ޢިބްރަތްތެރި ވާހަކަ: ލިބިފައިވާ 3 ދަރިންނާއިމެދު ވިސްނައިނުލި ބައްޕައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 27ސ
ޢިބްރަތްތެރި ވާހަކަ: ލިބިފައިވާ 3 ދަރިންނާއިމެދު ވިސްނައިނުލި ބައްޕައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ގެންގޫޅޭނެ އަނބިންގެ ޢަދަދު ކަނޑައެޅުމުގެ ޙައްޤު ކޮންމެ ފިރިހެނަކަށްވެސް ލިބިގެންވެއެވެ. ހަމައެކަނި ނުކުރެވޭނެ ކަމަކީ 4 އަށްވުރެ ގިނަ ނުކުރުމެވެ. އެހެންކަމާއިއެކުވެސް ވިސްނާލަން ޖެހޭނެ މަސްއޫލިއްޔަތެއް ވެއެވެ. އެއީ ލިބިފައިވާ ދަރިންނެވެ. ދަރިންނަށް ހެޔޮކޮށް ހިތައި ބެލެހެއްޓުމެވެ. ޚަރަދުކުރުމެވެ. 

ތިރީގައި އެވަނީ އަނބިމީހާ ބާކީކޮށްލުމުގެ އިތުރުން ދަރިންނަށް އިހްމާލްވީ ބައްޕައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ! 

އެއީ އަޅުގަނޑުމެންގެ ކައިންޏަށް 12 ވަނަ އަހަރުގައެވެ. ،9 ،7 3، އަރުގެ 3 ދަރިން ލިބިފައިވަނިކޮށެވެ. ފިރިމީހާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ގޭގައި މަޑުކޮށްލެވޭ ކަމަކަށް ނުވެއެވެ. ކައްކާއެއްވެސް އެއްޗެއްގެ ރަހަ ކަމަކު ނުދެއެވެ. ދަރިން ކުޅެން އުޅޭތީ އުނދަގޫވެއެވެ. ދަރިއަކު ގޮސް ބައްޕާއޭ ބުނިނަމަވެސް ޖަވާބަކަށްވަނީ "ބައްޕަ ވަރަށް ބިޒީ" ކަމަށެވެ. 

ހަފްތާ ބަންދެއްގައި އޭނާއަށް އެންމެ މީރު ހުރިހާ އެއްޗެއްހެން ރޭގަނޑުގެ ކެއުމަކަށް ތައްޔާރުކުރީމެވެ. އަދި ދެމީހުން އެކުގައި ތިބެގެން ކާލަން ބުނީމެވެ. ނަމަވެސް ޖަވާބަކަށްވީ އެވަގުތަކީ އޭނާ އެންމެ ބަލާހިތްވާ ފިލްމްދައްކާ ގަޑިކަމަށްވުމުން ކާނީ ފަހުން ކަމަށެވެ. 

އެރޭ ވަރަށް ދެރަވިއެވެ. ވިސްނުނެވެ. "ދެން މިކައިވެނި ދެމިއެއް ނުއޮންނާނެއެވެ. 3 ދަރިން ތިބި ނަމަވެސް އުމުރަކީ އަދި 32 އަހަރެވެ. ވީމާ ފިރިއެއްގެ ލޯތްބާއި އެކުވެރިކަމާއި ގާތްކަން ނުލިބި މިހެންހުރެ ހޭދަވާ ކޮންމެ ދުވަހަކީ ޢުމުރުން ގެއްލިގެންދާ ދުވަހެކެވެ. އެއިގެ އިތުރުން ކޮންމެ ވަގުތަކުވެސް ވަރިކޮށް ބާކީކޮށްނުލާނެ ކަމުގެ އުންމީދެއް މިހާރަކު ނެތެވެ. އެހެންވީމާ ރަނގަޅުވާނީ މިހާރުންސުރެ އެކަމަށް ތައްޔާރުވުމެވެ." 

އަޅުގަނޑު އިސްތިޚާރާކުރަން ފެށީމެވެ. އަދި މަޑުމަޑުން ފިރިމީހާ އާއި ނުލައި އުޅެން ދަސްކުރަންފެށީމެވެ. އެގޮތަށް އެކަންކުރަންޖެހުނު އެންމެ ބޮޑު ސަބަބަކީ ފިރިމީހާގެ ކިބައިން ލިބެމުން އައި ލޯބިކޮޅުވެސް ގެއްލެން ފެށުމެވެ. ދެމީހުން އެއްދާންކުރުމުގައިވެސް ހަމައެކަނި ވާޖިބު އަދާކޮށްލާގޮތަށް ކަންކަން ކުރަން ފެށުމެވެ. 

އަޅުގަނޑު ވަޒީފާއެއް ހޯދީމެވެ. އެއީ ވިސްނުންތަކާއި ދުރުވުމުގެ އިތުރުން އެކަނިވާ ދުވަހަކު ސަލާން ނުޖަހައި އުޅެވޭނެ މަގެއް ހޯދުމުގެ ބޭނުމުގައެވެ. ޙަލާލު ނޫން ގޮތުގައި އެންމެ ރުފިޔާއެއްވެސް ހޯދަން ބޭނުންނުވާތީއެވެ. 

އަޅުގަނޑަކީ ފޭސްބުކަށް ފޮޓޯލައި ލިޔެހަދާމީހެއް ނޫނެވެ. އެކަމަކު ލިޔެލީމެވެ. "ފުދިއްޖެއެވެ. ފުދި އިތުރުވެސް ވެއްޖެއެވެ. ދެން އޮތީ ހިތްވަރުކޮށްފައި ބާރަށް ކުރިއަށްދާން މަސައްކަތްކުރުމެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ." 

އަޅުގަނޑުގެ އެކުވެރިންގެ ގޮތުގައި ތިބޭނީ ޢާއިލާގެ މީހުންނާއި އަންހެންކުދިންނެވެ. އެކުވެރިން ސުވާލުތައް އުފެއްދިއެވެ. ތިއަކިޔަނީ ކީކޭތޯ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބެއް ނުދެމެވެ. ތިމާގެ ބައެއް ކުދިންވެސް ސުވާލުކުރިއެވެ. އެކުދިންނަކަށްވެސް ޖަވާބެއް ނުދެމެވެ. 

އެހެން ހުއްޓައި ދެބެންގެދެދަރި އަންހެންކުއްޖަކު އަޅުގަނޑާއި ބައްދަލުކޮށް ޕޯސްޓާއިބެހޭ ގޮތުން ސުވާލުކުރިއެވެ. އޭނާއަކީ ތިމާގެ ކަމުގެ ގުޅުމުގެ އިތުރުން އަބަދުވެސް ވަރަށް އެކުގައި އުޅޭ ކުއްޖެކެވެ. އެހެންވެ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާވެސް ބުނީ އަޅުގަނޑަށް ކަންކަން ކުރެވެނީ ރަނގަޅަށް ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ މަގުމައްޗަށް ނެރުލުމުގެ ކުރިން ގޮތެއް ހޯދުން ކަމަށެވެ. އެއީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ. 

ކޮންމެއަކަސް ވަޒީފާއަށް ނުކުންނަން ފެށިތާ ހައަކަމަސްވެސް ނުވަނީސް ފިރިމީހާއަށް އައި ބަދަލުގެ ޙަޤީޤަތް އެނގިއްޖެއެވެ. ފިރިމީހާއަށްވުރެ 14 އަހަރު ހަގު، ރީތި އަންހެންކުއްޖަކު ފެނުނީއެވެ. 

އަޅުގަނޑު ދޮށީ ބޭބެގެ ގާތުގައި ބުނެގެން ގޭގައި އަޅުގަނޑަށް ކޮޓަރިއެއް އަޅަންފެށީމެވެ. އެއީ އެކަމަށްދާ ޚަރަދު ބޭބެއަށް މަހުންމަހަށްދީ އަގުއަދާކުރާގޮތަށެވެ. ބޭބެގެ ރަނގަޅުކަމުން ގޯތިން އަޅުގަނޑަށް ލިބޭ 400 އަކަފޫޓުގެ ބިމުގައި 3 ޑެކް އަޅާފައި ކުޑަ އެޕާޓްމަންޓެއް ހަދައިދިނެވެ. އެކަން ފިރިމީހާއަކަށް ނުއެނގޭނެއެވެ. 

ކޮންމެއަކަސް އެތަން ހަދައި ނިމުނުތާ މަސްދުވަސްވެސް ނުވަނީސް ފިރިމީހާ އޭނާ ބޭނުންވާގޮތް ބުނެފިއެވެ. "އަހަރެން 2 އަންތބަށް ކައިވެނިކުރަން ބޭނުންވެއްޖެއެވެ. ހުއްދަ ނުދޭނަމަ ކައިވެނިކުރާނީ ވަރިކޮށްފައެވެ. ވަރިކުރިޔަސް މިގޭގައި އިނދެވޭނެއެވެ. ގެއަށް ގޮސް ކުދިން ގޮވައިގެން އުޅެވޭނެ ތަނެއްވެސް ނެތެއް ނޫންހެއްޔެވެ؟" 

ޖަވާބުގައި ބުނީމެވެ. "ފިރިހެނުންނަށް 4 އަނބިން ހުއްދަކަން އެނގެއެވެ. އަހަރެން މިހައި ބޮޑަށް ނިކަމެތިކޮށްނުލައި އަހަރެންނަކީވެސް އިންސާނެއްކަން ދަނެގެން ގެންގުޅުނުނަމަ ރުހުނީމުހެވެ. މިހާރަކު ނުރުހޭނަމެވެ. ވަރިކޮށްލައިދޭށެވެ. މިގެއަކުވެސް ނުއުޅޭނަމެވެ. ދާނީ ގެއަށެވެ. މިދުވަސްޖެހެން ވަރަށް ގާތްވެއްޖެކަން ވިސްނިގެން ކުރަންޖެހޭ ކަންކަން ހުންނާނީ ކޮށްފައެވެ. ހަމައެކަނި ކުރަންވީ ކަމަކީ ދަރިންގެ ޚަރަދު ދިނުމެވެ. އެންމެ ކުޑަމިނުން ކޯޓުން ލައްވާ ވަރަށް ދިނަސް މައްސަލައެއް ނެތެވެ. އިތުރަކަށް އެއްވެސް އުނދަގުލެއް ނުކުރާނަމެވެ." 

އެހެންބުނުމުން ވަރިކުރިއެވެ. އަޅުގަނޑު 3 ދަރިން ގޮވައިގެން ގެއިން ނުކުތީ އެގޭގައި އިނދެ އެދެމީހުން ދައްކާ މަންޒަރުތައް ބަލަން ލޮލަށާއި ހިތަށް ކެތްނުކުރެވޭނެތީއެވެ. 

ކޮންމެއަކަސް ވަރިކުރިފަހުން ޚަރަދަށް އެންމެ ރުފިޔާއެއްވެސް ނުދެއެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. ބޭބެއަށް ފައިސާދެމުން 3 ކުދިން ގޮވައިގެން އުޅުނީ ވަރަށް ދަތިޙާލުގައެވެ. އަޅުގަނޑަކީ އަބަދުވެސް ދެއްވަވާ މިންވަރަށް ޝުކުރުވެރިވާ އަންހެނަކަށްވުމުން އެއްވެސް މީހަކަށް ސަލާން ނުޖަހައި އުޅެވުނެވެ. 

އެކަނި ހުންނަން ޖެހުނީ ހައަކަމަސްވަންދެންނެވެ. މަންމަޢާއި ބައްޕަ ދެއްކި މީހަކާއި ކައިވެނިކުރީއެވެ. އޭނާ ފުރަތަމަ ކައިވެނީގައި ލިބިފައިވާ 2 ދަރިން ތިބުމުން އެކުދިންނަށް ޚަރަދުކޮށްފައި އަޅުގަނޑަށް ދެވެނީ ވަރަށް މަދު ފައިސާކޮޅެކެވެ. ނަމަވެސް އޭނާއަކީ ރަނގަޅު މީހަކަށްވުމުން އޮޅުވައެއް ނުލައެވެ. ލިބޭ މިންވަރުން ޚަރަދުކުރެއެވެ. ހުސްވަގުތެއް ލިބިއްޖެނަމަ ގޭގައި ވަގުތު ހޭދަކުރެއެވެ. ގެއަށް އައުމަށްފަހު މިސްކިތަށް ނޫން ތަނަކަށް ދާނީ ވަރަށް މަދުފަހަރަކުއެވެ. 

އޭނާއަށްވެސް 2 ދަރިން ލިބި 5 ދަރިން ހަމަވިއެވެ. އަހަރެމެންގެ ދިރިއުޅުމަކީ ރަނަގަޅު ތެދުވެރި ދިރިއުޅުމެއްކަމަށްވުމުން ދިރިއުޅުމުގައި ބަރަކާތް ލެއްވެވިއެވެ. ދިރިއުޅެމުން އައީ ހަމަ ފުދިގެންނެވެ.

