ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ، ތަނަވަސް އަންތބަކު ލިބުމުންވެސް ހިފިނުހުރެވިގެން ނިކަމެތި އަންހެންކުދިން މަޅީގައި ޖައްސުވާ ފިރިހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ، ތަނަވަސް އަންތބަކު ލިބުމުންވެސް ހިފިނުހުރެވިގެން ނިކަމެތި އަންހެންކުދިން މަޅީގައި ޖައްސުވާ ފިރިހެނުންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަޅުގަނޑު މަސައްކަތްކުރަމުން އައީ މާލޭގެ ފިހާރައެއްގައެވެ. އަޅުގަނޑުގެ މަސައްކަތް ރަނގަޅުވުމުންނާއި ބުރަކޮށް މަސައްކަތްކުރާތީއާއި ފުދޭވަރަކަށް ކިޔަވައިގެންވެސް ހުރުމުން އަޅުގަނޑަށް ފިހާރައިގެ މެނޭޖަރުކަންވެސް ދިނެވެ. ވެރިމީހާ ބޭރަށްކުރާ ދަތުރުތަކުން އެނބުރި އަންނައިރު ހަދިޔާވެސް ގެނެސްދެއެވެ. ބުނެއެވެ. "މިއީ އަހަރެން ރަށުގައި ނެތިވެސް އެހައި ބުރަކޮށް މަސައްކަތްކުރާތީ ދިން ހަދިޔާއެކެވެ."

ދުވަސްކޮޅެއްފަހުން އަޅުގަނޑު ގާތު އެކި ގޮތްގޮތަށް ވާހަކަދައްކައިގެން އަޅުގަނޑުގެ ހިތްވެސް އަތުލިއެވެ. އޭނާގެ ވާހަކަތަކުގެ ރީތިކަމަށް ބުރަވެ ހިތްދެވުނީއެވެ. އަޅުގަނޑުވެސް ކައިވެންޏެއް ކުރަން ބޭނުންވެފައި ހުރުމުންނެވެ. 

ލޯބީގެ ގޮތުން ގުޅުނުތާ އަހަރުވެސްވީފަހުން އެއްރޭ ފެނުނީ އަންހެނެއްގެ ގައިގައި އޮޅުލައިގެންހުރެ އައިސް ފިހާރައަށް ވަންނަތަނެވެ. ކަންދިމާވިގޮތުން އެވަގުތު ފިހާރައިގައި ކަސްޓަމަރަކުވެސް ނެތެވެ. އަޅުގަނޑަކަށް ރުޅިގަނޑު މައިތިރިއެއް ނުކުރެވުނެވެ. "ކަލޭތީ އަހަރެމެން ދެމީހުންގެ ދޭތެރެއަށް ވަންނަން ކާކުހޭ" ކިޔާފައި ކައިރިވެ އޭނާ ދުރަށް ކޮށްޕައިވެސްލެވުނެވެ. އަދި ބުނެވުނެވެ. "އަހަރެން ދެރަވެ ފަޤީރެއްވީމާ ލޯބިވަމޭ ކިޔައި ހައްދައިގެން ތިއަ ގެންގުޅުނީ އަހަރެމެން ފަޤީރުވީމާ އަހަރެމެންގެ ހިތް އޮންނަނީ ދަގަނޑުން ކަމަށް ހީކޮށްގެންހެއްޔެވެ؟" 

އަންހެން މީހާއަށް ކަންކަން ވެގެން އުޅޭ ގޮތް ވިސްނުނެވެ. އަޅުގަނޑާއި މުޚާޠަބްކުރީ ހިނިތުންވެގެން ހުރެއެވެ. "ތިއަ ދައްކާ ވާހަކައަކީ ތެދުކަން ސާބިތުކޮށްދީބަލާށެވެ." އެހެން ބުނުމުން ވެރިމީހާ އޭނާ ގޮވައިގެން ބޭރަށް ނުކުންނަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ހަމަ ހުރި ގޮތަށް ހުރީއެވެ. އަޅުގަނޑު ފޯނުހާވަން ފެށުމުން ލޮލުން އެކަން ނުކުރަން އެތައް ފަހަރަކު އިޝާރާތް ކުރިއެވެ. ނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދެމެވެ. ދެމީހުން އެކުގައި ނަގާފައިހުރި ފޮޓޯތަކާއި ކޮށްފައި ހުރި މެސެޖުތައް ދެއްކީމެވެ. 

އެހިސާބުން އޭނާ އެދުނީ އަޅުގަނޑުގެ ފޯނު ނަންބަރަށެވެ. ފޯނު ނަމްބަރު ދިނުމުން އޭނާވެސް އަޅުގަނޑަށް އޭނާގެ ފޯނުނަމްބަރު ދިނެވެ. ދެން ބުނީ ވަގުތުން ފިހާރަ ތަޅުލުމަށެވެ. އެއިރު ފިހާރައިގައި ތިބި ކަސްޓަމަރުން ހުސްވީމާ ފިހާރަތަޅުލާފައި ތަޅުދަނޑި ހިފައިގެން ޓެކްސީއަކަށް އަރައިގެން އޭނާ ދިއައީއެވެ. ދަމުން ބުނީ އެހެން ދުވަސްދުވަހުވެސް ނުކުންނަ ގަޑިއަށް ހުރިހާ މުވައްޒިފުންވެސް މާދަމާ ހެނދުނު މަސައްކަތު ނުކުތުމަށެވެ. 

އެހިސާބުން ފިހާރައަކީ އަންހެންމީހާގެ ފިހާރައެއްކަން އެނގުނެވެ. ނަމަވެސް އެއީ ކާކުކަމެއް ނުއެނގުނެވެ. އެންމެންވެސް ގެއަށް ދިއައީއެވެ. އެންމެން ދިއައިރުވެސް އަނގައިންވެސް ނުބުނެ "ވެރިމީހާ" އެތަނުގައި ހުއްޓެވެ. 

އަޅުގަނޑު ގެއަށް ގޮސް ފެންވަރާލިތަނާ އަންހެންމީހާ އަޅުގަނޑަށް ގުޅާފައި ބުނީ އެއީ އޭނާގެ ފިރިމީހާ ކަމަށާއި ކައިވެނީގައި ދެދަރިންވެސް ލިބިފައިވާ ކަމަށެވެ. ކުރިންވެސް މިބާވަތުގެ ކަމެއްކުރިކަމަށާއި އަންހެންކުއްޖާއަށް ހެކިނުދެއްކުމުން ފިރިމީހާގެ ބަސް ޤަބޫލުކުރަންޖެހުނީ ކަމަށެވެ. ފިހާރައަކީ އޭނާގެ ބައްޕަ އޭނާއަށް ދީފައި ހުރި ފިހާރައެއް ކަމަށެވެ. 

އަޅުގަނޑު ބުނީ އަންތބަކު އިންނަ ވާހަކަ ނުވެސްބުނާކަމަށާއި ހެދިގެން އުޅުނީ އަންތބަކު ނުހުންނަކަމަށް ކަމަށެވެ. އޮޅުން އަރައި އެގޮތަށް ޢަމަލުކުރެވުނީވެސް އެހެންވެގެން ކަމަށެވެ. އަދި ކުރެވުނު ކަންކަމަށް މާފަށްވެސް އެދޭ ކަމަށެވެ. 

އަނެއްދުވަހު ފިހާރައަށް ނުކުތުމުން ހުރިހާ މުވައްޒިފުން އެއްކޮށްފައި ބުނީ ކޮންމެ މުވައްޒިފަކުވެސް ހަމަ ކުރިން ކުރިގޮތަށް މަސައްކަތްކުރުމަށެވެ. އަޅުގަނޑުގާތުގައިވެސް ބުނީ ހަމައެގޮތަށެވެ. އަދި ދެން ފިރިމީހާ ފިހާރައަށް ނުވަންނާނެ ކަމަށްވެސް ބުންޏެވެ. 

ދެތިން ދުވަސްފަހުން ބުނީ ފިރިމީހާ ގާތުން ވަރިވިކަމަށެވެ. ފިހާރައިގެ ކަންކަމާއި އުޅޭނީ އަމިއްލައަށް ކަމަށެވެ. އޭނާވީ އަޅުގަނޑަށް ހެޔޮ އަންހެނަކަށެވެ. އަޅުގަނޑުކުރާ މަސައްކަތުގެ އަގުވަޒަންކުރިއެވެ. އަޅުގަނޑާއިމެދު ވަރަށް ގާތްކޮށް ކަންކަން ކުރިއެވެ. ދުވަސްކޮޅެއްފަހުން އޭނާ ދެވަނަ ކައިވެނިކުރިއެވެ. އަޅުގަނޑަށްވެސް ވަރަށް ރަނގަޅު ފިރިއަކު ހޯދައިދިނެވެ. އަދިވެސް މިއުޅެނީ ހަމަ އޭނާގެ ވަޒީފާގައެވެ. އެކަމަކު އޮފީހުގައެވެ. މިހާރު އޭނާގެ 3 ފިހާރަވެސް އެބަހުއްޓެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މުހިންމު ފިލާވަޅަކަށްވާނެ ކަމަށް ހީކުރަމެވެ. 

އަޅުގަނޑުގެ ހިތަށް އަރާ ސުވާލެއްވެސް ކޮށްލާނަމެވެ. ހެޔޮލަފާ ތަނަވަސް އަންތބަކު ލިބުމުންވެސް ހިފިނުހުރެވިގެން ނިކަމެތި އަންހެންކުދިން މަޅީގައި ޖައްސުވަނީ ކީއްވެގެންބާވައެވެ؟ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްނުކުރަނީ ކީއްވެގެންބާވައެވެ؟

 

--ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން