މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖެއްގައިވަނީ ސޮއިކުރެވިފައެވެ.
ޗައިނާގެ ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ)ގެ ޗެއަރމަން ހިޒް އެކްސެލެންސީ ލިއޯ ޒައޯހުއިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމަށްޓަކައި ވެވުނު ފަހުމުނާމާއާއި ގުޅިގެން ތަރައްޤީގެ މަޝްރޫޢުތަކަށް ހިލޭއެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާދެއްވުމަށް ނިންމެވިކަން އެމަނިކުފާނުވަނީ އިއުލާން ކުރައްވާފައެވެ. އަދި މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާއި ގުޅިގެން މި މަޝްރޫޢު ޗައިނާއިން ދެއްވާ ހިލޭއެހީއިން ކުރިއަށް ގެންދިޔުމަށްވަނީ ކަނޑައަޅުއްވާފައެވެ.
ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖްއަށްފަހު މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާއިރު މިއީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާއެވެ.
ޚަރީޖީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސިޑްކާގެ ޗެއަރމަން ލުުއޯ ޖާއޮހުއިއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކާގުޅޭ ގޮތުން މަޝްވަރާކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިޑްކާ އާދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިބައްދަލުވުމުން ނިންމަވާލައްވަމުން، ސިޑްކާ އާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤްބަލުގައި ދެޤައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެފަރާތުން އެރުވިއެވެ.
ހަބަރު: ސަރުކާރު