށް އަނބިމީހާ ލިޔުމެއް ގެނެސް އޭގައި ސޮއިކޮށްދޭން އެދުނެވެ. އަދި ބުނީ އެއީ އޭނާ އެހެންމީހަކާއި ކައިވެނިކޮށްގެން ލިބިފައި ހުންނަ ދަރިފުޅުގެ ޔުނިވަރސިޓީ ބަދަލުކުރުމާއި ބެހޭ ލިޔުމެއް ކަމަށެވެ. ފިރިމީހާ ބުނީ ފަހުން ސޮއިކުރާނެ ކަމަށެވެ.  

އަނބިމީހާ ގޭގައި ނެތްވަގުތުގައި ނޯކަރުކުއްޖާއަށް އެލިޔުން ދައްކާފައި ސޮއިކުރަންވީތަން ދައްކަން ބުނުމުން ލިޔުން ބަލާފައި މިއީ ކޮންލިޔުމެއްތޯ ސުވާލުކުރުމުން އަނބިމީހާ ބުނިގޮތަށް ފިރިމީހާ ބުންޏެވެ. އަންހެންކުއްޖާ ބުނީ މިއީ އެފަދަ ލިޔުމެއް ނޫންކަމަށާއި މިއީ ފިރިމީހާގެ ތަނަވަސްކަން އަނބިމީހާއަށް ބަދަލުކުރުމުގެ ލިޔުމެއް ކަމަށެވެ.  

ނުވެސްދެނެހުރިކަމަށް ހެދިގެންހުރެ އަނެއްދުވަހު ހެނދުނު ޤާނޫނީ ވަކީލް ގެނެސް އެލިޔުން ދައްކަން އުޅެން ފެށުމުން ފިރިމީހާއަށް ލިޔުމުގެ ޙަޤީޤަތް އެނގިއްޖެކަން އެނގި މާފަށްއެދި ވަރަށް އާދޭސްކުރިއެވެ. އެހިސާބުން އަނބިމީހާ ވަރިކޮށް ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމަން ވަކީލުގާތު ބުންޏެވެ.  

އަނބިމިހާ ގެއިން ފޮނުވާލުމުން އޭނާގެ ހުރިހާ ކަންކަން ބަލަހައްޓަން ނޯކަރު އަންހެންކުއްޖާއަށް ޖެހުނެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމުގެ ކަންކަންވެސް އެކުއްޖާ ކުރަންފެށިއެވެ. އެހިސާބުން އޭނާގެ ބަލިތަކަށް ޝިފާލިބެންފެށިއެވެ. ލޮލަށްވެސް ފެންނަން ފެށިއެވެ. އަދި ކުރިން ހައްތާވެސް ބަލި ބޮޑުވަމުން މިއައީ ރަނގަޅު ނަންނަމުގައި ލޭބަލްކުރުވާފައިވާ ނުބައިބޭސްތަކެއް ކާންދިނުމުން ކަމާއި އެކަންކަން ކުރީ އޭނާގެ ފައިސާވެރިކަމުގެ ދަހިވެތިކަމުގައިކަންވެސް އެނގުނެވެ.  

ނަތީޖާއަކަށްވީ އޭނާގެ ތަނަވަސްކަމުން ދެބައިކުޅަ އެއްބައި އެކުއްޖާއަށް ދިނުމެވެ. އެއީ އޭނާގެ ލޮލާއި ފުރާނަ ސަލާމަތްވާން މެދުވެރިވި ސަބަބަކީ އެކުއްޖާކަމަށްވުމެވެ. އަދި ދެމީހުން  ކައިވެނިވެސް ކުރުމެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ބައެއް ކުދިކުދި ބަދަލުތަކާއިއެކު މިވާހަކައިގެ މައްޗަށް ހަދާފައިވާ 3 ފިލްމުވެސް ބެލީމެވެ. ވީމާ މިއީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ އަނބިންވެސް ފިރިންވެސް މިއަދު ފައިސާގެ ދަހިވެތިކަމުގައި ނުކުރާނެ އެއްވެސް ކަމެއް ނެތްކަމެވެ. އަނެކާގެ ފުރާނަ ދުއްވާލާފައިވެސް ތަނަވަސްކަން ބޭނުންވާ ކަމެވެ.  

ދެވަނަ ކަމަކީ ކިޔެވިނަމަވެސް ނުފޫޒެއްނެތިއްޔާ ރަނގަޅު ވަޒީފާއެއްވެސް މިއަދު ނުލިބޭކަމެވެ. ހަމައެއާއިއެކު ކިތަންމެ ދަށުދަރަޖައިގެ މަސައްކަތެއް ކުރަން ލިބުނު ނަމަވެސް މަސައްކަތުގައި ތެދުވެރިވެއްޖެނަމަ ރަޙްމަތްލައްވަވާނެ ކަމެވެ. އިޚްލާޞްތެރިކަމާއިއެކު ﷲ އަސް ވަކީލްކުރާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. ވީމާ މިވާހައަކީ ވަރަށް ގިނަ ޢިބްރަތްތައް ލިބިގެންދާ ވާހަކައަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކޮށްލީއެވެ.

 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން