ރާއްޖޭގައި ވިއްކާ ތަޣައްޔަރު ވެފައިވާ މާމުއި ޕެކެޓެއް މަނާކޮށްފިއެވެ.
މިކަމާގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޑޮކްޓަރީ ބޭހުން ތަޣައްޔަރު ވެފައިވާ މާމުޔެއް ވިއްކަމުން ދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށާއި އެގޮތުން ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމެރިކާގެ އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަ ކޮށްފައިވާ މިމާމުޔަމީ މީގެ ކުރިން 2022 ވަނަ އަހަރުވެސް މިކަން ފާހަގަކުރެވި ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ނަމަވެސް އެފަދަ މާމުއި ޕެކެޓް އަދިވެސް ރާއްޖޭގައި ވިއްކާ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.
"ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެކެވެ. ވީމާ، މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ." ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.