ރާއްޖޭގެ 20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 20 ރަށުގެ ސޯލަރ ޕީވީ ނިޒާމުތަކުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރުމަށް 1،166،582 އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި ގޭބިސީތަކުން ކަރަންޓު ބިލަށްކުރާ ޚަރަދު ކުޑަކުރުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި ހަކަތަ މެނޭޖްކުރާ ނިޒާމު ޤާއިމްކުރުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއްކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިޢަދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓަށް ބަދަލުކުރުންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.