ވަޒީފާއަދާކުރާ ކުދިން ވިސްނާލުން މުހިންމު!: ބޮސްދޭ ފައިސާއަށާ އަގުބޮޑު ހަދިޔާއަށް ދަހިވެތިވާނަމަ ބޮސް ދެން ދޭ ހަދިޔާއިން 2 ދުނިޔެވެސް ގެއްލިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ވަޒީފާއަދާކުރާ ކުދިން ވިސްނާލުން މުހިންމު!: ބޮސްދޭ ފައިސާއަށާ އަގުބޮޑު ހަދިޔާއަށް ދަހިވެތިވާނަމަ ބޮސް ދެން ދޭ ހަދިޔާއިން 2 ދުނިޔެވެސް ގެއްލިދާނެ!

ވަޒީފާއަދާކުރަ ކުދިންކަމަށް މިބުނަނީ ހުރިހާ ކުދިންވެސް މިކަމަށް ސަމާލުކަންދޭންޖެހޭނެތީއެވެ. މިހާރުވެސް ސަމާލުކަންދީގެން ވަރަށް ރަނގަޅަށް އުޅޭ ކުދިންވެސް ބައިވަރެވެ. ނަމަވެސް "ސައިޑްކަޓް" ޖައްސާ ކުދިން މަދުކަމަށް ބުނެވޭކަށްވެސް ނެތެވެ. ކުރިމަތިވާ މައްސަލަތައް ގިނަކަމުންނެވެ.  

ވަށައިގެން ޖަހާ ދަންތުރައަށް ވިސްނާނުލެވިއްޖެނަމަ މަޅީގައި ޖެހެވުން އޮންނާނީ ދާދިގާތުގައެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ޝުކުރުވެރިނުވާ، ބިރުވެތިނުވާ މީހުންނަކީ އެމީހުން ބޭނުންވާ ކަންކަން ޙާޞިލްކުރަން ކިތަންމެ ބޮޑު ހޭދައެއްވެސް ކޮށްފާނެ ބައެކެވެ. އޮތީ ހޭލުންތެރިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ނޫންނަމަ ދިމާވާ ކަންކަމުގެ ސަބަބުން މުޅި ޢުމުރަށް ހިތާމަކުރަންޖެހެނީވެސް މަދަކުން ނޫނެވެ.  

ތިރީގައި އެވަނީ އެފަދަ 2 ޙާދިސާއެއްގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އޭނާއަކީ ވަރަށް ރީތި ކުއްޖެކެވެ. އެހެންވެ ވަޒީފާއެއް ހޯދުމަކީ މާއުނދަގޫކަމަކަށް ނުވިއެވެ. ވަޒީފާއަކަށް އެދި ދެތިން ތަނަކަށް ސިޓީލީތަނާ ވަޒީފާލިބިއްޖެއެވެ. ވަޒީފާގައި ދުވަސްކޮޅެއްވީތަނާ ވެރިމީހާ އޭނާއަށް ސަމާލުކަންދޭން ފަށައިފިއެވެ. އަގުބޮޑު ހަދިޔާތަކުގެ އިތުރުން ފައިސާ ދެމުންގޮސް އޭނާ ގަނެލައިފިއެވެ.  

ގަނެލުމަށްފަހު ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކުރާނެ ކަމަށްބުނެ ލޯބީގެ ގުޅުން ހިންގަނަފަށައިފިއެވެ. އެގުޅުމުގެ ތެރެއިން ލަސްތަކެއް ނުވެ އަންހެންކުއްޖާ ބަލިވެއިނދެއްޖެއެވެ.  

އަންހެންކުއްޖާއަށް އެދެރަ ލިބުމުން ވެރިމީހާގެ ޖަވާބަކަށްވީ "ކައިވެނިކުރެވޭކަށް ނެތް! އަހަރެންގެ އަންތބަކާ 3 ދަރިން އެބަތިބި. އަނބިމީހާ ނުރުހޭނެ 2 އަންތބަށް ކައިވެނިކުރާކަށް."  

އަންހެންކުއްޖާ ވަރަށް ދެރަވެފައި ލޯބިވަމޭ ކިޔައިގެން ދެއްކިވާހަކަތަކާއި ކައިވެނިކުރަންވީ ވަޢުދު މިހާރު ހަނދާންނެތީތޯ ސުވާލުކުރުމުން ވެރިމީހާގެ ޖަވާބަކަށްވީ "ތިއައީ އަނގައިން ދެއްކި ވާހަކަ، އަހަރެންގެ އަތުން ކަލެއަށްކުރި ޚަރަދުތައް ކޮބާ؟ ކަލޭ ބޭނުންވީ ފައިސާ! ބޭނުންވެގެން ބުނިވަރަކަށް އޮންނާނީ ފައިސާދީފަ! މައްސަލައަކީ ކޮބާ؟" ތޯއެވެ.  

އެވަރުން ފުއްދައިލީއެއް ނޫނެވެ. ދެމީހުން ސައްލާކޮށްފައި އޮފީހުގައި މަސައްކަތްކުރާ އެންމެ އިޚްލާޞްތެރި މުވައްޒިފުދެކެ ލޯބިވާކަމަށް ހެދިގެން އޭނާ އާއި އަވަސްއަވަހަށް ކައިވެނިވެސްކުރީއެވެ.  

ކައިވެންޏަށް މަހެއްވީތަނާ އިނީ ބަލިވެކަމަށްބުނެ ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓްގެ ނަތީޖާއިން އެނގުނީ ކައިވެންޏަށް މަހެއްވީނަމަވެސް ބަނޑަށް 3 މަސްވެއްޖެކަމެވެ. އެކަން އެނގުނީ ފިރިމީހާގެ ދައްތައަކީ ޑޮކްޓަރަކަށްވެފައި މަލިވެއިނދެގެން ކައިވެނީގެ ކުރިން އޭނާއަށް ދައްކާފައިވާތީ އެވެ. ސިއްރުކުރި ރިޕޯޓް ދައްތަ ފަޅާއަރުވާލުމުންނެވެ.  

މިއީ އަޅުގަނޑު ބެލި ފިލްމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިވާހަކަ މިގެނައީ އަޅުގަނޑާއި އެއް އޮފީހެއްގައި މަސައްކަތްކުރި އަންހެން ކުއްޖަކަށް ހަމަ މިބާވަތުގެ ކަމެއް މިދިއަ މޭމަސްތެރޭގައި ހިނގާފައިވާތީއެވެ. ވެރިމީހާ އަންހެންކުއްޖާއަށް ހުތްލައިދީގެން ހަމަ އެގޮތަށް ފިރިހެން މުވައްޒިފެއްގެ ބޮލުގައި ދަރިފުޅު އަޅުވަން މަސައްކަތްކުރިއެވެ. ނަމަވެސް އަންހެންކުއްޖާއަށް އެކަން އެގޮތަށްކުރަން ނުކެރުނީއެވެ. އޭނާ ބޭނުންވީ ދުނިޔޭގައި ފަޟީޙަތްވި ނަމަވެސް ކުރެވުނު ފާފަތަކުގެ ޒިންމާ ދުނިޔޭގައިވެސް އުފުލާށެވެ. ކުރެވުނު ފާފަތަކުގެ މައްޗަށް އިތުރަށް މާބޮޑެތި ފާފަތަކެއް ނުކުރާށެވެ. އެހެންވެ އޭނާ ވަޒީފާ ދޫކޮށްލާފައި ފުރައިގެންގޮސްވީ ރަށުގައެވެ.  

މިމައްސަލައަކީ ރާއްޖޭގައި ހަމަ ވަރަށް ޢާންމު މައްސަލައެކެވެ. ވެރިމީހާ ހަމަ އުފަލުގައި އެއިނީއެވެ. އަންހެންކުއްޖާގެ އަގުވެއްޓި ބަދުނާމުވީއެވެ. ނަމަވެސް ބުނެވޭނެ އެއްޗެއް ނެތެވެ. ފައިސާ ޢާއި އަގުބޮޑު ހަދިޔާގެ ދަހިވެތިކަމުގައި ވެރިމީހާގެ މަޅީގައި އަމިއްލައަށް ޖެހުނީއެވެ. އެކަން އޭނާ ޤަބޫލުކުރެއެވެ. ތައުބާވެސް ވެއްޖެއެވެ.  

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އަބަދުހެން މިބާވަތުގެ ކަންކަން ކުރިމަތިވަމުން އަންނައިރު ފައިސާއާއި އަގުބޮޑު ހަދިޔާގެ ދަހިވެތިކަމުގައި ޢަމަލުތައް އިޞްލާޙްކުރަން އަދިވެސް އަންހެނުން ނުވަނީހެއްޔެވެ؟ ހަމަގައިމުވެސް އެގޮތުން ބޭނުންކުރި ފައިސާ އާއި ހަދިޔާތައްވާނީ ކަރުގައި އަމިއްލައަށް އެޅި އަލިފާނުގެ ހާރަކަށް ނޫންތޯއެވެ؟ ލިބު ތަކެތީގެ 10 ގުނަ އިތުރަށް ލިބުނަސް ވީފަޟީހަތުގެ ކުޑަމިންވަރާއި އެއްވަރުވާނެތޯއެވެ؟ އަޅުގަނޑަށް ހީވާގޮތުން ވަޒީފާއަދާކުރާ ކުދިން ރީތި އަންހެންކުދިން މިކަންކަމަށް ވިސްނާލުން ރަނގަޅުވާނެއެވެ.  

- މުޢީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން