ލޯތްބަކީ ވަރަށް ބޮޑު ޤުރްބާނީއެކެވެ. އެއްވެސް ޙާލެއްގައި އެއީ އަމިއްލަ އުފާކަމަށް ދެކެގެން ނުވާނެއެވެ. ކިތަންމެ ލޯބިން ކުރާ ކައިވެނިވސް ރޫޅައިލަން ޖެހިއްޖެނަމަ ރޫޅައިލުމަކީ މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ އަނެކާ ދެރަކޮށް ނިކަމެތިކޮށް ނުލުމެވެ. އަނެކާއަށް ހެޔޮކޮށް ހިތުމެވެ. އޭނާގެ އަގު ވަޒަންކުރުމެވެ.
ދެން ބުނެލަން އޮތީ އަލަށްވެސް ނުވަތަ ދެއަންތބަށް ނަމަވެސް ސިއްރުން ކައިވެނިނުކުރާށެވެ. އަންގަންޖެހޭނެ މީހުންނަށް އަންގައިގެން ފައުޅުގައި ކައިވެނިކުރާށެވެ. ކައިވެނީގެ ވަލީމާ ބާއްވައި އެކަން އިޢުލާންކުރާށެވެ. ތިރީގައިވާ ހަކައިން އެނެގެނީ ކޮންމެ ފަދަ ސަބަބެއް އޮތަސް އެކަންކަން ނުކުރުމުން ޖެހޭ މައްސަލަތައް ގިނަވާކަމެވެ.
ތިރީގައިވާ ވާހަކައަކީ ހެޔޮލަފާ ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ޢަމަލުކޮށްފިނަމަ ފައިޑާކުރާނެއެވެ. އިން ޝާ ﷲ
އަޅުގަނޑަކީ އެއިރު އެހާ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވިޔަފާރިކުރަމެވެ. އަނބިމީހާއަކީ ކުޑަކޮށް ޒީލަ ގަދަ އަންހެނެކެވެ. ނަމަވެސް ހަމަ ވަރަށް "ބަރާބަރު" އަންހެނެކެވެ. ކައިވެންޏަށް ދެ ދަރިންވެސް ވަނީ ލިބިފައެވެ.
އެހެންކަމާއިއެކުގައިވެސް އަޅުގަނޑަށްވެސް ޅަކުދިންނަށް ހިތްކިޔާބަލި ޖެހިފައި ހުރުމުން ބައްދަލުވި ޒުވާން އަނހެންކުއްޖަކާއި، އަނބިމީހާއަށް ސިއްރުން ދެއަންތބަށް ކައިވެނިކުރީމެވެ. ކައިވެނިކޮށްފައިވެސް އަނބިމީހާއަށް އެނގިދާނެތީ ސިއްރުކުރަންވެގެން، އެކުއްޖާ ކިޔަވާށާއިއެކު ބެހެއްޓީވެސް ލަންކާގައެވެ.
ދުވަސްކޮޅެއްވީތަނާ ކޮންމެވެސް ގޮތަކުން ދޮށީ އަނބިމީހާއަށް އެކަން އެނގިއްޖެއެވެ. އެނގުމާއިއެކު ޒީލަގަދަކުރަން ފަށައިފިއެވެ. ބުއްރާސް ކުކުޅެއްހެން އެނބުރި ބޮލުގައި ކޮށަން ފަށައިފިއެވެ. ދުވަސްކޮޅަކުން ބަލިވާން ފަށައިފިއެވެ.
އެހިސާބަށް ދިއުމުން ހިތަކަށް ކެތެއް ނުވިއެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫންނަމަވެސް ދަރިންނާއި އޭނާއަށްޓަކައި ހަގު އަނބިވަރިކުރީމެވެ. ނަމަވެސް ދެރައެއް ނުދޭންވެގެން އޭނާ ހަދަމުންދިއަ ކޯސް ފުރިހަމަކުރަންދެން ޚަރަދުކުރީމެވެ. ޚަރަދުކުރުން ހުއްޓައިލީ ކިޔަވައި ނިމިގެން މާލެ އައިސް ވަޒީފާއަކަށްވަދެ މުސާރަލިބެން ފެށިފަހުންނެވެ.
