ހުޅުމާލެއިން ގޯތި ދޫކުރުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އޮޑިޓް ހެދުމަށް ފާސްކޮށްފައިވާއިރު މި އޮޑިޓް ހެދުމަށް ހުށަހެޅުއްވި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
ޚާއްސަ އޮޑިޓެއް ހެދުމަށް ހަމަދު ހުށަހެޅުއްވީ 2019 ގެ މާޗު މަހުން ފެށިގެން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.
ގޯތި ދޫކުރުމުގެ އޮޑިޓް ހުށަހަޅަނީ އެއްގޮތަކަށް ވެސް ގޯތިތައް އަނބުރާ ނެގުމަށް ނޫން ކަމަށާއި އޮޑިޓް ހަދަނީ އެޗްޑީސީއަށް ލިބިފައިވާ ގެއްލުންތައް ބަލައި ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މިފަދަ ކަންކަން ކުރާ އިރު ކުންފުނިތަކަށް މާލީ ގެއްލުން ލިބިފައިވަނީ ކިހާވަރަކަށްކަން ބަލަން ކަމަށް މެންބަރު ހަމަދު އަބްދުﷲ ވިދާޅުވިއެވެ.