ޢިބްރަތްތެރި ވާހަކަ: ތެދުވެރި ފިރިއަކަށް ޚިޔާނާތްތެރިވި އަންތބަކަށް ކުރިމަތިވި ބޮޑު ނިކަމެތިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ޢިބްރަތްތެރި ވާހަކަ: ތެދުވެރި ފިރިއަކަށް ޚިޔާނާތްތެރިވި އަންތބަކަށް ކުރިމަތިވި ބޮޑު ނިކަމެތިކަމުގެ ވާހަކަ-

ފިރިންނަށް އިތުރު މީހަކު ދެކެ ލޯބިވާނަމަ އަދި ދެއަންތބަށް ކައިވެނިކުރުމުގެ ޝަރުޠުހަމަވާނަމަ  ދެވަނަ ނުވަތަ ދެއަންތަބަށް ކައިވެނިކުރުމުގެ ފުރުޞަތު އެބައޮތެވެ. އަނބިންނަށް އޮތީ އިތުރު މީހަކުދެކެ ލޯބިވާނަމަ ވަރިވެ އެމީހަކާއި ކައިވެނިކުރުމުގެ ފުރުޞަތެވެ. މިއީ މިކަން އަހުރެމެންގެ ދީނުގައި އޮތް ގޮތެވެ. ވީމާ އެހެން ގޮތަކަށް ބަދަލެއްވެސް ނުކުރެވޭނެއެވެ.  

ދެން އޮތީ ދެމީހުންނަށްވެސް ޙަލާލު ގޮތުގައި ނުލިބޭނެ ފުރުޞަތެވެ. އެއީ ކައިވެނީގެ ބޭރުން ގުޅުން ހިންގުމުގެ ފުރުޞަތެވެ. އެއީ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ފުރުޞަތެއް ނޫނެވެ. ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގާނަމަ އެކުރެވެނީ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ.  

ފިރިމީހާ ފަޤީރުވީމާ، އަމިއްލަ ގެދޮރު ނެތީމާ އެކުގައި އުޅެން ބޭނުންނުވާނަމަ ބޭވަފާތެރިނުވެ ރިވެތި ގޮތުގައި ވަރިވުމަކީ ކުރެވެން އޮތް ކަމެކެވެ. ފިރިމީހާއަކީ ހެޔޮލަފާ މީހަކު ނަމަ އޭނާގެ ފަޤީރުކަމުން ނުވަތަ ގެދޮރު ނެތުމުން ވަރިވުމަކީ އޭނާއަށް ދެވޭނެ އަނިޔާއެކެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ތިމާ ބޭނުންވާ ފެންވަރުގެ މީހަކާއި ކައިވެނިކުރުމެވެ.  

ކޮންމެއަކަސް ރަނގަޅުގޮތް ދޫކޮށްލައި އަންތބަކަށް އިނދެ ބޭވަފާތެރިވާނަމަ ގިނަ ފަހަރު އޮންނާނީ ތިރީގައިވާ ވާހަކައިގައި މެދުވެރިވި ފަދަ ނިކަމެތި ޙާލަތެއް ކުރިމަތިވެފައެވެ. ވީމާ ތެދުވެރިކަން އިސްކުރާށެވެ.   

އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. ދިރިއުޅެނީ މާލޭގައި ކުލީ ކޮޓަރިއެއްގައެވެ. ވަޒީފާއަދާކުރަނީވެސް މާލޭގައެވެ. އަޅުގަނޑު ވިސްނަމުން އައީ ކިތަންމެ ބިރަކޮށް މަސައްކަތްކޮށްގެން ނަމަވެސް ބޯހިޔާވަހިކަމެއް ހޯދާފައި ކައިވެނިކުރުމަށެވެ.  

ނަމަވެސް ލޯބިވެރިޔާ އެކަން ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ އަވަހަށް ކައިވެނިކުރާށެވެ. ލަސްކޮށްލަން ބުނާއިރަށް އޭނާއަށް ހީވަނީ އެއީ ކައިވެނިނުކުރަންވެގެން އުޅެނީ ކަމަށެވެ. ނޫންނަމަ އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކަމަށެވެ. މިކަންތައް ބޮޑުވެ ހަދާނެ އެހެން ގޮތެއް ނެތުމުން ލޯބިވެރިޔާ ގެއްލުން ބޭނުންނުވާތީ ކައިވެނިކުރީއެވެ. އޭނާއަކީ ވެސް ރާއްޖެތެރެއަށް ނިޞްބަތްވާ ކުއްޖެކެވެ. ވީމާ ކައިވެނިކޮށްގެން ދިރިއުޅޭނެ ތަނެއް ނެތުމުން ދިރިއުޅެމުން އައީ އަޅުގަނޑު ކުއްޔަށް ހިފާފައި ހުންނަ ކޮޓަރީގައެވެ.  

ކައިވެންޏަށް 3 އަހަރުވީއިރު އަޅުގަނޑުގެ އެކައުންޓަށްވަނީ ފުދޭވަރެއްގެ ޢަދަދެއް ޖަމާކުރެވިފައެވެ. ނަމަވެސް ފްލެޓެއް ގަނެވޭ ވަރަށް ހަމައެއް ނުވެއެވެ. އެހެންވެ މަސައްކަތްކުރާ ކުންފުނިން އެހީތެރިކަމެއް ހޯދުމުގެ ބޭނުމުގައި އައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ބުރަކޮށް މަސައްކަތްކުރާނަމަ މަޤާމުގެ ކުރިއެރުންވެސް ލިބޭނެތީއާއި އަދި ލޯނަކަށް ނަމަވެސް ފައިސާކޮޅެއްވެސް ދީފާނެކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭތީއެވެ.  

ކޮންމެއަކަސް ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޕްރަމޯޝަންވެސް ލިބުނެވެ. މަދުވާ ފައިސާކޮޅުވެސް މުސާރައިން އުނިކުރާގޮތަށް ލިބުނެވެ. ފްލެޓް ގަތީމެވެ. ފްލެޓަށް ބޭނުންވާ ފަރުނީޗަރު ވައްދައި ހަމަކުރެވުނުރޭ ނިދަން އެއިރު ދިރިއުޅެމުންއައި ކޮތަރިއަށް ދިއުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ތަނަވަސް މީހަކާއިއެކު އަނބިމީހާ އުޅެނީ ކޮޓަރީގައެވެ. ދެމީހުންގެ ފޭރާންހުރިގޮތުން ކަންތައްތަކެއް ހިނގައިފިކަން އެނގުނެވެ.  

އަނބިމީހާ އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ. "މިއަށްވުރެ ރަނގަޅު ގޮތަކަށް ދިރިއުލެވޭތޯ ވަރަށް ހިތްވަރުކޮށްފީމެވެ. ކަލޭގެ މަސައްކަތްބުރަވެގެން ގެއަށް ނާދެވުން ނޫން ކަމެއް ނުވިއެވެ. ކުރާ މަސައްކަތުން ވީކަމެއް ނުފެނުނެވެ. އެންމެ ކުޑަމިނުން ރަނގަޅު ފެންވަރުގެ ތަނަކަށް ދިރިއުޅުން ވެސް ބަދަލެއް ނުކުރެވުނެވެ. ވީމާ އަހަރެން ގޮވައިގެން ތަނަވަހުގައި އުޅެވޭނެ މީހަކު މިހޯދީއެވެ. އަވަހަށް ވަރިކުރާށެވެ."  

ވަރިއަށް އެދުމުން ވަރިކޮށްދިނީމެވެ. އަދި އަވަހަށް އޭނާއާއިއެކު ނުކުމެގެންދާން ބުނީމެވެ. އެކަމަކު އެމީހާ ބުނީ އޭނާގެ ވަރަށް ރުޅިގަދަ، ޝައްކުބަލި ވަރަށް ބޮޑު އަންތބަކު އިންނަ ކަމަށާއި ގެއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ކުއްޔަށް ތަނެއް ހިފާފައިވެސް ނުބެއިންދޭނެ ކަމަށެވެ. އަޅުގަނޑު ބުނީ ތިއަ ކަންކަމަކީ އަޅުގަނޑާއިބެހޭ ކަމެއް ނޫންކަމަށެވެ.  