ދެން މިދަންނަވަނީ އަޅުގަނޑުގެ މިއަދުގެ ދިރިއުޅުމެވެ. އެއިރު އުޅުނީ އަނބިމީހާގެ ގޭގައެވެ. ވިޔަފާރި ކުރިއަރައި މިހާރު ވަނީ 2 ގޯތި ގަނެ އަނބިމީހާގެ ބިމުގައާއި 2 ގޯތީގައި މިހާރުގެ ފެންވަރަށް އުސްކޮށް ގެއެޅިފައެވެ. އަޅުގަނޑުގެ ކުންފުންޏަކީ ރާއްޖޭގައި އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. ކުންފުނީގެ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒިފުންނާއިއެކު 130 މުވައްޒިފުން އެބަތިއްބެވެ. ވިޔަފާރި ހިންގުމުގައި އަމަލީގޮތުން އިސްކޮށް ޙަރަކާތްތެރިވަނީ ދަރިންނެވެ. އަޅުގަނޑަށް އޮންނަ ކަމަކީ މީޓިންތަކަށް ގޮސް ކަންކަން ކުރަން ފެންނަ ގޮތް ކިޔައިދިނުމެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަށް ލިބުނު ބޮޑު ކާމިޔާބީގެ ސިއްރަކީ އަނބިމީހާ ހިތުގައި ޖެހިގެން ހުންނަން ދޫކޮށްނުލައި ދަރިންނާއި އަނބިމީހާއަށްޓަކައި އޭނާ އެދޭގޮތަށް ދީލައިލެވުނު ކަމެވެ. އެކަމާ އޭނާވީ އުފަލުން ކުރި ހެޔޮދުޢާއެވެ.
ހަމައެއާއިއެކު ދެވަނަ އަނބިމީހާ ވަރިކުރަންޖެހުމުން ވަރިކުރިނަމަވެސް އޭނާއަށް ހެޔޮކޮށްހިތައި ކަންތައްތައް ކޮށްދިނީތީއެވެ. އެކަމުގެ ސަބަބުން އޭނާގެ ހެޔޮދުޢާވެސް ލިބުނީތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޒުވާން އުމުރުގައި އަންނަ ޖަޒުބާތުގައި ޖެހެވިގެން ރަނގަޅު ނޫން ގޮތުގައި ކަމެއް ކުރެވުނު ނަމަވެސް ދަރިންގެ މަންމަގެ ހިތުގައި ނުޖައްސާށެވެ. އޭނާއަށް ދެރަގޮތެއް ނުހަދާށެވެ. އެކަންވެގެންދާނީ ދަރިންނަށް ދެވޭ އަނިޔާއަކަށެވެ. ނިކަމެތި ކަމަކަށެވެ.
އަދި ދެވަނަ އަނބިމީހާގެ ކުށެއްނެތި ވަރިކުރަންޖެހިއްޖެނަމަ އޭނާއަށްވެސް ހެޔޮކޮށްހިތާށެވެ. އަޅުގަނޑު ވަރިކުރީ ދުވަހަކުވެސް ވަރިކުރަން ހިތުގައިލައިގެން ކައިވެނިކުރި ކުއްޖެއް ނޫނެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ވަރިކުރަން ޖެހުނީއެވެ. ވަރިކުރީ 2 މީހުންގެ މެދުގައި މަޝްވަރާކޮށް އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތުގައެވެ. އެހެންވެ މަހުން މަހަށް މިހާރު ޚަރަދު ނުކުރިނަމަވެސް މިހާރުވެސް ޙާލުބަލަމެވެ. އެހީތެރިވަމެވެ. އޭނާގެ ފިރިމީހާ އާއިވެސް ގުޅުން ބާއްވަމެވެ. ކަމަކު ބޭނުންވިޔަސް އަޅުގަނޑަށް ގުޅާނީވެސް ފިރިމީހާއެވެ.
މިކިޔައިދިނީ އަޅުގަނޑުގެ ހަޔާތުގައި ކަންކަން ދިމާވިގޮތެވެ. ކުރެވުނު ކުށާއި ކުށްކުރެވުމުން ދެން އަމަލުކުރި ގޮތެވެ. އެކަމުން ކުރި ފައިދާއެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް ހީކުރަމެވެ.
- ވަލީދު / މިއަދުނޫހުގެ ކިޔުންތެރިއެއް