ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވެފައިވަނީ މިމަހުގެ 20 އިން 24 އަށް ޗައިނާ ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޒަމީރު ވަނީ މިއީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއިބެހޭ މުހިންމު މަޝްވަރާތަކެއް ކުރެވުނުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ،

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން، މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤާއި އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ޚަރިޖީ ވަޒީރާއި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ވަފްދުން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.