އެމީހާ ނުކުމެގެން ދާން އުޅެން ފެށުމުން އަނބިމީހާ ބުންޏެވެ. "އެކަމަކު އަހަރެން ވަރިކޮށްފިނަމަ އިންނާނެ ތަނެއް ދައްކައި ހުރިހާ ޚަރަދެއް ކުރާނެކަމަށް ކުރިން ބުނީމެއް ނޫން ހެއްޔެވެ؟" އޭނާ ބުންޏެވެ. "މިހިރަ މޮޔަ އަންހެނާއެވެ. ތިއަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކަލޭގެ އަލަތު ފިރިމީހާއަށް ތެދުވެރިނުވެފައި އަހަރެންނަށް ތެދުވެރިވާނެ ކަމަށް ޤަބޫލުކޮށްފިއްޔާ އަހަރެންވާނީ މޮޔައަކަށް ނޫން ހެއްޔެވެ؟ މިހާރުވެސް ވަރަށް ގިނަ ފައިސާ ޚަރަދުކުރެވިއްޖެއެވެ. މިހިސާބުން މިނިންމައިލީއެވެ." އެހެންބުނެފައި އޭނާ ނުކުމެގެން ދިއައީއެވެ.  

އަނބިމީހާ ރޯންފަށައިފިއެވެ. ދާނެ ތަނެއް ނެތްކަމަށް ބުނެ ކުރެވުނު ކުށަށް މާފަށް އެދެން ފަށައިފިއެވެ. އޭނާ ދެއްކި ވާހަކަތަކަށް ޖަވާބެއް ނުދެމެވެ. އަޅުގަނޑުގެ އަންނައުނުކޮޅާއި ބޭނުންކުރާ އެތިކޮޅު ފޮށްޓަށް އަޅައިގެން ނުކުތީއެވެ. ނުކުންނަމުން ބުނީމެވެ. "އަހަރެން މިދަނީ އަހަރެންކުރި ބުރަމަސައްކަތުން ހުޅުމާލެއިން ގަތް ފްލެޓަށެވެ. އަހަރެން މިއައީ އެތަނަށް ފަރުނީޗަރު ވައްދައި ނިންމާފައި ކަލޭބަލައެވެ. އެކަމަކު ދާން މިޖެހުނީ އެކަންޏެވެ. އަހަރެންގެ ޢިއްދައިގައި އިންނަންޖެހޭ 3 މަސްވަންދެން މިކޮޓަރީގެ ކުލިދައްކައިދޭނަމެވެ. ޢިއްދަހަމަވާއިރަށް އެހެންގޮތެއް ހޯދާށެވެ. ދެންވެސް ތައުބާވެ، ހަށިނުވިއްކައި ރަނގަޅު ބައިވެރިއަކު ހޯދޭތޯ މަސައްކަތްކުރިއްޔާ ﷲ ރަނގަޅު މަތެއްވެސް މިންވަރުކުރައްވަވައިފާނެއެވެ. އިން ޝާ ﷲ." 

އެހެން ބުނެފައި ނުކުމެގެންދިއައީއެވެ. އަޅުގަނޑުގެ ފްލެޓް ހޯދައިގެން އެކިރޭ މަތިން އައިސް ވަރަށް އާދޭސްކުރިއެވެ. އެކަން ހުއްޓުނީ ދެވަނަ ކައިވެނިކޮށް އަނބިމީހާ ފްލެޓަށް ގެނައުމުންނެވެ. އެހިސާބުން ދެން ނުދެކެމެވެ. ވީގޮތެއްވެސް ނުއެނގެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ގޯސް ފިރިންވެސް ތިބޭނެއެވެ. ނަމަވެސް ހުރިހާ ކައިވެނިތަކެއް ރޫޅެނީ ހަމައެކަނި ފިރިންގެ ސަބަބަކުން ނޫނެވެ. އަޅުގަނޑަށް ކުރިމަތިވި ޙާލަތު އެތައް ފިރިއަކަށް މެދުވެރިވާކަންވެސް ޤަބޫލުކުރާށެވެ.

 

- ޢަލީ ނަޢީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން