އުފާވެރިކަމަކީ ހަމައެކަނި ރުފިޔާއިން ލިބޭ އެއްޗެއްނޫން: ވަޒީރު އާދަމް ޝަރީފު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އުފާވެރިކަމަކީ ހަމައެކަނި ރުފިޔާއިން ލިބޭ އެއްޗެއްނޫން: ވަޒީރު އާދަމް ޝަރީފު

އުފާވެރިކަމަކީ ހަމައެކަނި ރުފިޔާއިން ލިބޭ އެއްޗެއްނޫން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކު މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމްގައި މިއަދު އޮތް ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ލާރި ލާރި ލާރި ލާރި މިއަދު އަޑުއިވެނީ ލާރީގެ ވާހަކަ. އެހެންނަމަވެސް އދ. ގެ ނިންމުމަށް ބަލައި އިރު ހުރިހައި އެއްޗަކީ ލާރި ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި ހުރިހައި އެއްޗެއް ލާރިއަކަށް ނުގަނެވޭ. ހިތްހަމަޖެހުމާ އުފާވެރި ކަމެއް ކޮންމެ ފަހަރަކު ލާރިއަކަށް ނުގަނެވޭ" ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެ އެބަ ކުރިޔަށްދޭ. ތަރައްޤީ ވެސް އެބަ ވޭ. އެހެންނަމަވެސް ކުށްކުރުން ވެސް އެބަ ގިނަވޭ. އަޅުގަނޑުމެން ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް މިއަދު އެބަ ފެނޭ. އަދި އަޑުއަހަން ބޭނުން ނުވާ އެތައް އަޑުތަކެއް އަޅުގަނޑުމެންގެ މާހައުލުން އެބަ އަޑު އިވޭ" ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ވެސް ވާހަކަފުޅު ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ސިޓީ މިނިސްޓްރީގެ މުވައްޒަފުންނާއި އިސްލާމިކް ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެލެއްވިއެވެ.

މިއީ މި ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތުބައްދަލުވުމެކެވެ. ކުރިއަށް އޮތް ތަނުގައި މި ފަދަ ބައްދަލުވުންތައް އެހެން ވުޒާރާތަކަށް ވެސް އަމާޒުކޮށްގެން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން