ސަރުކާރުން ފުރަތަމަ ފަހަރަށް ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ އެތެރެކޮށް މިއަދުން ފެށިގެން ވިއްކަން ފަށައިފިއެވެ.
މިކަމާގުޅިގެން ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި އެމްއެފްޑީއޭ އަދި އެސްޓީއޯ ގުޅިގެން ނެރުނު ބަޔާނެއްގައިބުނެފައިވަނީ ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށާއި އެކަން ކަށަވަ ރުކުރަން، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ސަރުކާރުން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓަކީ ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫޠލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔާކޮށް ރާއްޖެއަށް ގެނައުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހައްލެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެންނާނީ ޔޫރަޕްގެ ގައުމުތަކުގައު ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ކަމަށާއި އޭރުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެންމެ ފެންވަރު ރަނގަޅު ބޭސް ހަރަދު ކުޑަކޮށް ލިބިގެންދާނެ ކަމަށެވެ. ބޭހުގެ އަގު ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ބޭހުގެ ވިޔަފާރީގެ ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި އާންމު ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ޖާގަލިބިގެންދާނެ ކަމަށެވެ.
މިބަދަލުތައް ތަންފީޒު ކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާގެ ތެރޭގައި ޑޮކްޓަރުން ބޭސް ލިޔާ ގޮތް ބަދަލުކުރާނެ އެވެ. އެ ބަދަލުތަކުގެ މައުލޫމާތު ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީ، އެ ބަދަލަށް އަހުލުވެރިވާން އިތުރު ވަގުތު ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އެ ހުރިހާ ބަދަލަކަށް އަމަލީ ސިފަ ގެނެވޭނެ ކަމަށް ބުންޏެވެ.
ތަންފީޒުކުރާ މި ސިޔާސަތާ އެކު، އާސަންދަ ނިޒާމު ހިމެނޭހެން ގުޅުން ހުރި ހުރިހާ ކަމަކަށް ބަދަލުތައް ގެންނަން ފަށާނެ އެވެ. ބޭހަށް އާސަންދައިން ކަނޑައަޅާފައިވާ އަސާސީ އަގަށް ބަދަލު ގެނައުން އަދި އެ އަގަށް ވުރެ ބޮޑުވާ ނަމަ އަމިއްލަ ޖީބުން ބާކީ ބައި ދެއްކުމަކީ ދެ ވަނަ މަރުހަލާގައި ކުރަން ފަށާނެ ކަމެކެވެ.
ރާއްޖެއަށް މިހާރު ބޭސް ގެންނަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ނިސްބަތަށްވުރެ 15 ގުނަ އަދި މި ސަރަހައްދަށް ވުރެ 70 ގުނަ ބޮޑު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން، ސަރުކާރުން މިކަން ހަމަޖެއްސެވީ ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ބޭސްގަނެގެން ރާއްޖެ ގެންނަގޮތަށެވެ. މިއާއެކު ބޭސް އުފެއްދުމުގެ މަރުޙަލާއިން ފެށިގެން ބަލިމީހާގެ އަތަށް ބޭސް ލިބުމާހަމައަށް ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ދިވެހިސަރުކާރުން ކަށަވަރުކުރާނެއެވެ.