މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނަން: މިނިސްޓަރ އަމީން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނާނަން: މިނިސްޓަރ އަމީން

މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"މާލެ ފަހި" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ އޮޓޯމޮބައިލް ވިޔަފާރިއަކީ އެހެން ވިޔަފާރިއެކޭ އެއްފަދައިން ރަޖިސްޓަރކޮށްގެން ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރާ މަސައްކަތަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށެވެ.

"ކުރިއަށް އޮތްތަނުގައި އޮޓޯމޮބައިލްސް ވިޔަފާރިއަކީވެސް އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރެގިއުލޭޓްކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެ. މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނެވޭނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ އަމީން ވިދާޅުވީ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް މީގެ ކުރިން އުޅަނދުތައް ރަޖިސްޓްރީ ކޮށްދިނުމުގެ ސަބަބުން އާދަޔާ ހިލާފަށް މާލެ ސަރަހައްދަށް އުޅަނދުތައް ގިނަވެފައިވާކަމަށާއި އެކަމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ހާލަތު އާންމު ދިރިއުޅުމަށް ދަތިވާ ހާލަތަކަށްވަނީ ގޮސްފައިކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީއިންވަނީ ރެޖިސްޓްރީކުރުމަށް ހުށައަޅާ އަޅަނދުތަކުގެ ރަޖިސްޓްރޭޝަން ޕްރޮސެސްކުރުމުގެ ކުރިން ޤާނޫނުގައިވާ ގޮތުގެ މަތިން ގަރާޖުގެ ޞައްހަކަމާއި އަދި ކޮންސެންޓް ވެރިފިކޭޝަން ފުރިހަމަ ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިކަމަށެވެ.

އެހެންކަމުން ގެނެވިފައިވާ ބަދަލާއިއެކު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރަމުން އައިސްފައިވާ އުޅަނަދުތަކުގެ އަަދަދުތައްވަނީ ބޮޑުތަނުން ދަށް ކުރެވިފައިކަމަށާއި 2023 ވަނަ އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަހައްދަށް ރެޖިސްޓްރީކޮށްފައިވާއިރު މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި އަދަދު 76 އިންސައްތައިން ދަށް ކުރެވިފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

 

މިއަދު އޮންލައިން