ޕާކިސްތާނު ސަރުކާރުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރުގެ އެހީއެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޕާކިސްތާނު ސަރުކާރުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރުގެ އެހީއެއް ދީފި

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޔޫއެސް ޑޮލަރު (އެއްލައްކަ ފަންސާސް ތިން ހާސް ފަސްސަތޭކަ ރުފިޔާ) ގެ އެހީއެއް ހަދިޔާކޮށްފިއެވެ. މި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދިވެހިބަހުގެ އެކެޑަމީގައެވެ.

މިރަސްމިއްޔާތުގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. އަދި ބަހުގެ އެކެޑަމީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޕާކިސްތާނުން ފޯރުކޮށްދެއްވި އެހީއަކީ ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމުގައި ބޭނުންތެރި އެހީއެއްކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކެރެވޭނެ އެއްޗެއްކަމަށާއި، އެކަމަށްޓަކައި އެންމެހާ ދިވެހީންގެ ނަމުގައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރުގެ އިތުރުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއަދު އޮންލައިން