ދެވަނަ ކައިވެންޏަށް 20 އަހަރުވީތަނާ ހޮސްޕިޓަލުން ގުޅާފައި ބުނީ ކުރީގެ ފިރިމީހާ ޕެރަލައިޒްވެ ވަރަށް ޙާލުގައި ހޮސްޕިޓަލުގައި އޮތްކަމަށެވެ. އެއްވެސް އެހީތެރިއަކު ނެތްކަމަށެވެ. އެކަން އެނގުމުން 3 ދަރިން ގާތުގައި ބުނީމެވެ. ކޮންމެ ގޮތެއްވީނަމަވެސް އެއީ ބައްޕައެވެ. ބައްޕަކުރިކަމެއް ބައްޕައަކަށެވެ. 3 ދަރިން ތިއަތިބީ ބޮޑެތިވެފައެވެ. ބައްޕަ އެއްލައިނުލާށެވެ. ބަލައިދޭށެވެ. ބައްޕައަށް ޓަކައެއް ނޫނެވެ. ﷲ އަންގަވާފައިވާ އެންގެވުމަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. 

އެގޮތަށް ނަޞޭހަތްދިނުމުން 3 ދަރިން އޭނާ ބެލިއެވެ. ގެއަށް ގެންދެވޭވަރުވުމުން ގެއަށް ގެންދިއައިރު ގޯތީގެ އެއްބައި ވަނީ ހަގުއަންތބަށް ދީފައެވެ. ދީފައިވަނީވެސް ގެ ހުރިބައެވެ. ގެއަށް ވައްދާކަށް އެއްބަހެއް ނުވިއެވެ. އިނީވެސް ވަރިވެގެންނެވެ. 

ކުދިން ގަދަހަދައި ކުރި މަސައްކަތުން ގެއަށް ވެއްދުނެވެ. ހުހަށް އޮތްބައިގައި ކޮޓަރިއެއް އަޅައި ބަދަލުކުރެވެންދެން ބޭއްވީ އެގޭގައެވެ. އޭނާ ނިޔާވީ ކޮޓަރިއަށް ބަދަލުކޮށް މީހަކު ލައްވައި ބަލަހައްޓަމުން ގެންދާތާ ދުވަސްކޮޅެއްފަހުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ބުނެލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގައި އަޅުގަނޑަށް ދިމާވިފަދަ ކަމެއް ކުރިމަތިވުމުން އެކަމަށް ވިސްނައި ރޮއި ކަރުނައަޅަން ވަގުތު ބޭކާރުނުކުރާށެވެ! ﷲ އާއި ކުއްތަންވާން މަސައްކަތްކުރާށެވެ. އެކަމަކުން ސަލާމަތްވެވި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ވިސްނުން ﷲ ދެއްވަވާނެތެވެ. އަދި މަގުވެސް ފަހިކޮށް ދެއްވަވާނެތެވެ. 

ގައިގެ ކުލަ ދޮން ރީތި ޅަ އަންހެންކުދިން ފެނުމުން އެމީހުންނަށް އަޅުކަންކުރުމާ އަމިއްލަ ގެދޮރުވެސް ހިބައިން ދިނުމަކީ ގިނަ ފިރިހެނުންގެ ކިބައިގައި ހުންނަ ވަރަށް ނުބައި ބައްޔެކެވެ. އޭނާއަށްވެސް އެޖެހުނީ ހަމަ އެބައްޔެވެ. މައްސަލައަކީ ލޯބި އަންތބަކު ލިބުނީމާ ދަރިންނަށް ޚަރަދުކުރަން ހަނދާން ނެތިފައި ޙާލުގައި ޖެހުމުން އެދަރިންނަށް އުނދަގޫކުރާ ކަމެވެ. ލަދުހަޔާތް ނުހުންނަކަމެވެ. 

އަޅުގަނޑުގެ މިވާހަކައިން އެފަދަ ނުލަފާ ފިރިހެނުންނަށާއި އަދި ކަމެއް ދިމާވުމުން މާޔޫސްވެ ހޮތްހުސްވެގެން އުޅޭ އަންހެނުންނަށް ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. 

- ރައިޙާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން