ރާއްޖެއިން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖެއިން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދީފި

"ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ރާއްޖެއިން ޗައިނާ އަށް ދީފިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރައްވާފައެވެ. ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޒަމީރުވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިމަޝްވަރާތަކުގައި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ.

 

މިއަދު އޮންލައިން