ނ. މަނަދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ނ.އަތޮޅުގެ 13 ރަށެއްގައި އާރްޓީއެލްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތަކީ ރައްޔިތުން ނުހަނު ބޮޑަށް އެދިއެދި ތިބި ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ ނ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދޭނީ 3 ރޫޓަކުން 2 ފެރީ ބޭނުންކޮށްގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އާރްޓީއެލްގެ ޒަރިއްޔާއިން އެހެން އަތޮޅުތަކާއި ނ.އަތޮޅު ގުޅާލެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވަރަށް އަވަހަށް މުޅި ރާއްޖެ އާރްޓީއެލްގެ ޚިދުމަތުން ގުޅާލުން،" ސީއީއޯ ޒިޔާދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ވަނީ ގުޅާލެވިފައެވެ. ނ.އަތޮޅުގެ 13 ރަށަށް އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 50 މީހުންގެ ޖާގައިގެ 2 ފެރީ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.