ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުގެ ޗެއަރމަން ވޫ ފުލިންއާ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޗެއަރމަން ވޫ ފުލިންއާ ބައްދަލުކުރައްވާފައިވަނީ މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިޤްތިޞާދީ އަދި މާލީ މަޢުލޫމާތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިޞްލާހުގެ ސިޔާސަތުތައް ވަޒީރު ވަނީ އެ ބޭންކުގެ ޗެއަރމަންއާ ހިއްސާކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށް ފައިނޭންސްކުރުމާއި، ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.