ޤަބޫލުކުރަން އޮތް ޙަޤީޤަތަކީ އެންމެ ގާތް، އެންމެ ލޯބިވާގެ ދަރަޖައަކީ ކޮންމެ ވަޤުތަކުވެސް ބަދަލުވެދާނެ އެއްޗެއް ކަމެވެ. މައްސަލައަކަށްވަނީ އެކަން އެނގޭއިރުވެސް ފަރުވާކުޑަކުރެވޭކަމެވެ. ތިމާގެ ހިތް ޠޯހިރުވީމާ އަނެކާއަށް އިތުބާރުކުރެވެނީއެވެ. ކިޔައިދީގެން ނުވާނެ ސިއްރުތައްވސް ކިޔައިދެވެނީއެވެ. ނަތީޖާއަކަށްވަނީ ކަރުބުޑުގައި ހިތިރަހަލާންޖެހުމެވެ.
ތިރީގައި އެވަނީ މިގޮތުން ވަރަށް ޢިބްރަތްތެރި ފިލާވަޅެއްގެ ވާހަކައެވެ.
ފަރީދާ އާއި ޢަޒީޒާއަކީ ވަރަށް ގާތްދެއެކުވެރިންނެވެ. ސްކޫލްއިރުންސުރެ ވަރަށް އެކުގައި އުޅެމުން އަންނަ ދެ އެކުވެރިންނެވެ. ކަންދިމާވިގޮތުން ޢަޒީޒާއަށްވުރެކުރިން ފަރީދާއަށް ކައިވެނިކުރެވުނެވެ. ކައިވެނިކުރެވުނީވެސް ފަރީދާ ދެކެ ވަރަށް ލޯބިވާ ތަނަވަސް މީހަކާއިއެވެ.
ފަރީދާ ދިއައީ ދެމަފިރިންގެ ހުރިހާ ވާހަކަތަކެއް ޢަޒީޒާއަށް ކިޔައިދެމުންނެވެ. ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރާއި ފިރިމީހާގެ ހެޔޮކަމުގެ ވާހަކަތަކެވެ. ލޯބިން ކޮށްދޭ ކަންކަމުގެ ވާހަކަތަކެވެ. ނަތީޖާއަކަށްވީ ޢަޒީޒާގެ ހިތް ބަދަލުވާން ފެށުމެވެ. އެހެންވެ ދެމަފިރިން ދުރުކޮށް ފަރީދާގެ ފިރިމީހާ ޙާޞިލްކުރާނެ ގޮތްތަކަށް ވިސްނަން ފެށިއެވެ.
ވަރަށް ވިސްނާފައި ޢަޒީޒާ އެދުނީ ފަރީދާގެ ފިރިމީހާގެ އޮފީހުން އޭނާއަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށެވެ. ފަރިދާ އެކަންވެސް ކޮށްދިނެވެ. އަދި ޢަޒީޒާ އެއޮފީހުގައި މަސައްކަތްކުރާނަމަ ފިރިމީހާ އޮފީހުގެ އެހެން މުވައްޒިފަކާއިވެސް ގުޅުން ނުހިންގާނެ ކަމަށް ހުރީ ވަރަށް ބޮޑަށް ޔަޤީންކޮށްގެންނެވެ.
ކަންތައްވީވެސް ހަމައެހެންނެވެ. ޢަޒީޒާ ކުރަމުން އައި މަސައްކަތް ކާމިޔާބުކުރިއެވެ. ފަރީދާގެ ފިރިމީހާގެ ލޯބިވެރިއެއްގެ ދަރަޖަ ހޯދިއެވެ. ވީމާ އެކަން އެކުރީ އެހެން މުވައްޒިފެއް ނޫނެވެ. ޢަޒީޒާއެވެ.
އެއްދުވަހެކެވެ. ފަރީދާ ކަމަކު ބޭރުގައި އުޅެމުން ފިރިމީހާގެ އޮފީހަށް ވަދެލިއެވެ. ފިރިމީހާގެ ކޮޓަރިއަށް ވަނުމުން ފެނުނު މަންޒަރުން ޙައިރާންވެ ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައި އެތައް އިރަކު ހުރުމަށްފަހު ބުނެވުނެވެ. "އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި މިހައި ގިނަ ދުވަހު އުޅެފައި އަދި ވަޒީފާއެއް ވެސް ހޯދައިދިނުމުން ޝުކުރުވެރިވުމުގެ ގޮތުން ދޭންފެނުނު އިނާމަކީ ތިއައީ ހެއްޔެވެ؟"
ޖަވާބުގައި ޢަޒީޒާ ބުންޏެވެ. "އަހަރެން ކުށްވެރިނުކުރާށެވެ! ކަލޭގެ ފިރިމީހާގެ މައްޗަށް އަހަރެންގެ ހިތުގައި ޝައުޤުވެރިކަން އުފެއްދުވީ ކަލެއެވެ. އެހައި ރަނގަޅު ފިރިހެނަކު ބޭނުންނުވާނީ ކާކުހެއްޔެވެ؟ ހިތްހެޔޮ، ލޯބިވާ ފިރިއަކާއިއެކު އުޅުމުގެ ޙައްޤަކީ ހަމައެކަނި ކަލެއަށް ލިބެންޖެހޭ ޙައްޤަކީހެއްޔެވެ؟"
ޢަޒީޒާގެ ވާހަކައިން އަނެއްކާވެސް ފަރީދާއަށް ލިބުނީ އަންތަރީސްކަމެވެ. ސަބަބަކީ އޭނާ އެދެއްކީވެސް ހަމަ ތެދުވާހަކައެވެ. ހުރިހާވެސް މައްސަލައަކީ ފިރިމީހާ އާއި އަދި ދެމަފިރިންގެ ގުޅުމާއިބެހޭ ގޮތުން ކިޔައިދީގެން ނުވާނެ ވާހަކަތައް އެންމެ ގާތް އެކުވެރިޔާއަށް ކިޔައިދެވުނު ކަމެވެ.
އެހެންވެ ފަރީދާ އޭނާގެ ކުށް ޤަބޫލުކޮށްފައި ނުކުމެގެންދިއައީއެވެ. ފިރިމީހާގެ ގެއަކަށް ނޫނެވެ. އަމިއްލަގެއަށެވެ. ދެމަފިރިން އެކުގައި ލޯބިން ދެން ނުއުޅެވޭނެކަން ޔަޤީންވާތީއެވެ.
މިއީ ވަރަށް ގިނަ ބައަކު ބަލައިގެންފައިވާ ވާހަކައެކެވެ. މިވާހަކައިގެ މައްޗަށްވަނީ އެކިވަރުގެ ފިލްމުތައްވެސް އުފައްދައިފައެވެ. އެއީ ވާހަކައިން ލިބޭ ޢިބްރަތް ބޮޑުކަމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާމިކުރީ އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅެން މެދުވެރިވީވެސް ހަމަ އެންމެ ގާތް އެކުވެރިޔާއަށް ކުރެވުނު އިތުބާރުގެ ސަބަބުން ކަމުގައިވާތީއެވެ. ހަމަ މިވާހަކައިގައި އެދިމާވިފަދައިން ފިރިމީހާގެ ރަނގަޅުކަމުގެ ވާހަކަތައް އެންމެ ގާތް އެކުވެރިޔާއަށް ކިޔައިދެވުނުކަމުން ކަމުގައިވާތީއެވެ.
އަޅުގަނޑަށްވެސް ކަންކަން ވިސްނުނީ ވާނެ ހުރިހާ ކަންކަންވެ ނިމުނު ފަހުންނެވެ. އެހެންވެ އަމިއްލަ ކުށް ޤަބޫލުކޮށް އެކުގައި އުޅެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ކާމިޔާބުނުކުރެވުނީއެވެ. ވީމާ މިފަދަ ކަންކަމަކީ ހަމަ ހިނގަމުން އަންނަ ކަންކަން ކަމަށްވާތީ ކިޔުންތެރިންނަށް ފިލާވަޅަކަށްވެ ފައިދާކުރާނެކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ.
--އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް